Roadha Mihaaru
ފަޒީލުގެ މައްޗަށް އެތައް ދައުވާއެއް ވަނީ އުފުލާފައި

ފަޒީލުގެ މައްޗަށް އެތައް ދައުވާއެއް ވަނީ އުފުލާފައި

13 މާޗް 2019

ގެއްލިގެން ހޯދަމުން އަންނަ އައިމިނަތު ޝިމާއާ އެކު ދަތުރުކުރި އިބްރާހިމް ފަޒީލްގެ މައްޗަށް މީގެ ކުރިން އެތައް ދައުވާއެއް އުފުލައި، ޝަރީއަތް ކުރިއަށް ދާކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގެއްލިގެން ހޯދަމުން އަންނަ އައިމިނަތު ޝިމާއާ އެކު ދަތުރުކުރި އިބްރާހިމް ފަޒީލްގެ މައްޗަށް މީގެ ކުރިން އެތައް ދައުވާއެއް އުފުލައި، ޝަރީއަތް ކުރިއަށް ދާކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ލ. ގަމަށް އުފަން ފަޒީލް، 25، ގެ މައްޗަށް ޕީޖީން އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި 2011 ގައި އުފުލި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށާއި 2012 އަދި 2016 ގައި އުފުލި ވައްކަމުގެ ދެ މައްސަލައެއް ހިމެނެ އެވެ.

އޭގެ އިތުރުން ޣައިރު ގާނޫނީ އެއްވުމަކުން އަމާން ނަގާލުމުގެ ކުށުގެ ދައުވާއެއް 2012 ގައި، ފަޒީލްގެ މައްޗަށް އުފުލާފައިވެ އެވެ.

އެނގިފައިވާ ގޮތުގައި މާރާމާރީއެއްގެ މައްސަލައެއްގައި މީގެ ކުރިން އޭނާ ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ.

އެ ހުރިހާ މައްސަލައެއް އޮތީ ގަމު މެޖިސްޓްރޭޓް ކޯޓުގަ އެވެ. އެކަމަކު ޝަރީއަތް ގޮސް އޮތް ހިސާބެއް ސާފުވާ ގޮތެއް ނުވި އެވެ.

ޝިމާ ގެއްލުނީ ލ. ފޮނަދޫން ފުރައިގެން އޭނާގެ ރަށް މާމެންދުއަށް ކުޑަ ޑިންގީއެއްގައި ދާން ނުކުތް ފަހުން މާ ކަނޑަށެވެ. ޑިންގީ ދުއްވަން ހުރި ފަޒީލް ބުނާ ގޮތުން، ގަދަ ކަނޑުގައި ޑިންގީ ބަންޑުން ޖަހާލުމާ އެކު ޝިމާ ސަލާމަތްކުރަން އޭނާ ވަރަށް މަސައްކަތްކުރި އެވެ.

ފަޒީލް ސަލާމަތްވީ، ސިކްސް ސެންސަސް ރިސޯޓަށް އަރަ އެވެ.

އެމްއެންޑީއެފުން އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ އިރު ޝިމާ އާއި ޑިންގީގެ އެއްވެސް ނިޝާނެއް އަދި ނުފެނެ އެވެ.

މި ހާދިސާއަށް ފަހު ފަޒީލްގެ ނަން މީޑިއާގައި އަނެއްކާ އާންމުވެގެން މި އުޅެނީ ޝިމާގެ 16 އަހަރުގެ އަންހެން ކޮއްކޮއެއް ގޮވައިގެން ޑިންގީއެއްގައި ދަނިކޮށް ހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ އާއި އިތުރު ދެ މީހަކު ގެންދިއުމުންނެވެ.

ފަޒީލް ހައްޔަރުކޮށް އޭނާގެ ބަންދުގެ މުއްދަތަށް 15 ދުވަސް، ގަމު މެޖިސްޓްރޭޓް ކޯޓުން ވަނީ ޖަހައިދީފަ އެވެ.