Roadha Mihaaru
ޝަންގްރިއްލާ އާއި ކެނަރީފް މިއަހަރު ވެސް ނުހުޅުވޭނެ؟!

ޝަންގްރިއްލާ ވިލިގިއްޔާއި ކެނަރީފް މި އަހަރު ހުޅުވޭނެ ކަމުގެ އުންމީދެއް ނެތް؟!

18 މާޗް 2021

ކޮވިޑް-19 އާ ހެދި މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ބަންދުކޮށްފައިވާ އައްޑޫގެ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އާއި ކެނަރީފް ރިސޯޓް ހުޅުވޭނެ އިރަކާ ބެހޭ ގޮތުން ޖަވާބެއް ދެއްވަން ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމަށް ދަތިވާ ކަހަލަ ގޮތަކަށް މިއަދު އައްޑޫގައި ވާހަކަ ދައްކަވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 އާ ހެދި މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ބަންދުކޮށްފައިވާ އައްޑޫގެ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އާއި ކެނަރީފް ރިސޯޓް ހުޅުވޭނެ އިރަކާ ބެހޭ ގޮތުން ޖަވާބެއް ދެއްވަން ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމަށް ދަތިވާ ކަހަލަ ގޮތަކަށް މިއަދު އައްޑޫގައި ވާހަކަ ދައްކަވައިފި އެވެ.

މިނިސްޓަރު ކުރިން ވިދާޅުވެފައި ވަނީ ޝަންގްރިއްލާ އާއި ކެނަރީފް ހުޅުވުމާ ގުޅޭ ގޮތުން އެ ތަންތަނުގެ މެނޭޖްމަންޓަތަކާ ވާހަކަ ދައްކަމުން އަންނާތީ މި އަހަރުގެ ތެރޭގައި އަލުން ހުޅުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެކަމަކު، މިއަދު މިނިސްޓަރު މައުސޫމް ދެ ރިސޯޓާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކުން ފާހަގަވީ މި އަހަރުގެ ތެރޭގައި ދެ ތަން ހުޅުވޭނެ ކަމުގެ ބޮޑު މާ ބޮޑު އުންމީދެއް ނެތް ކަމެވެ.

އައްޑޫގެ ޓޫރިަމް ޒޯންތަކުން ބިންތަކެއް ހަވާލުކުރަން ފޭދޫގައި ހަވީރު ބޭއްވި ރަސްމިއްޔާތުގައި މައުސޫމް ވިދާޅުވީ އަންނަ އަހަރު އައްޑޫގައި ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރާ އިރު ދެ ރިސޯޓް އޮންނާނީ ހުޅުވިފައި ކަމަށެވެ.

"ކެނަރީފާއި ޝަންގްރިއްލާ ބަންދުކޮށްފައި އޮންނަތާ އެތައް ދުވަހެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑު މި އުންމީދު ކުރަނީ ޓޫރިޒަމްގެ ރަން އަހަރު ފާހަގަކުރަންވާ އިރަށް އެ ދެ ތަން ހުޅުވި ހިދުމަތް ލިބޭ ގޮތަށް ހަމަޖެހިފައި އޮންނާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

"އެކަމަކު އެ އަށް ވުރެ އަވަސްވުމުގެ ފުރުސަތު ވަރަށް ވެސް ބޮޑު އިނގޭތޯ. އެހެންވީމާ ރަން އަހަރު އައްޑޫގައި ފާހަގަކުރާ އިރު ދެ ތަން އޮންނަން ވާނީ ހުޅުވިފައި. އެ ތަންތަނުގައި މަސައްކަތް ކުރުމުގެ ފުރުސަތު އޮންނަން ވާނީ ލިބިފައި."

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ޝަންގްރިއްލާ މިދިޔަ އަހަރު ބަންދުކުރި އިރު 139 މުވައްޒަފެއްގެ ވަޒީފާ ގެއްލިފައިވެ އެވެ. ކެނަރީފުން ވަޒީފާ ގެއްލުނު މުވައްޒަފުންގެ އަދަދު 200 އާ ގާތްކުރެ އެވެ.

މި ވަގުތު އައްޑޫގައި އޮޕަރޭޓްކުރާ ހަމައެކަނި ރިސޯޓަކީ 2019 ގައި ހުޅުވި ސަދަން ޕާމެވެ. ޝަންގްރިއްލާ ވިލިނގިލި ރިސޯޓަކީ 2009 ގައި ހުޅުވި ތަނެކެވެ. ކުރިން ހެރަތެރައިގެ ނަމުގައި ހިންގި ކެނަރީފަކީ 2007 ގައި ހުޅުވި ރިސޯޓެކެވެ.