Roadha Mihaaru
ވެރިކަން ދިފާއުކުރަން އެކަކު ހުރިއްޔާ އެއީ އަޅުގަނޑު

މި ވެރިކަން ދިފާއުކުރަން އެކަކު ސާބިތުވެ ހުރިއްޔާ އެއީ އަޅުގަނޑު: އަބްދުއްރަހީމް

11 އެޕްރީލް 2024

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ދިފާއުކުރަން ސާބިތުވެކަމާއެކު، އެކަކު ހުރިއްޔާ އެއީ އޭނާކަމަށް، ރައީސްގެ ހާއްސަ އެޑްވައިޒަރުކަން ކުރައްވާ އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ދިފާއުކުރަން ސާބިތުވެކަމާއެކު، އެކަކު ހުރިއްޔާ އެއީ އޭނާކަމަށް، ރައީސްގެ ހާއްސަ އެޑްވައިޒަރުކަން ކުރައްވާ އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

ލ. ގާދޫގެ ބަންކަރިން ހިދުމަތް ފެށުމަށް ޗައިނާގެ ސީއޭއެމްސީއީ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރަން އެ އަތޮޅުގެ ވެރިކަން ކުރާ ރަށް ފޮނަދޫގައި ބޭއްވި ޖަލްސާގައި، ޕީއެންސީގެ ޓިކެޓުގައި ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އެ އަތޮޅުގެ ރައްޔިތުން ބޭނުންވާ ކުރިއެރުމާއި ތަރައްގީ ގެންނަން ބޭނުންވާނަމަ، ޕީއެންސީގެ ހަތަރު ކެންޑިޑޭޓުން އެ ދާއިރާއަށް އިންތިހާބުކުރަން ޖެހޭ ކަމަށެވެ.

ދިވެހިންގެ ރާއްޖޭގެ ތަސައްވަރު އަދި ރައީސް ބޭނުންފުޅުވާ ގޮތަށް ހައްދުންމަތި ތަރައްގީ ކުރެވޭނީ އޭރުން ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވަނީ ރައީސް މުއިއްޒުގެ ފުރަތަމަ ފަސް އަހަރުގެ ވެރިކަން ނިމޭއިރު ހައްދުންމަތި އޮންނާނީ ރާއްޖޭގެ ތަރައްގީގެ އެންމެ އުހުގައި ކަމަށާއި އެކަމާ މެދު އެއްވެސް ސުވާލެއް ނެތް ކަން ފާހަގަކުރައްވައިފަ އެވެ.

"ހައްދުންމައްޗަށް ބޭނުންވާ ކުރިއެރުމާއި ތަރައްގީ އަޅުގަނޑުމެން ގެނެސްދޭނަން. ތިޔަ ބޭފުޅުން ހިތްހަމަޖެހޭ ފެންވަރަށް މިކަން ކޮށްދޭނަން. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ފަސް އަހަރު ނިމިގެންދާއިރު ހައްދުންމަތި އޮންނާނީ ދިވެހިންގެ ރާއްޖޭގެ ތަރައްގީގެ އެންމެ އުހުގައި، އެންމެ އުހުގައި އޮންނާނީ. ސުވާލު ވެސް އުފައްދަވާނެ ކަމެއް ނެތް. މުޅި ހައްދުންމައްޗަށް ތަރައްގީ ގެންނަން އަޅުގަނޑުމެން މި މަސައްކަތްކުރަނީ،" ރައީސް މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވާދަވެރިން ކޮންމެ ވާހަކައެއް ދެއްކިޔަސް އެ ބޭފުޅުން ތިއްބެވީ ސާބިތުކަމާއެކު އެވެ.

"މަނިކުފާނުގެ ވެރިކަމަށް އަންނަ ކޮންމެ ގޮންޖެހުމަކަށް ކުރިމަތިލާނީ ނިކަން ކެރިގެން ހިތްވަރާއެކީގައި. މަނިކުފާނުގެ ވެރިކަން ދިފާއުކުރުމަށްޓަކައި އެކަކު ސާބިތުވެހުރިއްޔާ އެ މީހަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑު. މުޅި ހައްދުންމަތި އޮތީ އެގޮތުގައި އިރާދަކުރެއްވިއްޔާ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ފޮނަދޫގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ފޮނަދޫގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އަނިޔާވެރިނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެ، ޕީއެންސީގެ ޗެއާމަން ވިދާޅުވީ އެ ބޭފުޅުން ބޭނުންވަނީ އަމިއްލަ މިނިވަން އަދި މުސްތަގިއްލު ގައުމެއްގެ ގޮތުގައި ރާއްޖެ އޮންނަން ކަމަށެވެ. އެ ހުރިހާ ކަމެއް ވެސް ފުރިހަމަ ވާނީ، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، މި މަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގެ ސާފު އަޣުލަބިއްޔަތު ޕީއެންސީއަށް ދީގެންނެވެ.

"އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެފައިވާ ތަނަކަށް ދިވެހިންގެ ރާއްޖެ ވާން. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ އިސްރަށްވެހިންނަށް ގަދަރާއި އިހުތިރާމް ލިބޭނެ ތަނެއްގެ ގޮތުގައި ދިވެހިންގެ ރާއްޖެ އޮންނަން. އަޅުގަނޑުމެން ބޭނުންވަނީ ކޮންމެ ދިވެހި ރައްޔިތަކަށް ހިތްހަމަޖެހިގެން، އަމާންކަމާއެކު ދިރިއުޅެވޭނެ ތަނަކަށް ދިވެހީންގެ ރާއްޖެ ވާން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި އިންތިހާބުގައި ދިވެހިން ނިންމީ ދިވެހިންގެ ރާއްޖެއެއް ބިނާކުރަން ކަމަށްވާތީ، ވެރިކަން ދިނުމަށްފަހު އެކަން ކުރެވޭނެ މަގު ވެސް ފަހިކޮށްދޭންޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"މީހަކަށް މަސްއޫލިއްޔަތެއް ހަވާލުކޮށްފައި އެ މީހާއަށް އެ މަސްއޫލިއްޔަތު އަދާކުރުމުގެ އިހުތިޔާރު ދޭންވާނެ. އޭރުން އެ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އެ ބޭފުޅަކަށް އަދާކުރެވޭނީ....ދިވެހިންގެ ރާއްޖެ އަޅުގަނޑު ދެންނެވި ގޮތަށް ބިނާކުރުމަށްޓަކައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެބަ ބޭނުންވޭ. ސަރުކާރު ކެންޑިޑޭޓުން ހޮވައިގެން އަޅުގަނޑު މި ބުނާ ދިވެހިންގެ ރާއްޖެ ބިނާކުރެވޭނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"ސަރުކާރު ކެންޑިޑޭޓުން ހޮވައިގެން އަމާންކަން ގާއިމްކުރެވޭނީ، ހަމަޖެހުން ގާއިމްކުރެވޭނީ. އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ޅަދަރިންގެ މާދަމާގެ މުސްތަގުބަލު އުޖާލާކޮށްދެވޭނީ އޭރުން."