Roadha Mihaaru
އައްޑޫ ސަވާހިލި ޓޫރިޒަމަށް ތަރައްގީކުރަނީ

އައްޑޫ ސަވާހިލި ޓޫރިޒަމަށް ތަރައްގީކުރަނީ

21 ފެބުރުއަރީ 2021

އައްޑޫގެ ކުޑަ ފަޅު ރަށެއް ކަމަށްވާ ސަވާހިލި ޓޫރިޒަމަށް ތަރައްގީކުރަން ހަމަޖެހިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގެ ކުޑަ ފަޅު ރަށެއް ކަމަށްވާ ސަވާހިލި ޓޫރިޒަމަށް ތަރައްގީކުރަން ހަމަޖެހިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސަވާހިއްޔަކީ އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ތެރޭގައި ހިމެނޭ ފޭދު އާއި މަރަދޫފޭދޫގެ ހުޅަނގު ދެކުނު ފަރާތުގައި އޮންނަ ކުޑަކުޑަ ރަށެކެވެ. މި ރަށް ޓޫރިޒަމަށް ހާއްސަކޮށްގެން ތަރައްގީކުރަން ކައުންސިލުން ނިންމާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ މި އަހަރުގެ ފަސް ވަނަ ބައްދަލުވުމުގަ އެވެ.

ކައުންސިލުން ބުނި ގޮތުގައި ސަވާހިލި ތަރައްގީކުރާނީ އައްޑޫގައި ހިންގާ ގެސްޓްހައުސްތަކުން ޓޫރިސްޓުންނަށް ނުލިބޭ ހިދުމަތްތަކަށް ހާއްސަކޮށްގެންނެވެ. އަދި އެ ރަށް ތަރައްގީކުރާއިރު އެއީ ހަމައެކަނި ބޭރުން އަންނަ ޓޫރިސްޓުންގެ އިތުރުން ދިވެހިންނަށް ހިދުމަތް ދެވޭނެ ތަނެއްގެ ގޮތުގައި ތަރައްގީކުރަން ކައުންސިލުން ވަނީ ނިންމައިފަ އެވެ.

އެހެންވެ އެ ރަށް ތަރައްގީކުރަން ހުޅުވާލަން ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހަޅަން ވެސް ކައުންސިލުން ވަނީ ނިންމައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އައްޑު އަށް ވަޑައިގެން ޓޫރިޒަމަށް ތަރައްގީކުރަން ބެއްލެވި ތަންތަނުގެ ތެރޭގައި ވެސް ސަވާހިލި ހިމެނެ އެވެ.

އެ ރަށާ ކައިރީގައި ދިގިހެރަ އަދި ހަޖަރަ ކިޔާ ރަށެއް ވެސް އޮވެ އެވެ. އެކަމަކު ޔާމީންގެ ވެރިކަމުގައި ފޭދޫ ބިން ހިއްކި އިރު، ފޭދު އާއި ދިގުހެރަ ވަނީ އެއްކޮށްލައިފަ އެވެ.

ސަވާހިލި ޓޫރިޒަމަށް ތަރައްގީކުރަން ކައުންސިލުން ނިންމާފައި މި ވަނީ އައްޑޫގައި ޓޫރިޒަމް ޒޯންތަކެއް ކަނޑައަޅައި ލޯކަލް ޓޫރިޒަމް ފުޅާކުރަން ބޮޑު މަޝްރޫއެއް ވެސް ފަށާފައި ވަނިކޮށެވެ. އެ މަޝްރޫއުގެ ދަށުން ލޯކަލް ޓޫރިޒަމަށް 96 ބިމެއް ދޫކުރަން ނިންމާފައިވެ އެވެ.

އައްޑޫގައި ތިން ރިސޯޓް އޮތް އިރު ސިޓީ ހޮޓަލަކާއި ގިނަ އަދަދެއްގެ ގެސްޓްހައުސްތައް ހިންގަމުން ގެންދެ އެވެ. އައްޑޫގެ ތިން ރިސޯޓަކީ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އާއި ކެނަރީފްގެ އިތުރުން ސައުތު ޕާމް ރިސޯޓެވެ. އަދި އައްޑޫގައި ހިންގާ ސިޓީ ހޮޓަލަކީ ގަމުގެ އީކްއޭޓަ ވިލެޖެވެ.