Roadha Mihaaru

ސިފްކޯގެ އޮޑިޓް: ފްލެޓާއި ކޭޓަރިންގެ ހިދުމަތް ދިނުމުގައި ވެސް މައްސަލަތަކެއް

ސިފައިންގެ ފްލެޓްތަކުގެ މަސައްކަތް ނޫމަޑިން ފެށުން ލަސްކުރީ، ސިފައިންގެ ވެލްފެއާ ކުންފުނި ސިފްކޯއިން ދޭން ޖެހޭ ފައިސާ ނުދައްކައިގެން ނުވަތަ އެ ފައިސާ ދިނުން ލަސްވެގެން ނޫން ކަމަށާއި އަދި ކޭޓަރިންގެ ހިދުމަތްތައް ހޯދުމުގައި ވެސް މައްސަލަތައް ހުރި ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.

ސިފްކޯގެ އޮޑިޓް: ފްލެޓާއި ކޭޓަރިންގައި ވެސް މައްސަލަ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

12 އޯގަސްޓް 2025

ސިފައިންގެ ފްލެޓްތަކުގެ މަސައްކަތް ނޫމަޑިން ފެށުން ލަސްކުރީ، ސިފައިންގެ ވެލްފެއާ ކުންފުނި ސިފްކޯއިން ދޭން ޖެހޭ ފައިސާ ނުދައްކައިގެން ނުވަތަ އެ ފައިސާ ދިނުން ލަސްވެގެން ނޫން ކަމަށާއި އަދި ކޭޓަރިންގެ ހިދުމަތްތައް ހޯދުމުގައި ވެސް މައްސަލަތައް ހުރި ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި، ސިފްކޯއާ ގުޅޭގޮތުން އޮޑިޓް އޮފީހުން އެކުލަވާލި ރިޕޯޓުގެ މުހިއްމު ބައިތައް ވަނީ ހިއްސާކޮށްފަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން ފްލެޓް އެޅުމަށް މަސައްކަތް ހަވާލުކޮށްފައިވަނީ މާޗް 28، 2014 ގަ އެވެ. ނަމަވެސް، ނޫމަޑިން މަސައްކަތް ފެށުމަށް ސައިޓަށް ތަކެތި ވައްދާފައިވަނީ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން އޮކްޓޫބަރު، 2015 ގަ އެވެ.

"ސިފްކޯ އިން ނޫމަޑިއަށް ޑައުންޕޭމެންޓްގެ ގޮތުގައި ދެއްކުމަށް ހަމަޖެހިފައިވާ 191.4 މިލިއަން ރުފިޔާގެ ތެރެއިން 125.93 މިލިއަން ރުފިޔާ ނޮވެމްބަރު 16، 2019 ގެ ނިޔަލަށް ހަވާލުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވޭ،" އެ ރިޕޯޓުގައި ބުންޏެވެ.

"އެ ފައިސާ ނޫމަޑިއާ ހަވާލުކޮށްފައިވާއިރު 1 ޑިސެމްބަރު 2023 ގައި ސިފްކޯ އާއި ނޫމަޑިއާއެކު އެކުލަވާލާފައިވާ މަސައްކަތުގެ އެއްބަސްވުމާއި ތާވަލާ އެއްގޮތަށް ނޫމަޑިން މަސައްކަތް ކޮށްފައި ނުވާ ކަމާއި ހައުސިން ޔުނިޓުތައް އިމާރާތް ކުރުމުގެ މަސައްކަތް ސައިޓުގައި ފެށުމާ ހަމައަށް ސިފްކޯއިން 89.5 މިލިއަން ރުފިޔާ ނޫމަޑިއާ ހަވާލުކޮށްފައިވޭ."

އެ މަސައްކަތް ކުރިއަށް ނުދިޔައީ ތާވަލާ އެއްގޮތަށް ސިފްކޯގެ ފަރާތުން ފައިސާ ނުލިބުމުން ކަމަށް ނޫމަޑިން ބުންޏަސް ސިފްކޯއިން ފައިސާ ދޫކޮށްފައިވާ ކަން ލިޔެކިޔުންތަކުން އެނގޭ ކަމަށް ވެސް އޮޑިޓުގައި ބުންޏެވެ.

ހައުސިން ޔުނިޓުތަކުގެ މަސައްކަތް ކުރިއަށް ނުދާތީ، އެ އެއްބަސްވުން އުވާލުމަށް ނިންމުމުން 92.5 މިލިއަން ރުފިޔާ އަނބުރާ ދޭން ވެސް އެއްބަސްވި އެވެ. އެ ފައިސާ ހޯދުމަށް ސެޕްޓެމްބަރު 30، 2016 އިން ފެށިގެން މާޗް 30، 2017 އާ ހަމައަށް ފައިސާ ދެއްކުމަށް ފުރުސަތު ދިނެވެ. ފައިސާ ދެއްކުމުގެ ގޮތުން ޑޭޓެޑް ތިން ޗެކެއް ނޫމަޑިން ސިފްކޯ އަށް ފޮނުވާފައިވެ އެވެ.

ނޫމަޑިން ސިފްކޯއަށް ދައްކަން ޖެހޭ ފައިސާ، އޮގަސްޓް، 2019 ގައި ހެދި ސެޓުލްމެންޓް އެގްރީމެންޓްގެ ތެރެއިން އުނިކޮށްފައިވެ އެވެ. އެހެންވެ، އެ ކުންފުނިން ސިފްކޯ އަށް ދައްކަންޖެހޭ އިތުރު ފައިސާއެއް ނެތް ކަމަށް ވެސް ފިނޭންސް މިނިސްޓްރީން އޭފްރީލް 2021 ގައި އަންގާފައިވެ އެވެ.

ސިފްކޯ ފްލެޓްތަކުގެ އެއްބަސްވުން ބާތިލް ކުރުމަށްފަހު އެ މަސައްކަތް ފަހުން ނިންމީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.

ބަންޑާކޮށީގެ ކެއުމުގެ ހަރަދަށް ޕެޓީ ކޭޝް އިން 18.5 މިލިއަން ރުފިޔާ

އޮޑިޓް ރިޕޯޓުގައިވާ ގޮތުން ބަންޑާރަކޮށީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކައްކާ ކެއުން ތައްޔާރު ކުރުމުގެ މަސައްކަތް ސިފްކޯއާ ހަވާލުކުރީ ސެޕްޓެމްބަރު 2013 ގަ އެވެ. އެ އެއްބަސްވުމުގެ ދަށުން ތަރުކާރީ އާއި މޭވާ އާއި ކަނޑުމަސް އަދި ކާޑުގެ ބާވަތްތައް ގަތުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ޕެޓީ ކޭޝްތައް، ތަކެތި ގަތުމަށް ހަވާލުވެފައި ހުންނަ އެމްއެންޑީއެފްގެ މުވައްޒަފަކާ ހަވާލު ކޮށްގެންނެވެ. އެގޮތުން ސެޕްޓެމްބަރު 30، 2013 އިން ޖޫން 22، 2015 ގެ ނިޔަލަށް 18.5 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހޭދަކުރި ކަމަށް ވެސް އޮޑިޓްގައިވެ އެވެ.

"ބާޒާރުން ތަކެތި ހޯދުމާ ހަވާލުވާ މުވައްޒަފު، ތަކެތި ހޯދަނީ ލިބެން ހުންނަ ރަނގަޅު އަގުތަކެއްގައި ކަން ބެލުމަށް އަމަލުކުރަން ޖެހޭ ގައިޑްލައިނެއް ބޭނުން ކުރަމުން ނުދާ މައްސަލައިގައި ތަރުކާރީއާ މޭވާ އަދި މަހުގެ ބާވަތްތަކަކީ، އޭގެ އަގުތަކަށް ބަދަލުތައް އަންނަ އެއްޗެހި ކަމަށާއި އެފަދަ ތަކެތި އާންމުކޮށް ކްރެޑިޓަށް ދޫނުކުރާ ކަމަށާއި ކްރެޑިޓަށް ދޫކުރަނީ ކޭޝް ޕްރައިޒަށް ވުރެ އަގު ބޮޑުކޮށް ކަމަށްވާތީ،" އެ ރިޕޯޓުގައި ވެ އެވެ.

ރިޕޯޓުގައިވާ ގޮތުން އެކަން ހައްލުކުރުމަށް މޭވާ އާއި ތަރުކާރީ މިހާރު ބޭރުން ގެނެސްގެން، ބޭނުން ކުރަމުން އަންނަ ކަމަށް ވެސް ސިފްކޯއިން ބުނެފައިވެ އެވެ. އަދި ޕެޓީ ކޭޝް ފައިސާއިން، ކެއުމަށް ބޭނުންވާ ހަރަދުތައް ހަމަޖައްސަނީ ސިފްކޯއިން ގެންގުޅޭ އާންމު އުސޫލުން ކަމަށާއި އަދި ކޯޕްރޭޓިވްގެ ޕްރޮކިއުމެންޓް ޕޮލިސީއެއް އެކުލަވާލާފައިވާ ވާތީ ކުރިއަށް އޮތްތަނުގައި ތަކެތި ހޯދާނީ އެ އުސޫލުގެ ތެރެއިން ކަމަށް ވެސް ސިފްކޯއިން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ބަންޑާރަކޮށި މެސް ރޫމްތައް ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރުމަށް ކުންފުންޏެއް ހޯދާފައިވަނީ ވެސް އާންމުކޮށް އިއުލާނުކޮށްގެން ނޫން ކަމަށާއި އަދި އެ ހިދުމަތް ފޯރުކޮށްދޭ، ފަރާތްތަކުގެ އަގުތައް ވެސް ބަލައިގެން ނޫން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

"އެކަމަށް އެއްބަސްވެފައިވާ ގޮތަށް، މަސައްކަތާ ހަވާލުވި ކުންފުނިން މެސް ރޫމްތައް ބެލެހެއްޓުމަށް މުވައްޒަފުން ބޭތިއްބުމަށް އެއްބަސްވެފައިވާ އަދަދަށް މުވައްޒަފުން ބައިތިއްބަމުން ގެންދޭތޯ ކަށަވަރު ނުކޮށް، ހަވާލުވި ކުންފުނިން ހުށަހަޅާ ބިލްތަކަށް އޮކްޓޫބަރު 2013 އިން ޖޫން 2015 ގެ ނިޔަލަށް 2.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ މައްސަލަ،" އޮޑިޓް ރިޕޯޓުގައިވަނީ އެކަން ފާހަގަކޮށްފައިވެ އެވެ.

އެކަމަކު މިހާރު މުވައްޒަފުން ތިބެންޖެހޭ މިންވަރު ކަށަވަރު ކުރަމުން އަންނަ ކަމަށް ވެސް ސިފްކޯއިން މައުލޫމާތު ދީފައިވެ އެވެ.

ބަޑިބޭހުގެ ކުޅިވަރުތައް ބާއްވައިގެން އޮކްޓޫބަރު 2014 އިން ޑިސެމްބަރު 2014 އަށް 3.03 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެ އަދަދުގެ 50 ޕަސެންޓު ފައިސާ ސިފްކޯއަށް ލިބިފައިވެ އެވެ. ބާކީ 50 ޕަސެންޓް ލިބުނީ އެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާގެ ކުންފުނި، ވެންޒައި އީސްޓް ކޯސްޓް ފަޔަވޯކްސް ކޮމްޕެނީ ލިމިޑެޓަށެވެ.

އޮޑިޓް ރިޕޯޓުގައިވަނީ އެ ކުންފުންޏާ އެކު ބަޑިބޭސް ރާއްޖެ ގެންނަން އެއްބަސްވިއިރު، މާކެޓުގައި އެކަން އެންމެ އަގުހެޔޮކޮށް ކުރަމުން އަންނަ ކުންފުނިތައް ބަލާފައި ނެތް ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް އެހެން ކުންފުނިތަކުން ޕްރޮޕޯސަލް ވެސް ހުށަހަޅާފައެއް ނުވެ އެވެ.