Roadha Mihaaru
ފަޒީލާއެކު އިތުރު ދެ މީހަކު ހައްޔަރުކޮށްފި

ޝިމާގެ ކޮއްކޮ ގޮވައިގެން ދިއުމުން ފަޒީލާ އެކު އިތުރު ދެ މީހަކު ހައްޔަރުކޮށްފި

11 މާޗް 2019

ގެއްލިފަައިވާ އައިމިނަތު ޝިމާގެ އަންހެން ކޮއްކޮއެއް ގޮވައިގެން އިއްޔެ ޑިންގީއެއްގައި ދަނިކޮށް، ޝިމާ ގޮވައިގެން ދަތުރުކުރި އިބްރާހިމް ފަޒީލާއި އިތުރު ދެ މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް މިއަދު ޖަހައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ގެއްލިފަައިވާ އައިމިނަތު ޝިމާގެ އަންހެން ކޮއްކޮއެއް ގޮވައިގެން އިއްޔެ ޑިންގީއެއްގައި ދަނިކޮށް، ޝިމާ ގޮވައިގެން ދަތުރުކުރި އިބްރާހިމް ފަޒީލާއި އިތުރު ދެ މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް މިއަދު ޖަހައިފި އެވެ.

ލ. ފޮނަދޫން މާމެންދު އަށް މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަތުރުކުރަމުން ދަނިކޮށް ޑިންގީ ބަންޑުން ޖަހާލައި ޝިމާ، 19، ގެއްލުނު ފަހުން އޭނާ ޚަބަރެއް އަދިވެސް ނުވެ އެވެ. ޝިމާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފާއި ލ. އަތޮޅުގެ ބައެއް ރަށްތަކުގައި ދިރިއުޅޭ މީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިހާތަނަށް އައިއިރު، ޝިމާގެ އެއްވެސް ހަބަރެއް ނުވެ އެވެ.

ޝިމާ އާއި ފަޒީލް ދަތުރު ކުރި ޑިންގީ ވެސް ހޯދިފައެއް ނުވެ އެވެ.

ފުލުހުން ބުނީ ލ. މާމެންދޫން 16 އަހަރުގެ އަންހެން ކުއްޖަކު ގޮވައިގެން ތިން މީހަކު ޑިންގީއެއްގައި އިއްޔެ ހަވީރު ދަނިކޮށް ސިކްސް ސެންސް ރިސޯޓު ކައިރިން ހުއްޓުވައި ހައްޔަރު ކުރީ 22 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެނގިފައިވާ ގޮތުގައި ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން 24 އަހަރުގެ ޒުވާނަކީ ލ. ގަމަށް އުފަން ފަޒީލެވެ. އަދި ތިން މީހުން ޑިންގީއެއްގައި ގޮވައިގެން ދިޔައީ ޝިމާގެ ކޮއްކޮ އެވެ.

ގެއްލުނު ޝިމާ ހޯދަން އެމްއެންޑީއެފް އިން ޑައިވިން ރޮބޮޓް ބޭނުން ކުރަނީ -- ފޮޓޯ: އެމްއެންޑީއެފް

ގެއްލުނު ޝިމާ ހޯދަން އެމްއެންޑީއެފް އިން ޑައިވިން ރޮބޮޓް ބޭނުން ކުރަނީ -- ފޮޓޯ: އެމްއެންޑީއެފް

މި ތިން މީހުން މިއަދުން ފެށިގެން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ގަމު މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޝިމާ ގެއްލުނު ހާދިސާގައި، ޑިންގީ ބަންޑުން ޖަހައިލުމުން ފަޒީލް ފަތާފައި އެރީ ސިކްސް ސެންސަސް ރިސޯޓަށެވެ. އޭނާ އެ ރިސޯޓާ ހަމައަށް ފަތާފައި ދިޔައީ ޝިމާއަށް އަތަށް ފޯނަކާއި ހަމެއް ދީފައި ކަމަށް ފަޒީލް ބުނެފައިވެ އެވެ. އެ ޑިންގީގައި އެ މީހުން ދަތުރު ކުރިއިރު މޫސުން ގޯސް ކަމަށްވެ އެވެ.

އެ ހާދިސާއާ ގުޅިގެން ޝިމާގެ އާއިލާއިން ފަޒީލްގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެ އެވެ. އެ މީހުން ބުނަނީ ފަޒީލް އެކިފަހަރު ވާހަކަ ދައްކަނީ އެކި ގޮތަށް ކަމަށެވެ. އެކަމަކު އެ ތުހުމަތުތައް ފަޒީލް ދޮގުކުރެ އެވެ.

ފަޒީލް ކުރިން "މިހާރު" އަށް ބުނި ގޮތުގައި އޭނާގެ ޒަމާންވީ ރަހުމަތްތެރިޔާ ޝިމާ ކައްދޫ މަގުން ގަމަށް ދިއުމުން ޝިމާގެ ކަންކަން ބެލެހެއްޓީ އޭނާ އެވެ. ޝިމާ ގޮވައިގެން ކުޑަ ޑިންގީއެއްގައި މާމެންދުއަށް ދާން ފުރީ ކޮންމެހެން ވެސް ރަށަށް ދިއުމަށް ޝިމާ ބޭނުންވެފައި ހުރުމުން ކަމަށް ފަޒީލް ބުނެ އެވެ. އަދި ޑިންގީ ބަންޑުން ޖަހާލުމުން ޝިމާ ސަލާމަތް ކުރުމަށް އޭނާ ވަރަށް މަސައްކަތް ކުރި ކަމަށާއި މާކަނޑުގެ ވަކި ހިސާބުން އޭނާއަށް ޝިމާ ގެއްލުނީ ކަމަށް ފަޒީލް ބުނެ އެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކަމަކު ފުލުހުން އެކަމާ ބެހޭ ގޮތުން މާ ބޮޑު ވާހަކައެއް ނުދައްކަ އެވެ.