Roadha Mihaaru
ޝަންގްރިލާގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލައިފި

އައްޑޫ ޝަންގްރިލާގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލައިފި

28 އޯގަސްޓް 2023

އައްޑޫގައި މީގެ އަހަރުތަކެއް ކުރިން ހުޅުވި އެކަމަކު އެކި މައްސަލަތަކާ ހެދި ބަންދު ކޮށްފައިވާ ޝަންގްރިލާ ރިސޯޓުގެ ހިއްސާ ދޫކޮށްލުމުގެ އެއްބަސްވުމުގައި ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

އައްޑޫގައި މީގެ އަހަރުތަކެއް ކުރިން ހުޅުވި އެކަމަކު އެކި މައްސަލަތަކާ ހެދި ބަންދު ކޮށްފައިވާ ޝަންގްރިލާ ރިސޯޓުގެ ހިއްސާ ދޫކޮށްލުމުގެ އެއްބަސްވުމުގައި ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.

ޝަންގްރިލާގެ 30 ޕަސެންޓް ހިއްސާ އޮތީ ސަރުކާރުގެ އެވެ. ބާކީ ހިއްސާ އޮތީ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ އެވެ.

ސަރުކާރުގެ ހިއްސާ އައްޑޫ އިންވެސްޓްމަންޓަށް ދޫކޮށްލުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާ އެވެ. އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް އެފެއާޒް ޑިރެކްޓަރު ސައުދު އަބްދުﷲ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ކޮވިޑަށް ފަހު އަދިވެސް ބަންދުކޮށްފައި އޮތް ޝަންގްރިލާ ރިސޯޓު އަލުން އޮޕަރޭޝަނަށް ގެނައުމަށްޓަކައި އޮތް އެންމެ ބޮޑު ހުރަސް މިއަދު ނައްތާލެވިއްޖެ ކަމަށެވެ. އެއާ އެކު، އެ ރިސޯޓު އަލުން އޮޕަރޭޝަނަށް ގެނައުމަށްޓަކައި ހޮންގްކޮންގުގެ ހޮޓެލް ވިޔަފާރީގެ އެންމެ ބޮޑު އެއް ކުންފުނި، ޝަންގްރިލާ އިން ކުރަންޖެހޭ ކަންކަމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަށްޓަކައި ބޭނުންވާ ހުއްދަތަކާއި އިދާރީ އެހެން ކަންކަމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

ޝަންގްރިލާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ބްރައިސް ލުނޯ ވިދާޅުވީ ސަރުކާރުގެ ހިއްސާ އޮތުމުން ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބުމަކީ އާ ފެށުމެއް ކަމަށާއި ރިސޯޓު ވީ އެންމެ އަވަހަކަށް ހުޅުވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.

"އެކަމަށްޓަކައި ގިނަ އޮޕްޝަންތަކެއް އެބަހުރި. އެއް އޮޕްޝަނަކީ ރިސޯޓު އަލުން ހުޅުވުމަށް އެހީތެރިވުމަށް ރަނގަޅު ޕާޓްނަރެއް ހޯދުން،" އެކަމުގެ ޝައުގުވެރިކަން ބައެއް ފަރާތްތަކުން މިހާރު ވެސް ފާޅުކޮށްފައިވާކަން ހާމަކުރައްވަމުން އޭނާ ވިދާޅުވި އެވެ.

ސ. ވިލިނގިލީގައި ހިންގާ ޝަންގްރިލާ ރިސޯޓުގައި އޮންނަ ސަރުކާރުގެ ހިއްސާ އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްލުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު މައުސޫމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސ. ވިލިނގިލީގައި ހިންގާ ޝަންގްރިލާ ރިސޯޓުގައި އޮންނަ ސަރުކާރުގެ ހިއްސާ އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްލުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު މައުސޫމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޝަންގްރިލާގެ ހިއްސާ ދޫކޮށްލުމަށް އޮތް އެންމެ ބޮޑު ހުރަހަކީ 70 މިލިއަން ޑޮލަރު ދައްކަން ޖެހުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަހަރުގެ ޖެނުއަރީ މަހު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، ހިއްސާ ދޫކޮށްލުމުގައި ހިމެނޭ މާލީ ކަންކަމުގެ ތަފްސީލު އެނގޭނީ ފިނޭންސް މިނިސްޓްރީ އަށް ކަމަށް "މިހާރު"އިން އެ ސުވާލު ކުރުމުން މައުސޫމް ވިދާޅުވި އެވެ.

"ސަރުކާރުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ސަރުކާރުގެ ހިއްސާ އޮތް އިރު ލިބޭ ގެއްލުން ސަރުކާރުން ވެސް ނަގަންޖެހުން. ދެން އެކަމުގެ އިވޭލިއުޝަންތައް ހެދިއިރު އޭގެ އަދަދުތަކެއް ހުރި. އެކަމު މައުލޫމާތު ފިނޭންސް މިނިސްޓްރީއަށް އެނގޭނީ ޝެއާ ޓްރާންސްފާ ކުރުމުގެ ކަންކަން ގެންދިޔަ ގޮތް،" ހިއްސާ ވިއްކާލުމުގެ މާބޮޑު ތަފްސީލެއް ނުދެއްވައި އޭނާ ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ ޝަންގްރިލާ އިން މިހާރު ވެސް ކުލީގެ ގޮތުގައި އަހަރަކު 800،000 ޑޮލަރު ދައްކާ ކަމަށާއި، ސަރުކާރުގެ ހިއްސާ އޮތުމުން އޭގެން ބައެއް ދައުލަތަށް ގެއްލޭ ކަމަށެވެ.

ރިސޯޓުން ލިބޭ ކުއްޔަކީ ވަރަށް ކުޑަ ބައެއް ކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ އައްޑޫގައި ޓޫރިޒަމް ފުޅާކުރުމުގެ ބޭނުމަކީ އެ ސަރަހައްދުގައި ވަޒީފާތައް އިތުރުވެ، އެކަމުގެ ފައިދާ ރައްޔިތުންނަށް ލިބިގެން ދިއުން ކަމަށެވެ.

މައުސޫމް ވިދާޅުވި ގޮތުގައި، އައްޑޫގައި ޓޫރިޒަމް ފުޅާކުރުމަށް ބޭނުންވާ އުމްރާނީ މުހިންމު ވަސީލަތްތައް ސަރުކާރުން ވަނީ ގާއިމުކޮށްފަ އެވެ. އޭގެތެރޭގައި، ގަން އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއުގެ ސަބަބުން އިތުރު އެއާލައިންތައް ގެނައުމަށް މަގުފަހިވެގެން ގޮސްފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ. މީގެއިތުރުން، ހުވަދޫ، ފުވައްމުލަށް އަދި އައްޑޫ އާރުޓީއެލް އިން ގުޅާލުމަކީ ވެސް އެ ސަރަހައްދުގައި ޓޫރިޒަމަށް ފަހި މާހައުލެއް ގާއިމުކުރަން ކުރެވުނު މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބިޒަނަސް އެންވަޔަރަމަންޓް ކުރިއާ އަޅާބަލާއިރު ވަރަށް ޕޮޒިޓިވް ވެއްޖެ. އެހެންވީމަ އަޅުގަނޑުމެން އުއްމީދުކުރަނީ ބްރައިސް އެ ވިދާޅުވި ތަފާތު އޮޕްޝަންތަކުގެ ތެރޭގައި ޕާޓްނަރުން ހޯދަން ފަސޭހަވާނެ ކަމަށް،" މައުސޫމް ވިދާޅުވި އެވެ.

ސ. ވިލިނގިލީގައި ހިންގާ ޝަންގްރިލާ ރިސޯޓުގައި އޮންނަ ސަރުކާރުގެ ހިއްސާ އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްލުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޝަންގްރިލާ މޯލްޑިވްސްގެ ޖީއެމް ބްރައިސް ލުނޯ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސ. ވިލިނގިލީގައި ހިންގާ ޝަންގްރިލާ ރިސޯޓުގައި އޮންނަ ސަރުކާރުގެ ހިއްސާ އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްލުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޝަންގްރިލާ މޯލްޑިވްސްގެ ޖީއެމް ބްރައިސް ލުނޯ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރާއްޖޭގައި ޓޫރިޒަމް އިތުރަށް ފުޅާ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވައި ތަސައްވަރަށް އިޝާރާތް ކުރައްވައި، މިނިސްޓަރު ވިދާޅުވި ގޮތުގައި ދެކުނުގައި ވަކި ޓޫރިޒަމް ހަބެއް ތަރައްގީ ކުރުމަކީ މައިގަނޑު އަމާޒެވެ.

އެކަމަށްޓަކައި އެންމެ މުހިންމު ކަމަކީ މައުސޫމް ވިދާޅުވި ގޮތުގައި، އެ ސަރަހައްދުގެ ބެޑް ކެޕޭސިޓީ އިތުރުކުރުމެވެ. އެކަން ހާސިލުކުރަން ސަރުކާރުން އަމިއްލައަށް ވެސް މަޝްރޫއުތައް ހިންގަމުންދާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އޭރަށް އެއާލައިންތަކަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ އެ ހިސާބަށް [ފްލައިޓުތައް] ފަށަން،" މައުސޫމް ވިދާޅުވި އެވެ.

"މުޅި އިންފްޜާސްޓްރަކްޗާ އެ ރެޑީ ވީ... ބިޒްނަސްއެއް ފީސިބަލްވާން ބޭނުންވާ ހުރިހާ ކަމެއް އެހެރީ ސެޓުވެފައި."

ދެކުނުގައި ޓޫރިޒަމް ފުޅާކުރަން އައްޑޫ ސިޓީ ކައުންސިލުން ވަރަށް ހާއްސަ ތަސައްވަރެއް ގެންގުޅޭ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ޓޫރިޒަމްގެ ހާއްސަ ޑެސްޓިނޭޝަނެއްގެ ގޮތުގައި އައްޑޫ ސިޓީ މާކުވެގެން ދާނެ ކަމަށެވެ.

"މޯލްޑިވްސް އަކީ މަޝްހޫރު ތަނެއް. އެކަމަކު މޯލްޑިވްސްގެ ތެރެއިން އައްޑޫ ސިޓީ ޖެހޭނެ ވިދާލަން،" މައުސޫމް ވިދާޅުވި އެވެ.

އޭރުން މުސްތަގުބަލުގައި އައްޑޫ އަކީ ވަކި ބްރޭންޑެއްގެ ގޮތުގައި މަޝްހޫރުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.