Roadha Mihaaru
"ޕާޓީއަށް އަސަރެއް ނުކުރޭ، މެންބަޝިޕް ދަށެއް ނުވޭ"

ޕާޓީއަށް އަސަރެއް ނުކުރޭ، މެންބަޝިޕް ދަށެއް ނުވޭ: އަބްދުއްރަހީމް

25 ޖެނުއަރީ 2024

ޕްރައިމަރީއާ ގުޅިގެން އުފެދުނު ހިޔާލު ތަފާތުވުންތަކާ އެކު، ޕާޓީ އަށް ވެސް އަދި މެންބަޝިޕަށް ވެސް އަސަރެއް ނުކުރާ ކަމަށް ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ޕްރައިމަރީއާ ގުޅިގެން އުފެދުނު ހިޔާލު ތަފާތުވުންތަކާ އެކު، ޕާޓީ އަށް ވެސް އަދި މެންބަޝިޕަށް ވެސް އަސަރެއް ނުކުރާ ކަމަށް ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، 283 ކެންޑިޑޭޓުން ވާދަކުރާ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީއާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީ އަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލެއްވުމުން 13 ދާއިރާއެއްގެ ޓިކެޓް ޕްރައިމަރީއާ ނުލައި ވަނީ ކަށަވަރު ވެފަ އެވެ.

ޕީއެންސީގެ ޕްރައިމަރީ އަށް ކުރިމަތިލެއްވި ބައެއް ކެންޑިޑޭޓުންގެ ފޯމް ބަލައިނުގަތުމަށް މީގެ ކުރިން ނިންމި އެވެ. އެއީ ޕާޓީ އަށް ހިދުމަތް ކުރި ވަރު މަދުވުމާއި ޕާޓީ ބައިބައިކޮށް ފިތުނަ އުފައްދަން މަސައްކަތް ކުރި ކަމަށް ބުނެ އެވެ. ނަމަވެސް، އެ ނިންމުމާ އެކު، ބައެއް ކެންޑިޑޭޓުންނާއި އާންމު މެންބަރުންގެ ކަންބޮޑުވުންތައް ހުރުމުން އެ ނިންމުން ބަދަލުކޮށް ހުރިހާ ކެންޑިޑޭޓުން ޕްރައިމަރީގައި ވާދަކުރެއްވުމުގެ ފުރުސަތު ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވީ އެވެ.

އެކަމަކު ބައެއް ކެންޑިޑޭޓުން ވަނީ ދެން ވާދަނުކުރައްވަން ނިންމަވައި ނަން އަނބުރާ ގެންދަވައިފަ އެވެ. ބައެއް އާންމު މެންބަރުން ޕީއެންސީން ވަކިވާން ސިޓީ ވެސް ހުށަހެޅި އެވެ. ޕީއެންސީއާ ވާދައަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާ އާ ޕާޓީ، ޕީއެންއެފް އަށް މެންބަރުންތަކެއް ބަދަލުވާނެ ކަމަށް އެ ޕާޓީ އުފައްދަން އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން ވެސް ވިދާޅުވެފައިވެ އެވެ.

ނަމަވެސް އަބްދުއްރަހީމް މިއަދު ވިދާޅުވީ ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ގެންދެވިޔަސް، ޕީޕީއެމާއި ޕީއެންސީގެ ވެސް އާންމު މެންބަރުންގެ އަދަދަށް އެއްވެސް ބަދަލެއް މިހާތަނަށް އައިސްފައި ނުވާ ކަމަށެވެ.

ބައެއް ކެންޑިޑޭޓުން ނަން ނެންގެވި ކަމަށް އަބްދުއްރަހީމް ވިދާޅުވި ނަމަވެސް، އެއީ ކިހާ އަދަދެއްގެ ކެންޑިޑޭޓުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އަބްދުއްރަހީމް އަދި ޝުޖާއު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި: ޕްރައިމަރީގެ ކަންތައްތަކާ ހެދި ޕާޓީއަށް އެއްވެސް ނޭދެވޭ އަސަރެއް ކޮށްފައިނުވާ ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު

އަބްދުއްރަހީމް އަދި ޝުޖާއު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި: ޕްރައިމަރީގެ ކަންތައްތަކާ ހެދި ޕާޓީއަށް އެއްވެސް ނޭދެވޭ އަސަރެއް ކޮށްފައިނުވާ ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު

އަބްދުއްރަހީމް ވިދާޅުވީ ބައެއް ކެންޑިޑޭޓުންނަށް ފުރުސަތު ނެތް ކަމަށް ބުނެ ސިޓީ ފޮނުއްވީ ޕާޓީން ބަލަން ޖެހޭ ކަންކަން ވަރަށް ރަނގަޅަށް ބެލުމަށް ފަހު ކަމަށާއި ނަމަވެސް ރައީސް ޑރ. މުއިއްޒު އަދި ޕީޕީއެމް/ޕީއެންސީއަކީ ރައްޔިތުންގެ އަޑުއަހަން ކެރޭ ޕާޓީއަކަށް ވާތީ ނިންމުން އަނބުރާ ބަދަލުކުރީ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޕްރައިމަރީ ވާނީ އެހެން ޕާޓީތަކަށް ނަމޫނާއަކަށްވާ ފަދަ ޕްރައިމަރީއަކަށް ވާނެ ކަމަށާއި ޕްރައިމަރީ އަށް ފަހު ވެސް ޕާޓީ އޮންނަނީ އެކަތިގަނޑެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދުމުގެ އަމާޒުގައި ކަމަށެވެ.

"ޕްރައިމަރީ ނިމޭއިރު ތިބެން ވާނީ ކާމިޔާބުކުރި ކެންޑިޑޭޓާ އެކު ކުރިއަށް ދެވޭނެ ގޮތަށް ހުރިހާ ބޭފުޅުން ވެސް. ޕްރައިމަރީ ވެގެން ނުވާނެ އަޅުގަނޑުމެންގެ ޕާޓީ އަށް ސުލަހަ މަސަލަސް ކަމަށް ބުރޫއަރާ ކަމަކަށް. އޭގެ ބަދަލުގައި ވާން ވާނީ ޕާޓީ އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަކަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.