Roadha Mihaaru
ލ. އަތޮޅަށް ހަތަރު ރިސޯޓު، ގަން-ފޮނަދޫ ސިޓީއަކަށް!

ލ. އަތޮޅަށް ހަތަރު ރިސޯޓު، ގަން-ފޮނަދޫ ސިޓީއަކަށް!

27 އެޕްރީލް 2024

ލ. އަތޮޅުގައި ހަތަރު ރިސޯޓު ތަރައްގީކޮށް، ގަން-ފޮނަދޫ ސިޓީއަކަށް ބަދަލުކުރަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓަރު އަދި އެ އަތޮޅު ފޮނަދު އަށް އުފަން އިބްރާހިމް ފައިސަލް އިއްޔެ ދެއްވައިފި އެވެ.

ލ. އަތޮޅުގައި ހަތަރު ރިސޯޓު ތަރައްގީކޮށް، ގަން-ފޮނަދޫ ސިޓީއަކަށް ބަދަލުކުރަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓަރު އަދި އެ އަތޮޅު ފޮނަދު އަށް އުފަން އިބްރާހިމް ފައިސަލް އިއްޔެ ދެއްވައިފި އެވެ.

އޭނާ އެ ޔަގީންކަން ނުވަތަ އެ ވައުދުވީ، މިދިޔަ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ބައްޕަ އަބްދުއްރަހީމް އަބްދުﷲ ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމުން އެކަން ފާހަގަކުރަން ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި ބޭއްވި ސައިކަލް ބުރަށް ފަހު ވާހަކަ ދައްކަވަމުންނެވެ.

ފައިސަލް ވިދާޅުވީ، "ވަން އައިލެންޑް" ކޮންސެޕްޓްގެ ހަތަރު ރިސޯޓު މި ސަރުކާރުން ތަރައްގީ ކުރާނެ ކަމަށެވެ. ފުރަތަމަ އެއްބަސްވުން ނުވަތަ ލީސް އެއްބަސްވުން ކުރިއަށް އޮތް މި ހަފުތާގެ ތެރޭގައި ދުބާއީގެ ކުންފުންޏަކާ އެކު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ރިސޯޓު ހަދަނީ މިނިސްޓަރު ވިދާޅުވި ގޮތުގައި ލ. އަތޮޅު މާފަރު ފަޅުތެރޭގައި އޮތް ރަށެއްގަ އެވެ.

ފައިސަލް ވިދާޅުވީ، އެ ރިސޯޓުގެ މަސައްކަތް ވެސް 2-3 އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ބަރެސްދޫ ޕްރޮޖެކްޓް ވެސް މި ސަރުކާރުން ކާމިޔާބު ކުރާނެ އެވެ.

މިނިސްޓަރު ވިދާޅުވީ، ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށް، ދެ ވަނަ ފިޔަވަހީގެ ދަށުން އެ ތަނުގައި ޖެޓް ޕާކިންއެއް ހަދައި ލ. އަތޮޅަކީ "ވަން އައިލެންޑް" ކޮންސެޕްޓަށް ޓޫރިޒަމް ފައްކާ ވެފައިވާ އަތޮޅަކަށް ވާނެ ކަމަށެވެ.

"އެ ކަމަށް ލ. އަތޮޅުގެ ޒުވާނުން އެއްވެސް ގޮތަކަށް ޝައްކު ކުރާނެ ކަމެއް ނެތް. އަޅުގަނޑު ވަރުބައްޔެއް ނުވާނެ. ފާޑުކިޔަންވީ، އަޅުގަނޑުގެ ހިތްވަރު ހުންނާނެ. އެނާޖީ ހުންނާނެ. މަސައްކަތް ކުރާނަން،" ފައިސަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އާދައިގެ އާއިލާއަކުން ރަށަކުން އައީމާ އެ ކަމަށް ފާޑުކިޔާނެ ކަމެއް ނެތް. އެއްވެސް އެއްޗެއް ހިތަކަށް ނާރާނެ. މަސައްކަތުން އަޅުގަނޑު އިރާދަކުރެއްވިއްޔާ ނަތީޖާ ނެރެދޭނީ. މިކަން އިރާދަކުރެއްވިއްޔާ އަޅުގަނޑު ހާސިލް ކުރާނަން."

މިނިސްޓަރު ވިދާޅުވީ، ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުމަށް އޭނާއާ އެކު އޮތީ ވަރަށް ގާބިލް ޓީމެއް ކަމަށެވެ.

އަޅުގަނޑުމެން އާދައިގެ އާއިލާއަކުން ރަށަކުން އައީމާ އެ ކަމަށް ފާޑުކިޔާނެ ކަމެއް ނެތް. އެއްވެސް އެއްޗެއް ހިތަކަށް ނާރާނެ. މަސައްކަތުން އަޅުގަނޑު އިރާދަކުރެއްވިއްޔާ ނަތީޖާ ނެރެދޭނީ. މިކަން އިރާދަކުރެއްވިއްޔާ އަޅުގަނޑު ހާސިލް ކުރާނަން،"--- ފައިސަލް

ފައިސަލް ވިދާޅުވި ގޮތުގައި އޭނާ ދެކެވަޑައިގަންނަވަން ބޭނުންވަނީ ގަން-ފޮނަދޫ ސިޓީއަކަށް ބަދަލުކުރާ ދުވަހެކެވެ.

"އިރާދަކުރެއްވިއްޔާ ދެން އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މިތާނގައި ބޭއްވޭނީ މޭޔަރުކަމުގެ އިންތިހާބު. ސިޓީގެ ދަރަޖަ އަށް މި ތަން ބަދަލުކުރެވި، މި ތާނގައި އަޅުގަނޑުމެން ދެން އިންތިހާބު ކުރާނީ ގަން-ފޮނަދޫ ސިޓީގެ މޭޔަރު އަދި ގަން-ފޮނަދޫ ސިޓީގެ އާންމު މެމްބަރުން،" އޭނާ ވިދާޅުވި އެވެ.

ފައިސަލް ދެއްވި ޔަގީން ކަމަކީ ގަން-ފޮނަދޫ ސިޓީއަކަށް ބަދަލުކުރުމަށްޓަކައި ގާއިމްކުރަންޖެހޭ ހުރިހާ ވަސީލަތެއް މި ސަރުކާރުން ގާއިމް ކުރާނެ ކަމެވެ. އޭގެ ތެރޭގައި ސިއްހީ ހިދުމަތާއި ބޯހިޔާވަހިކަމާއި މަގު ހެދުން ފަދަ ކަންކަން އޭނާ ފާހަގަކުރެއްވި އެވެ.

"ރާއްޖޭގައި އެންމެ ފުރިހަމަ އަށް ތަރައްގީ ވެފައި އޮތް ސިޓީއަކަށް އިރާދަކުރެއްވިއްޔާ ގަން-ފޮނަދޫ ވެގެން ދާނީ ރައީސް ޑރ. މުއިއްޒުގެ މި ސަރުކާރުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

ފައިސަލް ހުންނެވީ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިންގައި ޕީއެންސީގެ ފަރާތުން ލ. އަތޮޅާ ހަވާލުވެ އެވެ. އެ އަތޮޅުގެ ހަތަރު ދާއިރާގެ ތެރެއިން ތިން ދާއިރާއެއް ޕީއެންސީ އަށް ނެގީ ފައިސަލްގެ މޭސްތިރިކަމުގަ އެވެ. މާވަށު ދާއިރާގެ ގޮނޑި ނެގީ އިދިކޮޅު އެމްޑީޕީ އެވެ.

ލ. އަތޮޅުގެ ކާމިޔާބީ ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަން ދެމެހެއްޓުމަށްޓަކައި އެ އަތޮޅުގެ އެންމެން ދެމިތިބެން ވާނެ ކަމަށެވެ. އަދި ރައީސް މުއިއްޒަށް ރިޔާސީ ދެ ވަނަ ދައުރެއް ދިނުމުގެ މަސައްކަތުގައި ވެސް ތިބެން ވާނެ ކަމަށް ވިދާޅުވި އެވެ.

އަބްދުއްރަހީމްގެ ބޮޑު ކާމިޔާބީ ފާހަގަކުރަން ރޭ ފޮނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، ލ. އަތޮޅުގެ ތާރީހު ބަދަލުކޮށްލެއްވީ ރައީސް މުއިއްޒު ކަމަށެވެ. އެއީ ފުރަތަމަ ފަހަރަށް މި ސަރުކާރުގެ ކެބިނެޓުން އެ އަތޮޅުގެ ދެ ބޭފުޅަކަށް ވަޒީރުކަން ދެއްވުމާ ހިސާބުންނެވެ. އެއީ އަބްދުއްރަހީމްގެ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރު ފައިސަލްގެ އިތުރުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. އެ ދެ ބޭފުޅުން ވެސް ނިސްބަތްވަނީ ފޮނަދު އަށެވެ.

"އެހެވީމާ ރައީސް މުއިއްޒުގެ ސަރުކާރު ދަމަހައްޓައި ނެގެހެއްޓުމަށްޓަކައި ފޮނަދު އަށް ވުރެ ބޮޑަށް ވަކިން މަސައްކަތް ކުރަންޖެހޭ އެހެން އެއްވެސް ރަށެއް ދިވެހިރާއްޖޭގައި އޮތް ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން،" ރޭގެ ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

މި ފަހަރު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ފޮނަދޫ ދާއިރާގެ ގޮނޑި އަބްދުއްރަހީމް ކާމިޔާބު ކުރެއްވީ 1،649 ވޯޓުންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ހުސައިން އަބޫބަކުރަށް ހޯއްދެވުނީ 491 ވޯޓެވެ. މި އިންތިހާބުގައި މާވަށު ދާއިރާ ފިޔަވައި ލ. އަތޮޅުގެ ތިން ދާއިރާ ވެސް ކާމިޔާބުކުރީ ޕީއެންސީންނެވެ. މާވަށު ދާއިރާގެ ގޮނޑު ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ޕީއެންސީން 66 ގޮނޑި ކާމިޔާބުކޮށް އަދި ފަހުން ގުޅުނު ބޭފުޅުންނާ އެކު، މިހާރު ވަނީ އަންނަ މަހުގެ 28 ގައި ހުވާކުރާ އެ މަޖިލިހުގެ ސުޕަ މެޖޯރިޓީ ހޯދައިފަ އެވެ. އާ މަޖިލިހުގައި ޕީއެންސީގެ 73 މެމްބަރުން ތިއްބަވާނެ އެވެ. ޕީއެންސީއާ އެކު ތިބި އެންއެންޕީ އާއި ޖޭޕީ އަދި އެމްޑީއޭގެ ގޮނޑިތަކާ އެކު ޕީއެންސީ އަށް 77 ގޮނޑި ލިބެ އެވެ. އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 12 އެވެ.