Roadha Mihaaru
އަމިއްލަ ގޮތުން ހޮވުނު ޔާސީން ޕީއެންސީއަށް

ނައިފަރު ގޮނޑިއަށް އަމިއްލަ ގޮތުން ހޮވުނު ޔާސީން ޕީއެންސީއަށް ސޮއިކޮށްފި

24 އެޕްރީލް 2024

ޅ. ނައިފަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް އަމިއްލަ ގޮތުން ވާދަކޮށް އިންތިހާބު ކާމިޔާބުކުރި ޔާސީން އަބްދުﷲ ސަރުކާރު ހިންގާ ޕީއެންސީއަށް އިއްޔެ ސޮއިކުރައްވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ޅ. ނައިފަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް އަމިއްލަ ގޮތުން ވާދަކޮށް އިންތިހާބު ކާމިޔާބުކުރި ޔާސީން އަބްދުﷲ ސަރުކާރު ހިންގާ ޕީއެންސީއަށް އިއްޔެ ސޮއިކުރައްވައިފި އެވެ.

ޔާސީންގެ އިންތިހާބީ އެޖެންޓް ޒަކަރިއްޔާ ރިމްޒާން ފޭސްބުކްގައި ލިޔެފައިވާ ގޮތުގައި އިއްޔެ އިން ފެށިގެން ޔާސީން އަކީ ޕީއެންސީގެ މެންބަރެއް ކަމަށާއި އޭނާ އެ ޕާޓީއަށް ސޮއިކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެމަނިކުފާނު އެދިވަޑައިގެންނެވި ގޮތަށް އެއްވެސް ޝަރުތަކާ ނުލާ ކަމަށެވެ.

މިކަން ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ "މިހާރު"އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

ނައިފަރު ގޮނޑި ކާމިޔާބުކުރި ޔާސީން އަކީ އެ އަތޮޅު ކައުންސިލްގެ ރައީސް އެވެ.

އަމިއްލަ ގޮތުން މަޖިލިސް އިންތިހާބުގައި ވާދަކުރި ޔާސީންއާ އެންމެ ކައިރިން ވާދަކުރީ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ޔާސިރެވެ. މީގެއިތުރުން އެ ގޮނޑިއަށް ޕީއެންސީގެ ކެންޑިޑޭޓް ހައްސާން އަލިފުޅު ވެސް ވާދަކުރި އެވެ. އޭނާއަށް 880 ވޯޓު ލިބުނުއިރު، ޔާސީން ކާމިޔާބުކުރީ 1،038 ވޯޓު ހޯދައިގެންނެވެ.

މަޖިލިސް އިންތިހާބުގައި ޕީއެންސީ އިން 66 ކެންޑިޑޭޓުން ކާމިޔާބުކޮށްފައިވާއިރު، ސަރުކާރުގެ ތާއިދާ އެކު އިންތިހާބުގައި ވާދަކުރި ހަ ކެންޑިޑޭޓަކު ވެސް ވަނީ އިންތިހާބު ކާމިޔާބުކޮށްފަ އެވެ. މީގެއިތުރުން ޖުމްހޫރީ ޕާޓީގެ އެއް މެންބަރާއި އެމްއެންޕީގެ އެއް މެންބަރާއި އެމްޑީއޭގެ ދެ މެންބަރުން ވެސް ގުނަނީ ސަރުކާރަށް ތާއިދު ކުރާ މެންބަރުންގެ ގޮތުގަ އެވެ. މިއާ އެކު ސަރުކާރު ކޯލިޝަންގެ މެންބަރުންގެ އަދަދު 76 އަކަށް އަރަ އެވެ.

އެންޓި-ޑިފެކްޝަންގެ ގާނޫނުގައިވާ ގޮތުން އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ހާލަތުގައި އެ މެންބަރަކު އިސްތިއުފާ ދޭން ޖެހޭނެ އެވެ. ނަމަވެސް، މެންބަރެއްގެ ހުވާ ކުރެއްވުމުގެ ކުރިން ޕާޓީއަކަށް ސޮއިކޮށްފި ނަމަ، ކަން ވާނެ ގޮތެއް ގާނޫނުގައި ނެތެވެ.

މިކަމާ މެދު އިލެކްޝަން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވެސް މިއަދު ވަނީ ސުވާލު އުފައްދައިފަ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކެންޑިޑޭޓަކު ވާދަކުރެއްވީ އަމިއްލަގޮތުންނެވެ. އިންތިޚާބުގައި ވާދަކޮށްގެން އޭނާ ހޮވިއްޖެ އެވެ. އޭނާ ސިޔާސީ ޕާޓީއަކަށް ނިސްބަތްވެ އެވެ. އެކަމަކު އޭނާ ހޮވުނީ މިނިވަން އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. އިލެކްޝަންސް ކޮމިޝަނުން އޭނާ ޕާޓީއަކަށް ނިސްބަތްވާކަމުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން ދެންވާނީ ކިހިނެއްތޯ؟،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަބީބު ސުވާލު އުފައްދާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ހޮވުނު މެންބަރަކު ނުވަތަ އަމިއްލަ ހައިސިއްޔަތުން އިންތިޚާބުގައި ވާދަކޮށްގެން ހޮވުނު މެންބަރަކު އެ މެންބަރަށް އެނގުމަކާ ނުލައި، އެހެން ޕާޓީއަކަށް އޭނާ ވައްދައިފި ހާލަތުގައި ކަންވާނެ ގޮތާ މެދު ވެސް ހަބީބު ވަނީ ސުވާލު އުފައްދަވައިފަ އެވެ.

"...އިސްވެ މި ދެންނެވުނު ދެ ހާލަތުންކުރެ ހާލަތެއް މެދުވެރިވާ މެންބަރެއްގެ ވާހަކަ އެންޓި-ޑިފެކްޝަން ގާނޫނުން ނުފެނުނީމާ އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދެނީ،" ހަބީބު ވިދާޅުވެފައިވެ އެވެ.