Roadha Mihaaru
ޝަކުވާ މުހިންމެއް ނޫން، އެއްބާރުލުން ދިނީމާ ނިމުނީ!

އުއްޗު އާއި އަފީފަށް މުހިންމީ ޝަކުވާއަށް ވުރެ ބޮޑަށް އެއްބާރުލުން ދިނުން

21 އޮކްޓޯބަރ 2024

މީގެ ސާޅީހަކަށް ނުވަތަ ފަންސާހަކަށް އަހަރު ކުރިއަށް ޖެހިލަމާ ހިނގާށެވެ؛ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ހުރިހާ ކަމެއް އޮތީ އެ ކަމުގައި އެންމެ އިސްކޮށް އުޅުނު އިންވެސްޓަރުންގެ ބެލުމުގެ ދަށުގަ އެވެ. ބަސް ކިޔައި ހެދީ އެ މީހުންނެވެ. އެކަމަކު ސަރުކާރުން ޓޫރިޒަމަށް ހާއްސަ މިނިސްޓްރީއެއް އުފައްދައި ގަވާއިދުތައް ވުޖޫދަށް އައުމާ އެކު އިންވެސްޓަރުން ސަރުކާރަށް ބޯލަނބައި ކިޔަމަންވި އެވެ. ގަވާއިދުތަކާއި އުސޫލުތަކެއްގެ ތެރެއިން ކަންކަން ކުރެވޭނީ އެހެން ކަމަށް ވާތީ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މީގެ ސާޅީހަކަށް ނުވަތަ ފަންސާހަކަށް އަހަރު ކުރިއަށް ޖެހިލަމާ ހިނގާށެވެ؛ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ހުރިހާ ކަމެއް އޮތީ އެ ކަމުގައި އެންމެ އިސްކޮށް އުޅުނު އިންވެސްޓަރުންގެ ބެލުމުގެ ދަށުގަ އެވެ. ބަސް ކިޔައި ހެދީ އެ މީހުންނެވެ. އެކަމަކު ސަރުކާރުން ޓޫރިޒަމަށް ހާއްސަ މިނިސްޓްރީއެއް އުފައްދައި ގަވާއިދުތައް ވުޖޫދަށް އައުމާ އެކު އިންވެސްޓަރުން ސަރުކާރަށް ބޯލަނބައި ކިޔަމަންވި އެވެ. ގަވާއިދުތަކާއި އުސޫލުތަކެއްގެ ތެރެއިން ކަންކަން ކުރެވޭނީ އެހެން ކަމަށް ވާތީ އެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު އިންވެސްޓަރު ޗަމްޕާ ބްރަދާސްގެ ޗެއާމަން މުހައްމަދު މޫސާ (އުއްޗު) "މިހާރު" އަށް އިއްޔެ ދެއްވި އިންޓަވިއު ފެއްޓެވީ އެ ހިސާބުންނެވެ.

ޗަމްޕާ ބްރާދާސް އާއި ކްރައުން އެންޑް ޗަމްޕާގެ ހިއްސާދާރުން ކަމަށްވާ އުއްޗު (ކ) އާއި އަފީފް "މިހާރު" އާ އިއްޔެ ވާހަކަ ދައްކަވަނީ. އެއީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރި ކުރާ ދެ ބެއިން -- ފޮޓޯ: ނިޝާން އަލީ / މިހާރު

ޗަމްޕާ ބްރާދާސް އާއި ކްރައުން އެންޑް ޗަމްޕާގެ ހިއްސާދާރުން ކަމަށްވާ އުއްޗު (ކ) އާއި އަފީފް "މިހާރު" އާ އިއްޔެ ވާހަކަ ދައްކަވަނީ. އެއީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރި ކުރާ ދެ ބެއިން -- ފޮޓޯ: ނިޝާން އަލީ / މިހާރު

މީރު އައިލެންޑް ރިސޯޓުގައި ހުންނަވައި، އުމުރުން މިހާރު 79 އަހަރުގެ އުއްޗު އާއި އޭނާގެ ކޮއްކޮ ޗަމްޕާ ހުސައިން އަފީފު ވަނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް ހާއްސަ ކޮށްގެން ސަރުކާރާއި އެމްއެމްއޭ އިން ދާދި ފަހުން ގެނައި ބަދަލުތަކާ ގުޅޭ ގޮތުން އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތް ހިއްސާ ކުރައްވައިފަ އެވެ.

އުއްޗު ވިދާޅުވި އެއް ވާހަކައަކީ ސަރުކާރުން ކަންކަން ނިންމެވުމުން އެކަންކަން އެގޮތަށް ކުރުން ނޫން ގޮތެއް ވިޔަފާރިވެރިންނަށް ނެތް ކަމެވެ. އެއީ ޓެކްސް ވިޔަސް ނުވަތަ އެހެން ގަވާއިދެއް ކަމަށް ވިޔަސް އެ ކަންކަމަށް އުއްޗުގެ އެއްބާރުލުން ލިބޭނެ ކަަމަށް ވިދާޅުވި އެވެ. މަރުހަބާ ވިދާޅުވާނެ އެވެ.

ޓޫރިޒަމްގެ ޕައިނިއަރު ހުސެއިން އަފީފު "މިހާރު" އާ އިއްޔެ ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ / މިހާރު

ޓޫރިޒަމްގެ ޕައިނިއަރު ހުސެއިން އަފީފު "މިހާރު" އާ އިއްޔެ ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ / މިހާރު

"އަޅުގަނޑަށް އެނގޭހާ ވެސް ވަރަކީ، އެއިރެއްގައި އޮންނަ ސަރުކާރަކުން މަސައްކަތް ކުރައްވާނީ އާންމު ރައްޔިތުންނަށް އެންމެ ރަނގަޅަކަށް އެކަން ކޮށްދެއްވަން،" ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އުއްޗު ވިދާޅުވި އެވެ.

ކްރައުން އެންޑް ޗަމްޕާގެ ދަށުން 11 ރިސޯޓެއް ހިންގަމުން އަންނައިރު، އެ ރިސޯޓުތަކުގައި ތިން ހާހަށް ވުރެ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އެ ކުންފުނީގެ ކުޑައިގެން ދަށުން ހިންގަނީ ދުނިޔޭގައި ވެސް އެންމެ ފާހަގަކޮށްލެވޭ އަދި ލަގްޒަރީ ރިސޯޓުތަކެވެ.

ރާއްޖޭގެ ބޭންކުތަކުން ލިބެނީ 12 މިލިއަން ޑޮލަރުވަރު

އުއްޗުގެ ކޮންމެ ދުވަހެއް ވެސް ހޭދަކުރައްވަނީ ވިޔަފާރީގެ ތެރޭގަ އެވެ. އުމުރުން މިހާރު 70 އަށް ވުރެ މަތީގައި އުޅޭ އިރު ވެސް އޭނާގެ ހުރިހާ ފޯކަސްއެއް ހުރީ ވިޔަފާރިއަށެވެ. އިންވެސްޓަރެއްގެ ހުރިހާ ސިފައެއްގެ އުއްޗުގެ ކިބައިގައި އަދިވެސް އެބަހުއްޓެވެ. ދައްކަވަނީ ވިޔަފާރީގެ ވާހަކައެވެ.

"މިހާރު" އާ ވެސް ވާހަކަ ދެއްކެވީ އެ މައުލޫއުގެ ތެރޭގަ އެވެ.

މުހައްމަދު މޫސާ (އުއްޗު) "މިހާރު" ދެއްވި އިންޓަވިއުގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ / މިހާރު

މުހައްމަދު މޫސާ (އުއްޗު) "މިހާރު" ދެއްވި އިންޓަވިއުގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ / މިހާރު

އޭނާ ވިދާޅުވީ، މިވަގުތު ހަދާ ރިސޯޓުތަކަށް ލޯނު ނަގަނީ ބޭރުގެ ބޭންކުތަކުން ކަމަށެވެ. އެކަން ކުރަން ޖެހެނީ ރާއްޖޭގެ ބޭންކުތަކުން އެ ފައިސާ ނުލިބޭތީ އެވެ.

އުއްޗު ވިދާޅުވިގޮތުގައި، ރާއްޖޭގެ ބޭންކަކުން އެންމެ ބޮޑު އަދަދަކަށް ވެސް ލިބެނީ 10-12 މިލިއަން ޑޮލަރެވެ. އެކަމަކު ރިސޯޓެއް ހަދަން އެތައް މިލިއަން ޑޮލަރެއް ބޭނުންވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ރިސޯޓުތައް ހެދުމަށްޓަކައި އުއްޗުގެ ކުންފުނިން މިވަގުތު ވެސް އޮތީ 200 މިލިއަން ޑޮލަރަށް ވުރެ ގިނަ ލޯނު ނަގައިފަ އެވެ. އެ ލޯނުތައް އަނބުރާ ދައްކަނީ ކުރާ އިންވެސްޓްމެންޓްތަކުންނެވެ.

"ސަރުކާރަކުން އެންމެ ލާރިއެއް ވެސް ދީގެނެއް ނޫން ތަންތަން ހަދަނީކީ. ބޭރުން އިންވެސްޓަރުން އައިސް އެ ހަދަނީ. ފަޅު އެ ގަންނަނީ 40 މިލިއަން 30 މިލިއަނަށް. އެ މީހުން ރިސޯޓު ހަދަނީ 200 މިލިއަން 300 މިލިއަން ހޭދަކޮށްގެން،" އުއްޗު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 200 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްތައް ނުވަތަ ލޯނު އަނބުރާ ދައްކަން 20 އަހަރު ވެސް ހޭދަކުރަން ޖެހެ އެވެ.

އުއްޗު އިއްޔެ "މިހާރު" އާ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ، ސަރުކާރުން ނިންމާ ނިންމުންތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް -- ފޮޓޯ: ނިޝާން އަލީ / މިހާރު

އުއްޗު އިއްޔެ "މިހާރު" އާ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ، ސަރުކާރުން ނިންމާ ނިންމުންތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް -- ފޮޓޯ: ނިޝާން އަލީ / މިހާރު

ޗަމްޕާ އަފީފު ވިދާޅުވީ، އެ ކުންފުންޏަށް ވަންނަ ހުރިހާ ޑޮލަރެއް މިހާރު ވެސް ވައްދަނީ ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް އަށް ކަމަށެވެ. އެހެންވެ، އެ ގަވާއިދުން އެކަމަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ގޮންޖަހާލާފައި މި ބުނަނީ ގޮސް ބައްލަވާ. އެހެންވީމާ، އަޅުގަނޑުމެން އަހަރަކު ރިސޯޓަކަށް ވަރު މި އިންވެސްޓް ކުރަނީ. ބޭރުގައި އެ ފައިސާ ބަހައްޓައިގެން އެކަން ކުރެވޭނެތޯ؟ އެކަމަކު އަޅުގަނޑުމެންނަށް ލިބޭ އެއްޗަކަށް ވުރެ ގިނައިން ބޭރުން ވެސް ދަރަންޏަށް ނަގައިގެން މިކަން ކުރަނީ،" އޭނާ ވިދާޅުވި އެވެ.

އެއީ މުހިއްމު ކަމެއް. [ސަރުކާރު] މާ ހެވީ. އަސްލުގައި ވެސް،"--- އަފީފު

އަފީފު ވިދާޅުވިގޮތުގައި، ހަ ރިސޯޓުގައި ސޯލާ އެނާޖީ އުފެއްދުމަށް މި އަހަރު އެކަނިވެސް 20 މިލިއަން ޑޮލަރު ވަނީ ހަރަދު ކޮށްފަ އެވެ. އެ މަސައްކަތުގެ އަމަލީ ކަންކަން މިހާރު ކުރިއަށް ގެންދެ އެވެ.

"މުޅިން ލޯނު. އިޓަލީންނާއި ޖަރުމަނުން [ލޯނު] ނަގައިގެން ގެނެސް އެ ހަރުކުރަނީ. އަޅުގަނޑުމެން މި އުޅެނީ ރައީސް ވިދާޅުވި ގޮތަށް އަޅުގަނޑުމެންގެ ރިސޯޓުތަކުގެ 30 ޕަސެންޓު، ކަރަންޓް ސޯލާއިން ލިބޭތޯ ބަލަން،" އޭނާ ވިދާޅުވި އެވެ.

އެންމެ މުހިއްމީ ނުދައްކާ ހުރި ފައިސާ ހޯދުން، ނުހެދި ހުރި ރަށްތައް ހެދުން

އަފީފު ވިދާޅުވިގޮތުގައި، ޓޫރިޒަމް ސިނާއަތަށް އާރޯކަން ގެނެސް، މުޅިން އެ ސިނާއަތުގެ ފައިދާ ރަނގަޅު ކުރަން ބޭނުން ނަމަ އެންމެ މުހިންމީ ދައުލަތަށް ލިބެން ޖެހޭ އެކަމަކު ނުލިބި ހުރި ފައިސާ ހޯދުމެވެ.

އަފީފާއި އުއްޗު އިއްޔެ މީރު އައިލެންޑް ރިސޯޓުގައި: އެ ދެބޭފުޅުންގެ ހިއްސާ އޮންނަ 11 ރިސޯޓު ރާއްޖޭގައި ހިންގާ -- ފޮޓޯ: ނިޝާން އަލީ / މިހާރު

އަފީފާއި އުއްޗު އިއްޔެ މީރު އައިލެންޑް ރިސޯޓުގައި: އެ ދެބޭފުޅުންގެ ހިއްސާ އޮންނަ 11 ރިސޯޓު ރާއްޖޭގައި ހިންގާ -- ފޮޓޯ: ނިޝާން އަލީ / މިހާރު

ޓެކްސް އިދާރާ، މީރާގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުން ނަމަ އެ އިދާރާ އަށް ނުލިބި 10 ބިލިއަން ރުފިޔާ އެބަހުއްޓެވެ. ޓީޖީއެސްޓީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ އާއި ރިސޯޓު ކުލީގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ ލިބެން ޖެހެ އެވެ. ރިސޯޓު ހަދަން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ނުހެދި މަސައްކަތްތައް ހުއްޓިފައިވާ ރަށްތަކުގެ އަދަދު އުޅެނީ 80 އިން މަތީގަ އެވެ.

އަފީފު ވިދާޅުވީ، އެކަންކަން ހައްލު ނުކުރެވިގެން އުޅެނީ ސަރުކާރުން މާ ބޮޑަށް ލުއިކޮށްލުމުން ކަމަށެވެ.

"އެއީ މުހިއްމު ކަމެއް. [ސަރުކާރު] މާ ހެވީ. އަސްލުގައި ވެސް،" އޭނާ ވިދާޅުވި އެވެ.

އުއްޗު ވިދާޅުވީ، އެހާ ގިނަ ރަށްތަކުގެ މައްސަލަތައް ކޯޓަށް ގޮސް ހައްލުކުރަން ފަސޭހަ ވެސް ނުވާނެ ކަމަށެވެ. ނަމަވެސް ދައުލަތަށް ލިބެން ޖެހޭ ފައިސާ ނުލިބި ލަސްވީ ސަރުކާރުން ވިޔަފާރިވެރިންނަށް ވިސްނަވާތީ ކަމަށާއި އެކަމަށް ޝުކުރުވެރިވާ ކަމަށް އުއްޗު ވިދާޅުވި އެވެ.

ނިންމުމަށް ގޮތް ނުކިޔާނަން، ސަރުކާރުން ނިންމާނީ އެންމެ ރަނގަޅަށް

ދާދި ފަހުން ސަރުކާރުން ވަނީ ގްރީން ޓެކްސް 100 ޕަސެންޓަށް ބޮޑުކޮށް، ޓީޖީއެސްޓީ އެއް ޕަސެންޓް އިތުރުކޮށްފަ އެވެ. ސަރުކާރުން ހުށަހެޅި އިސްލާހުގައި ބުނާގޮތުން އަންނަ އަހަރުން ފެށިގެން ކުރިން ހަ ޑޮލަރު ދައްކަމުން އައި ތަންތަނުން 12 ޑޮލަރު ދައްކަން ޖެހޭނެ އެވެ. އަދި ތިން ޑޮލަރު ދައްކަމުން އައި ތަންތަނުން ހަ ޑޮލަރު ދައްކަން ޖެހޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އުއްޗު ވިދާޅުވީ، ބަދަލުތަކާ މެދު ގޮތެއް ކިޔަން އެނގޭނީ އެ ކަންކަމަށް އަމަލު ކުރަން ފެށުމުން ކަމަށެވެ.

"ރައްޔިތުން އެދޭ އެ ބޭފުޅުން ކައިރީގައި އެތައް މަސައްކަތެއް ކުރަން. ބަނދަރު ހަދަން، އެއާޕޯޓު އަޅަން. އެބޭފުޅުން [ސަރުކާރު] އަތުގައި ވެސް ލާރިއެއް ނުހުންނާނެ. ޖެހޭނީ ލޯނާއި އެއްޗެހި ނަގަން. ލޯނު ނުހޯދަންޏާ ޓެކްސް ވެސް ބޮޑު ކުރަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

މީރު މޯލްޑިވްސް ރިސޯޓުގައި އަފީފާއި އުއްޗު" ދެ ބޭފުޅުން ވަނީ ޓޫރިޒަމް ދާއިރާގެ ނިންމުންތަކާ މެދު ދެކެވަޑައިގަންނަވާ ގޮތް ހިއްސާކުރައްވާފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު

މީރު މޯލްޑިވްސް ރިސޯޓުގައި އަފީފާއި އުއްޗު" ދެ ބޭފުޅުން ވަނީ ޓޫރިޒަމް ދާއިރާގެ ނިންމުންތަކާ މެދު ދެކެވަޑައިގަންނަވާ ގޮތް ހިއްސާކުރައްވާފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު

އަފީފު ވިދާޅުވީ، އާ ޓެކްސް އިސްލާހުތަކަށް ޓޫރިޒަމް ސެކްޓަރު "ރެޑީކަން" އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަމަކު އިތުރު ޗޮއިސްއެއް ނެތް ކަމަށެވެ. އޭނާ އުންމީދު ކުރައްވަނީ ވިޔަފާރިވެރިންނާއި ރައްޔިތުންނަށް ދެރަވާނެ ކަމެއް ސަރުކާރުން ނުކުރާނެ ކަމަށެވެ.

އުއްޗު ވިދާޅުވީ، ސަރުކާރުން މިއަދުން ފެށިގެން ޓެކްސް ނަގަން ފެށިޔަސް، އެކަން އެގޮތަށް ޖެހޭނީ ކުރަން ކަަމަށެވެ. އެކަން އެގޮތަށް ނުކުރެވޭ ހާލަތެއް ކުރިމަތިވެއްޖެ ނަމަ ޖެހޭނީ ވިޔަފާރި ހުއްޓާލާށެވެ.

"[ވިޔަފާރި] ނުކުރެވޭ މީހަކު ހުއްޓާލައިގެން ތިބީމަ ނިމުނީ. އަޅުގަނޑުމެންނަކަށް އެ ބޭފުޅުންނެއް ނާންގައޭ ރިސޯޓެއް ހަދާކަށް. ފިނޭންސް އިން ވެސް އެމްއެމްއޭ އިން ނާންގާ. އަޅުގަނޑުމެން ރިސޯޓު ހަދައިގެން އުޅޭތީ މި ކަހަލަ ކަންކަން މި ޖެހެނީ،" އޭނާ ވިދާޅުވި އެވެ.

އުއްޗު ވިދާޅުވީ، ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނަގާއިރު، ބައެއް އާއިލާތައް އަންނަނީ ކުދިން ގޮވައިގެން ކަމަށެވެ.

އެމްއެމްއޭ އިން ގެނައި އާ ބަދަލުގެ ސަބަބުން ރިސޯޓުތަކާއި ހޮޓާތަކާއި ސަފާރީތަކުން އަންނަ ޓޫރިސްޓުންގެ ބޮލަކަށް 500 ޑޮލަރު އަދި ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓެެއްގެ ބޮލަކަށް 25 ޑޮލަރުގެ މަގުން މާރުކުރަން ޖެހެ އެވެ.

ރައްޔިތުން އެދޭ އެ ބޭފުޅުން ކައިރީގައި އެތައް މަސައްކަތެއް ކުރަން. ބަނދަރު ހަދަން، އެއާޕޯޓު އަޅަން. އެބޭފުޅުން [ސަރުކާރު] އަތުގައި ވެސް ލާރިއެއް ނުހުންނާނެ. ޖެހޭނީ ލޯނާއި އެއްޗެހި ނަގަން. ލޯނު ނުހޯދަންޏާ ޓެކްސް ވެސް ބޮޑު ކުރަން ޖެހޭނެ،"--- އުއްޗު

"މިސާލަކަށް ދެ އަހަރު ނުވާ ކުދިން ގޮވައިގެން ވެސް އެބަ އާދޭ. ތިން ހަތަރު ކުދިން ގޮވައިގެން ވެސް އެބަ އާދޭ. ތިން ކުދިންނާއި ބައްޕަ އާއި މަންމަ ލީމާ ފަސް މީހުން. އެއްކަލަ ރޫމަށް ދައްކަން 2،500 ޑޮލަރު މާރު ކުރަން ޖެހެނީ،" އުއްޗު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދިވެހި ރުފިޔާ ނަގައިގެނެއް ނޫން ރިސޯޓު ހެދީކީ. އަނެއްކާ މިހާރު އެމްއެމްއޭ ގަވައިދު އޮތް ގޮތުން ދިވެހި ރުފިޔާ ނުނެގޭނެ ބޭނުން ވަރަކަށް. ދުވާލަކު ނެގޭނީ 250،000 ރުފިޔާ."

ރިސޯޓުތަކުގެ އޮކިއުޕެންސީ ދަށްވުމާ ގުޅޭ ގޮތުން އުއްޗު ވިދާޅުވީ، ރިސޯޓުތަކަށް ނަގާ ގްރީން ޓެކްސް 12 ޑޮލަރަށް ބޮޑުކުރުމުން ޓޫރިސްޓުންގެ ޝައުގުވެރިކަން ބޮޑުވާނީ ގެސްޓް ހައުސްތަކަށް ކަމަށެވެ.

"މިހާރު ވެސް އެ އޮތީ ރިސޯޓުތަކަށް ގްރީން ޓެކްސް 12 ޑޮލަރު. ކޮންތާކަށް އަންނާނީ؟،" އޭނާ ވިދާޅުވި އެވެ.

އުއްޗު އާއި އަފީފުގެ މުޅި އިންޓަވިއު ހުލާސާ ކޮށްލާއިރު ކަންބޮޑުވާ ކަންތައްތަކެއް ހުރި ކަން ދޭހަވެ އެވެ. އެކަމަކު، އެއްވެސް ކަމެއްގައި ޝަކުވާ ކުރައްވަން ދެ ބޭފުޅުން ވެސް ބޭނުމެއް ނޫނެވެ. ސަރުކާރުން ކަންކަން ކުރާނީ ރަނގަޅަށެވެ. ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ވަރުގަދަ އެއް އާއިލާގެ އިސް ދެވެރިންގެ ވިސްނުމަކީ އެއީ އެވެ.