Roadha Mihaaru
ކެނަރީފް ރިސޯޓަށް މުވައްޒަފުން ހޯދަނީ

އައްޑޫ ކެނަރީފް ރިސޯޓު އަލުން ހުޅުވަން ތައްޔާރުވެ، މުވައްޒަފުން ހޯދަނީ

20 ނޮވެމްބަރ 2021

ބަންދު ކޮށްފައިވާ އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އައްޑޫ ކެނަރީފް ރިސޯޓް އަންނަ މަހުގެ ތެރޭގައި ހުޅުވަން ތައްޔާރުވާތީ އެ ތަނަށް މުވައްޒަފުން ހޯދަން އިއުލާނުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަންދު ކޮށްފައިވާ އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އައްޑޫ ކެނަރީފް ރިސޯޓް އަންނަ މަހުގެ ތެރޭގައި ހުޅުވަން ތައްޔާރުވާތީ އެ ތަނަށް މުވައްޒަފުން ހޯދަން އިއުލާނުކޮށްފި އެވެ.

ކޮވިޑާ ހެދި މިދިޔަ އަހަރުން ފެށިގެން ބަންދުކޮށްފައި އޮތް ރިސޯޓަށް މުވައްޒަފުން ހޯދަން ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި އެފްއެންޑްބީ، ހައުސްޕީކިން، ފްރޮންޓް އޮފީސް، ފައިނޭންސް، ގާޑްނިން، ސެކިއުރިޓީ އަދި އިންޖިނިއަރިން ދާއިރާ ހިމެނެ އެވެ.

އެ ދާއިރާތަކުން ވަޒީފާތަކަށް ޝައުގުވެރިވާ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ބުރާސްފައްޗާ ހަމައަށް ވަނީ ހުޅުވާލައިފާއިރު ޝައުގުވެރިވާ މީހުން ސީވީ މެއިލް ކުރަން ޖެހެނީ hr1@canareef.com އަށެވެ. މައިގަނޑު ޝަރުތަކީ އެ ދާއިރާއަކުން މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ހުރުމެވެ.

ކެނެރީފުން ބުނީ އެ ރިސޯޓުން މުވައްޒަފުންނަށް ފުރިހަމަ ހިދުމަތްތަކާއި ރަނގަޅު މުސާރައެއް އަދި ފައިދާތަކެއް ވެސް ދޭނެ ކަމަށެވެ. އަދި ރިސޯޓުގެ ސިނާއަތުގައި ކުރިއަށް ދިއުމަށް ރަނގަޅު ފުރުސަތުތައް ވެސް އެ ރިސޯޓުން ލިބޭނެ ކަމަށް ބުންޏެވެ.

ކެނަރީފަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފައި ވަނީ އެ ތަން އަންނަ މަހުގެ ތެރޭގައި ހުޅުވާނެ ކަމުގެ ޔަގީންކަން ރިސޯޓްގެ މެނޭޖްމަންޓުން އައްޑޫ ސިޓީ ކައުންސިލަށް މިދިޔަ މަހުގެ ތެރޭގައި ދީފައި ވަނިކޮށެވެ. ނަމަވެސް ރިސޯޓް އަލުން އޮޕަރޭޝަނަށް ގެންނާނެ ސީދާ ތާރީހެއް ހާމައެއް ނުކުރެ އެވެ.

މިއީ އައްޑޫގެ މީހުން ދިރިއުޅޭ އެހެން އަވަށްތަކާ ވަކިން އޮންނަ ހުޅުމީދޫ ކައިރީގައި އޮންނަ ރިސޯޓެކެވެ. އެންމެ ފުރަތަމަ ހެރަތެރައިގެ ނަމުގައި ތަރައްގީކުރި ރިސޯޓް ހުޅުވީ 2007 އެވެ. އަދި މިއީ އައްޑޫގައި ހުޅުވި ފުރަތަމަ ރިސޯޓް ވެސް މެ އެވެ.

ކޮވިޑާ ހެދި މިދިޔަ އަހަރުން ފެށިގެން އައްޑޫގައި އޮންނަ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ ވެސް އޮތީ ބަންދުކޮށްފަ އެވެ. އެކަމަކު އަދިވެސް އެތަން ހުޅުވާނެ އިރެއް ނޭނގެ އެވެ. މި ވަގުތު އައްޑޫގައި އޮޕަރޭޝަންގައި އޮތް ރިސޯޓަކީ ހުޅުމީދޫ ކައިރީގައި އޮންނަ ސައުތު ޕާމެވެ.

ކެނަރީފް އަންނަ މަހު ހުޅުވުމުގެ ތައްޔާރީތައްވާ އިރު، ކޮވިޑާ ހެދި މިދިޔަ އަހަރު ހުއްޓުމަކަށް އައި ސްރީ ލަންކަން އެއާލައިންސްގެ ދަތުރުތައް ވެސް އަންނަ މަހުގެ 4 ގައި ގަން އެއާޕޯޓަށް ފަށަން ވަނީ ނިންމައިފަ އެވެ. މިއީ އައްޑޫގެ ޓޫރިސްޓް ފެސިލިޓީތަކަށް ޓޫރިސްޓުން އައުމަށް މަގުފަހިވެގެންދާނެ އިތުރު ކަމެކެވެ.