Roadha Mihaaru

ގަދަރުވެރި ދެ ޔުނިފޯމުން ނިވާވެ ކޮރަޕްޝަން ހިންގުން ހުއްޓުވަންޖެހޭ!

ސިފައިންނާއި ފުލުހުންނަށް ގަދަރާއި އިހުތިރާމާއި ހާއްސަ އެތައް ކަމެއް ދޭންޖެހެ އެވެ. ނަމަވެސް މި ޝަރަފުވެރި ދެ ޔުނީފޯމުން ނިވާވެ ތިބެ އެ ދެ މުއައްސަސާގެ ތެރެއިން ހިންގަމުންދާ ބައެއް ކަންކަމާ ހެދި އިތުބާރު ގެއްލެނީ އެވެ.

ގަދަރުވެރި ދެ ޔުނިފޯމުން ނިވާވެފައިވާ ކޮރަޕްޝަން!
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

18 އޯގަސްޓް 2025

ސިފައިންނާއި ފުލުހުންނަށް ގަދަރާއި އިހުތިރާމާއި ހާއްސަ އެތައް ކަމެއް ދޭންޖެހެ އެވެ. ނަމަވެސް މި ޝަރަފުވެރި ދެ ޔުނީފޯމުން ނިވާވެ ތިބެ އެ ދެ މުއައްސަސާގެ ތެރެއިން ހިންގަމުންދާ ބައެއް ކަންކަމާ ހެދި އިތުބާރު ގެއްލެނީ އެވެ.

ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އާއި ސިފައިންގެ ވެލްފެއާ ކޮމްޕެނީ (ސިވެކް) އާއި ފުލުހުންގެ ކޯޕަރޭޓިވް (ޕޮލްކޯ) އަކީ އެ ދެ މުއައްސަސާގެ މަންފާ އަށް ރަނގަޅު މަގުސަދުގައި އުފައްދައި ހިންގަން ފެށި ތަންތަން ކަމަށް ވިޔަސް އެ ތަންތަނާ ބެހޭ ގޮތުން ކޮރަޕްޝަނުގެ ސީރިއަސް ތުހުމަތުތައް ނޫން ވާހަކައެއް ބޭރެއް ނުވެ އެވެ. ފުލުހުންނާއި ސިފައިންނަކީ ހާއްސަ އިނާޔަތްތަކާއި އިސްތިސްނާތަކެއް ލިބިގެންވާ ބަޔަކަށް ވުމީ އެ ތަންތަނުން ކުންފުނިތައް ހަދައި ވިޔަފާރީގެ ތެރެއަށް ވަނުމުން ކޮރަޕްޝަނުގެ ތެރެއަށް ފަސޭހައިން ހުށަހެޅޭ ބޮޑު ސަބަބެކެވެ.

މި ދެ މުއައްސަސާގެ ވިޔަފާރީގެ ކަންކަމުގެ ތެރެއަށް ރައްޔިތުންގެ މަޖިލިސް މި ފަހުން ވަދެ ބަލަން ފަށާފައިވާ މައްސަލަތަކުގެ ތެރެއިން، ބަޔަކު ޖެހިލުމެއް ނެތި ކޮށްފައިވާ ކަމަށް ބެލެވޭ ބޮޑެތި "ވައްކަންތައް" ހާމަވަމުން ދާއިރު މީގެ ބައެއް ވިޔަފާރިތައް ގާނޫނާ ހިލާފުކަން އެހާ ބޮޑަށް އޮތީ ސަމާލުކަމަށް ނައިހެވެ.

ގާނޫނު އޮތް ގޮތުން ޖެހެނީ ކުންފުނިތައް އުވާލަން

ޕޮލްކޯ އާއި ސިފްކޯގެ ތެރޭގައި ހުރި ކޮރަޕްޝަންގެ ވާހަކަތައް އެންމެ ބޮޑަށް ފެންމަތިވީ މިދިޔަ އަހަރު ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ޕޮލްކޯގެ ފްލެޓްތަކާ ގުޅޭ އޮޑިޓް ރިޕޯޓެއްގައި ހިމެނޭ ކަންކަން ބަލަން ފެށި ހިސާބުންނެވެ. އެ މައްސަލައަށް ފަހު، މާލިއްޔަތު ކޮމިޓީން އަންނަނީ ސިފްކޯގެ އޮޑިޓް ރިޕޯޓެއް ވެސް ދިރާސާ ކުރަމުންނެވެ

ޕޮލްކޯ އާއި ސިފްކޯގެ ފްލެޓްތައް. އެ ފްލެޓްތަކާ ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވޭ -- ފޮޓޯ: މިހާރު

ޕޮލްކޯ އާއި ސިފްކޯގެ ފްލެޓްތައް. އެ ފްލެޓްތަކާ ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވޭ -- ފޮޓޯ: މިހާރު

ޕޮލްކޯގެ މައްސަލަ ބަލާ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، ޕޮލްކޯ އާއި ސިފްކޯގެ ތެރެއިން މައްސަލަތައް ފެންމަތިވެފައިވާތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި މިހާތަނަށް ވެސް ދިމާވާ މައްސަލައަކީ ފިޔަވަޅެއް އަޅަން ނުކެރުން ކަމަށެވެ.

"ދެހާސް ނަވާރަ ވަނަ އަހަރު ތެރޭގައި ފުލުހުންގެ ގާނޫނު އިސްލާހުކުރި އިރު ވަނީ އެ އިޝޫ އަށް އެޑްރެސް ކޮށްފައި. އަޅުގަނޑުމެން ޕޮލްކޯގެ މައްސަލަ ބެލި އިރު ވެސް އެކަން ފާހަގަކުރެވުނު. ގާނޫނަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި ނޫނީ ވަކި މުއްދަތެއް ކަނޑައާޅާފައި ހަދާފައިވާ ކުންފުނިތައް އުވައިލަން ގާނޫނުން ވެސް އޮތީ ލާޒިމްކޮށްފައި،" އޭނާ ވިދާޅުވި އެވެ.

"އަދި މިހާރު ވެސް ހިންގަމުން ގެންދާ ޕޮލްކޯގެ ހުރިހާ ވިޔަފާރިތައް އަލުން ރަޖިސްޓަރީ ކުރަން ވެސް ޖެހޭ."

ފުލުހުންގެ ގާނޫނުގެ 125 ވަނަ މާއްދާގެ ށ. ގައި ވާ ގޮތުން ފުލުހުންގެ ވެލްފެއާ ކަންކަން ކުރުމަށް ކޯޕަރޭޓިވްސް ފިޔަވައި އިތުރު ގާނޫނީ ޝަހްސެއް އުފައްދައި ވިޔަފާރި ކުރުން މަނަލެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް މާލިއްޔަތު ކޮމިޓީގައި. މާލިއްޔަތު ކޮމިޓީން އަންނަނީ ފުލުހުންނާއި ސިފައިންގެ ކުންފުންޏާ ގުޅޭ ގިނަ މައްސަލަތަކެއް ބަލަމުން -- ފޮޓޯ: މިހާރު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް މާލިއްޔަތު ކޮމިޓީގައި. މާލިއްޔަތު ކޮމިޓީން އަންނަނީ ފުލުހުންނާއި ސިފައިންގެ ކުންފުންޏާ ގުޅޭ ގިނަ މައްސަލަތަކެއް ބަލަމުން -- ފޮޓޯ: މިހާރު

އެކަމަކު، އެ ތަންތަން އުވާނުލައި ތިބެނީ ކުންފުނިތައް އުވާލާ ނަމަ އޮޑިޓް ކުރަން ޖެހޭތީ އެ ހިސާބުން ކޮރަޕްޝަނުގެ އަމަލުތައް ފަޅާއަރައި، މުޅި މުއައްސަސާ ފަލީހަތްވެ، އެތައް ބައެއްގެ ނުރުހުމުން ސަލާމަތް ވާން ކަމަށް ބެލެވެ އެވެ. އޮޑިޓް ކޮށްފި ނަމަ ކޮރަޕްޝަންތަކާއި ވައްކަންތައް ފަޅާ އަރާނެތީ އެވެ.

ނާޒިމް ވިދާޅުވީ، ފުލުހުންގެ ގާނޫނުގެ ތެރެއިން އާ ކޯޕަރޭޓިވްއެއް އުފެއްދި ނަމަވެސް އެ ކޯޕަރޭޓިވް އަށް އެއްވެސް ހިދުމަތެއް ހިންގަން ހަވާލުނުކޮށް ބަލަހައްޓައިގެން ތިބީ ކަމަށެވެ.

"ގާނޫނާ ހިލާފަށް އެ ކުންފުނިތައް ހިންގަމުން އެ ދަނީ. ކުންފުނިތައް އުވައިލުމަކީ ގާނޫނުތައް ވެސް ލާޒިމުކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެން އެންމެ ފަހުން ބެލި ބެލުމުގައި އެނގިފައި އޮތީ ޕޮލްކޯ އަށް ވުރެ ވެސް ހާލު ބޮޑު ކަމަށް ސިފްކޯގެ ކަންތައްތައް. ޕޮލްކޯގެ ރިޕޯޓަށް ވުރެ ވެސް ގޯސްކޮށް ސިފްކޯގެ ރިޕޯޓުގައި ކަންކަން ހުރި ކަމަށް މައުލޫމާތު ލިބިފައި އޮތީ. މިއީ ކަންބޮޑުވެ، ހިތާމަ ކުރަން ޖެހޭ ކަމެއް،"--- ނާޒިމް

މިހާރުވެސް 400 މިލިއަނަށް ވުރެ ބޮޑު ކޮރަޕްޝަނެއް ފާހަގަވެފައިވާ ފުލުހުންގެ ހައުސިންގެ އިތުރުން އެހެން މަސައްކަތްތަކާ ގުޅޭ އޮޑިޓެއް އެކުލަވައިލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ސިފްކޯއާ ގުޅޭ އޮޑިޓްގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

"އަޅުގަނޑުމެން އެންމެ ފަހުން ބެލި ބެލުމުގައި އެނގިފައި އޮތީ ޕޮލްކޯ އަށް ވުރެ ވެސް ހާލު ބޮޑު ކަމަށް ސިފްކޯގެ ކަންތައްތައް. ޕޮލްކޯގެ ރިޕޯޓަށް ވުރެ ވެސް ގޯސްކޮށް ސިފްކޯގެ ރިޕޯޓުގައި ކަންކަން ހުރި ކަމަށް މައުލޫމާތު ލިބިފައި އޮތީ. މިއީ ކަންބޮޑުވެ، ހިތާމަ ކުރަން ޖެހޭ ކަމެއް،" ޕޮލްކޯ އާއި ސިފްކޯގެ ކޮރަޕްޝަންތަކާ ދެކޮޅަށް ރައްޔިތުންގެ މަޖިލިހުގައި އެންމެ އަޑުގަދަ މެމްބަރުގެ ގޮތުގައި ފާހަގަ ކުރެވޭ ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ފުލުހުން އިސްކަން ދޭންވާނީ ގާނޫނުގައި ކަނޑައަޅާފައިވާ ޒިންމާތައް އުފުލާށެވެ. އެ މުއައްސަސާތައް ވާން ޖެހޭނީ ނަޒާހަތްތެރި މުއައްސަސާއަކަށް ކަމަށާއި މީގެ ކުރިން އެ އިދާރާތައް ޒިންމާދާރު ކުރުމުގެ "ޕޮލިޓިކަލް ވިލް" ނެތް ކަމަށް ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީން ވަނީ އެ އިދާރާތަކާ ގުޅޭ މައްސަލަތައް ބަލަން ފަށައިފަ އެވެ. ސިފައިންނާއި ފުލުހުންނާ ގުޅޭ 140 އަކަށް ޑޮކިއުމެންޓް ދިރާސާކޮށް ވަނީ ނިންމައިފަ އެވެ. އަދި ޒިންމާވާން ޖެހޭ ވަކި ވަކި ފަރާތްތަކަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ނިންމުންތައް ވަރަށް ސާފުވާނެ. އަޅުގަނޑުމެން އެއްގޮތަކަށް ވެސް ބަސް އޮޅުވާލާފައެއް ނޯންނާނެ. ވަރަށް ސާފު ބަހުން ބުނެފައި އޮންނާނެ މަންނަ އަކީ މަންނަ އެކޭ [އަ ސްޕޭޑް އިޒް އަ ސްޕޭޑް]. ވަރަށް ކެރިގެން އެ ވާހަކަ ބުނެފައި އޮންނާނެ. ރައީސްގެ އިސްނެންގެވުމުގެ މަތިން މައްސަލަ ހައްލުކުރަން ލިބުނު ރަނުގެ ފުރުސަތެއް މިއީ،"

ފުލުހުންގެ ފްލެޓްތަކާ ގުޅޭ ގޮތުން ފެންމަތިވެފައިވާ މައްސަލައިގައި ގާތްގަނޑަކަށް 400 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ އަމަލުތައް މިހާރު ވަނީ ފާހަގަ ކޮށްފަ އެވެ. އެ މަސައްކަތް މާލިއްޔަތު ކޮމިޓީގައި މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އަނެއްކޮޅުން އެ ކޮމިޓީން އަންނަނީ ސިފްކޯގެ އޮޑިޓް ރިޕޯޓެއް ވެސް ދިރާސާ ކުރަމުންނެވެ. އޭގެ ތެރެއިން ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގިނަ ކަންތައްތަކެއް ފާހަގަކުރެވިފައިވެ އެވެ.

ސިފްކޯ އަކީ އެމްއެންޑީއެފްގެ ތެރެއިން އެކި ވިޔަފާރިތައް ހިންގަމުން އަންނަ ކުންފުންޏެވެ. އެ ކުންފުނީގެ ވެބްސައިޓުގައިވާ ގޮތުން މައިިގަނޑު ހަ ވިޔަފާރިއެއް ކުރެ އެވެ. އޭގެ ތެރޭގައި 13 ރީޓެއިލް ފިހާރަ އާއި ކޭޓަރިން ހިދުމަތާއި ހަވާ އެރުވުމާއި ހޮސްޕިޓަލް ހިންގުމުގެ އިތުރުން ރިއަލް އެސްޓޭޓު ވިޔަފާރި ވެސް ހިމެނެ އެވެ.

ސިފްކޯގެ އިތުރުން ޕޮލްކޯ އަށް ހާއްސަ ވެބްސައިޓުން ވެސް އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކާއި އެހެން ބައެއް ވިޔަފާރިތަކުގެ ތަފްސީލުތައް ފެންނަން ހުއްޓެވެ.

މިހާރު އޭގެ މަގްސަދު މުޅިން ގެއްލިއްޖެ. އަނެއްކާ އޭގެ ނާޖައިޒް ފައިދާ ނެގުމަށް ފުރުސަތު އެބަ ލިބިގެންދޭ. އެ ތަންތަން އޮތުމަކީ އެހާ މުހިއްމު ކަމެއް ނޫން. ސިފައިންނާއި ފުލުހުން ވިޔަފާރިތެރަށް ވަދެގެން ނުވާނެ އެއްވެސް ހާލެއްގައި. މިހާރު އެކަން ބަދަލު ވެފައި އޮތީ. މިހާރު ޖެހޭނީ އުވާލަން،"--- ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ، ސިފްކޯ އޭރު ހެދީ، ބޮޑު ކުންފުންޏެއްގެ ގޮތުގައި ވިޔަފާރިކޮށް ފައިދާ ހޯދުމުގެ ބަދަލުގައި ސިފައިންގެއަށް ފައިދާވާ ބައެއް ކަންކަން ކުރުމަށް ކަމަށެވެ. އެކަމަކު އޭރު ކުންފުނި އުފެއްދި މަގްސަދު މިހާރު ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ސިފްކޯ އަދި ޕޮލްކޯ ވެސް އެ ގޮތުގައި އޮތުމަށް ވުރެ އުވާލުން މާ ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް: އޭނާ ވެސް ވަނީ ޕޮލްކޯ އާއި ސިފްކޯގެ ވިޔަފާރިތައް ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވެފައި - ފޮޓޯ: ނިޝާން އަލީ / މިހާރު

ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް: އޭނާ ވެސް ވަނީ ޕޮލްކޯ އާއި ސިފްކޯގެ ވިޔަފާރިތައް ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވެފައި - ފޮޓޯ: ނިޝާން އަލީ / މިހާރު

"މިހާރު އޭގެ މަގްސަދު މުޅިން ގެއްލިއްޖެ. އަނެއްކާ އޭގެ ނާޖައިޒު ފައިދާ ނެގުމަށް ފުރުސަތު އެބަ ލިބިގެންދޭ. އެ ތަންތަން އޮތުމަކީ އެހާ މުހިއްމު ކަމެއް ނޫން. ސިފައިންނާއި ފުލުހުން ވިޔަފާރިތެރަށް ވަދެގެން ނުވާނެ އެއްވެސް ހާލެއްގައި. މިހާރު އެކަން ބަދަލު ވެފައި އޮތީ. މިހާރު ޖެހޭނީ އުވާލަން،" އޭނާ ވިދާޅުވި އެވެ.

ކުރީގެ މިނިސްޓަރު ނާޒިމް ވިދާޅުވީ، އެފަދަ ވިޔަފާރިތަކުގެ ތެރެއިން މުހިއްމު އިދާރާތަކުގެ އަގު ވެއްޓިގެން ދިއުން އެއީ ދެރަ މައްސަލައެއް ކަމަށާއި އެކަން ނުވާނެ ގޮތަކަށް ކަންކަން ބަދަލުވާން ޖެހޭ ކަމަށެވެ. އެހެންވެ، އެންމެ ފުރަތަމަ ކޯޕަރޭޓިވްސްތައް އުފެއްދި ގޮތަށް، ފުޅާ ދާއިރާއެއްގައި ވިޔަފާރިތައް ނުކުރެވޭ ގޮތަށް، ސްކޯޕް ބަދަލު ކުރުން ވަރަށް މުހިއްމު ކަމަށް ސިފައިންގޭގައި ވިއްސަކަށް އަހަރު ހިދުމަތް ކުރެއްވި ނާޒިމް ވިދާޅުވި އެވެ.

"ސްކޯޕު ކުޑަކުރަން ޖެހޭ. ބަޔަކާ ގުޅިގެން ކެންޓީނު މަސައްކަތް ކުރަންވީ. ހަވާއެރުވުމުގެ މަސައްކަތް ވެސް ކޮންމެހެން ސިފައިން ބަލާކަށް ނުޖެހޭ. އެ މީހުން ސެކިއުރިޓީ ބަލަހައްޓާފައި އެހެން ބަޔަކަށް ދިނީމާ ނިމުނީ ނޫންތޯ؟" އޭނާ ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގެ އިސްނެގުމަށް ޕޮލްކޯއާ ގުޅޭ އެތައް މައްސަލައެއް ބަލަމުން އަންނަ އިރު ސިފްކޯއާ ގުޅޭ އޮޑިޓެއްގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ޕޮލްކޯ އާއި ސިފްކޯ ވެސް ޕީސީބީން ބަލަން ޖެހޭ

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ގާނޫނުގައިވާ ގޮތުން ސަރުކާރުގެ ހިއްސާ އޮންނަ، އިދާރާތަކުގެ ކަންކަން ބެލުމުގެ ބާރު އެ އިދާރާއަށް ފުޅާ ދާއިރާއެއްގައި ލިބިދީފައިވެ އެވެ. އެކަމަކު މިހާތަނަށް އެ ކުންފުނިންތަކުން ހިންގާ ވިޔަފާރީގެ ކަންކަން ޕީސީބީން ބަލައިފައެއް ނުވެ އެވެ.

ޕީސީބީގެ ކުރީގެ ނައިބު ރައީސް ފިރާޒް ވިދާޅުވީ، އޭނާ ޕީސީބީގައި ހުންނެވިއިރު މައިނޯރިޓީ، މެޖޯރިޓީ އަދި ޖޮއިންޓް ވެންޗާ ކުންފުނިތަކުގެ ކަންކަން ބަލަހައްޓަން ފަށަން ގާނޫނީ ގޮތުން ނިންމަން ޖެހޭ މަރުހަލާތައް ކުރިއަށް ދިޔަ ކަމަށެވެ.

މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި މެމްބަރު ޣަފޫރު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް

މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި މެމްބަރު ޣަފޫރު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް

އޭނާ ވިދާޅުވީ، ޕޮލްކޯ ވެސް އަދި ސިފްކޯ ވެސް ހިންގަނީ ދައުލަތުގެ ކުންފުންޏެއްގެ ގޮތަށް ކަމަށާއި އެކަންކަން ޕީސީބީން ބަލަން ޖެހޭނެ ކަމަށެވެ.

"ސިފްކޯ ވިޔަސް، ޕޮލްކޯ ވިޔަސް ބައިވަރު ވަރުގަދަ ބޮޑެތި ޓްރާންސެކްޝަންތައް އެބަ ހިނގާ. އޭގެ ޒާތުގައި މީޑިއަމް ސްކޭލް ވިޔަފާރިއެއް ހިންގާ ކަހަލަ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

"އެ ވަރުގެ ވޮލިއުމް އޮފް ޓްރާންސެކްޝަން އެބަ ހިންގާ. އެހެންވީމަ އެބަ އާދޭ، ޕްރޮކިއުމެންޓް، ރިސޯސަސް، އެޗްއާރް ފަންކްޝަން. އެހެން ގޮސް ބައިވަރު ކަންކަން ބަލަން. އެހެންވީމާ އެބަޖެހޭ ރަނގަޅަށް އެކަންކަން ކުރޭތޯ ބަލަން."

މާލިއްޔަތުގެ މަސައްކަތްތަކާ އެކު އެ ދެ ކުންފުނީގެ ތެރެއިން ހުރި މައްސަލަތައް ހައްލު ކުރުމުގެ ފުރުސަތު މިހާރު އޮތީ ފަހިވެފަ އެވެ. އެކަމަކު އެކަން ކުރެވޭނީ، އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ގާނޫނުތަކާ އެއްގޮތަށް އެ އިދާރާގެ ހިންގަން ފެށުމުންނެވެ. އެތައް ޒަމާނެއް ވަންދެން މޫލާފައި އޮތް ކޮރަޕްޝަންގެ މި މައްސަލަތައް މުލުން ލުހެލުމަށް ކެރިއްޖެ ނަމަ ކާމިޔާބުވީ އެވެ.