Roadha Mihaaru
އައްޑޫ ކެނަރީފް ޑިސެމްބަރުގައި އަލުން ހުޅުވަނީ

އައްޑޫ ކެނަރީފް ރިސޯޓް ޑިސެމްބަރުގައި އަލުން ހުޅުވަނީ

28 އޮކްޓޯބަރ 2021

ކޮވިޑާ ހެދި މިދިޔަ އަހަރުން ފެށިގެން ބަންދުކޮށްފައި އޮތް އައްޑޫ ކެނަރީފް ރިސޯޓް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑާ ހެދި މިދިޔަ އަހަރުން ފެށިގެން ބަންދުކޮށްފައި އޮތް އައްޑޫ ކެނަރީފް ރިސޯޓް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.

އެތަނުގެ މިހާރުގެ ހާލަތު ބެލުމަށް އައްޑޫ ސިޓީ ކައުންސިލުން ރިސޯޓަށް ކުރި ދަތުރަކަށް ފަހު، ކައުންސިލްގެ ޓްވިޓާގައި ބުނެފައި ވަނީ ކެނަރީފްގެ މެނޭޖްމަންޓާ އެކީ ބޭއްވި ބައްދަލުވުމުގައި ޑިސެމްބަރު މަހުގެ ފަހުކޮޅު ރިސޯޓް އަލުން އޮޕަރޭޝަނަށް ގެނެވޭކަމުގެ ޔަގީންކަން މޭޔަރު އަލީ ނިޒާރަށް ދީފައިވާ ކަމަށެވެ. އަދި މިކަމުގައި ދެވެން ހުރި ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ކައުންސިލުން ރިސޯޓްގެ މެނޭޖްމަންޓަށް ކައުންސިލުން ދޭނެ ކަމަށް ވެސް ބުންޏެވެ. ރިސޯޓް އަލުން ހުޅުވަން ތައްޔާރުވާތީ މުވައްޒަފުން ހޯދުމުގެ މަސައްކަތް ވެސް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އައްޑޫގައި ހެރަތެރައިގައި ނަމުގައި އެންމެ ފުރަތަމަ ހުޅުވި ރިސޯޓް ކޮވިޑާ ހެދި ބަންދުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. މި ރިސޯޓަކީ އައްޑޫގެ މީހުން އުޅޭ އަވަށްތަކުގެ ތެރެއިން ވަކިން އޮންނަ ހުޅުދު އާއި މީދޫ ކައިރީގައި އޮންނަ ރިސޯޓެކެވެ. އެތަން ތަރައްގީކޮށް ހުޅުވީ 2007 ގަ އެވެ.

ކެނަރީފްގެ އިތުރުން މިދިޔަ އަހަރުން ފެށިގެން އައްޑޫގެ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ ވެސް އޮތީ ބަންދުކޮށްފަ އެވެ. އެ ރިސޯޓަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ އެއް ރިސޯޓެވެ.

މި ދެ ރިސޯޓް ބަންދުކޮށް ނުހުޅުވި ގިނަ ދުވަސްތަކެއްވެފައިވާތީ އައްޑޫ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވެ އެވެ. ދެ ރިސޯޓް ބަންދުކުރުމާ ގުޅިގެން އެތައް ބައެއްގެ ވަޒީފާ ގެއްލި، އައްޑޫގެ އިގުތިސާދަށް ވެސް އޭގެ ނޭދެވޭ އަސަރުކޮށްފައިވެ އެވެ.

ކެނަރީފް ޑިސެމްބަރުގެ ތެރޭގައި އަލުން ހުޅުވާނެކަމުގެ ޔަގީންކަން މެނޭޖްމަންޓުން ދީފައި މި ވަނީ އެ ރިސޯޓާއި ޝަންގްރިއްލާ ވެސް ވީހާ އަވަހަކަށް އަލުން ހުޅުވަން ދެ ތަނުގެ މެނޭޖްމަންޓާ އެކު ހުއްޓުމެއް ނެތި މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިދިޔަ މަހު ވިދާޅުވެފައި ވަނިކޮށެވެ.

ދެ ރިސޯޓް ބަންދުކޮށްފައި އޮތުމާ ގުޅިގެން މި އަހަރު އައްޑޫގައި ފާހަގަކުރަން ނިންމި ޓޫރިޒަމް ދުވަސް ވެސް އެ ސިޓީގައި ފާހަގަކޮށްފައެއް ނުވެ އެވެ.

ކެނަރީފާއި ޝަންގްރިއްލާގެ އިތުރުން އައްޑޫގައި ސައުތު ޕާމްގެ ނަމުގައި ވެސް ރިސޯޓެއް ހިންގަ އެވެ.