Roadha Mihaaru
މާލީ ހާލަތު ދަށްވުމުން ކެނަރީފް ރިސޯޓު ބަންދު ކުރަނީ

މާލީ ހާލަތު ދަށްވުމުން އައްޑޫ ކެނަރީފް ރިސޯޓު ދެ އަހަރަށް ބަންދު ކުރަނީ

13 ޖޫން 2020

އައްޑޫގައި ހިންގާ ކެނަރީފް ރިސޯޓުގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ދެ އަހަރަށް ބަންދު ކުރަން ނިންމާފައިވާ ކަމަށް އެ ރިސޯޓުން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އައްޑޫގައި ހިންގާ ކެނަރީފް ރިސޯޓުގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ދެ އަހަރަށް ބަންދު ކުރަން ނިންމާފައިވާ ކަމަށް އެ ރިސޯޓުން މިއަދު ބުނެފި އެވެ.

އެ ރިސޯޓުގެ ޑިޕާޓްމެންޓު މެނޭޖަރަކު ނަން ހާމަނުކުރަން އެދި "މިހާރު" އަށް ވިދާޅުވީ 2014 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ރިސޯޓު ހިންގަމުން އައީ 21 މިލިއަން ޑޮލަރުގެ ގެއްލުމެއްގައި ކަމަށެވެ. މިހާރު ވިސްނާފައި އޮތީ އަންނަ ހޯމަދުވަހު ރިސޯޓު ބަންދުކުރުން ކަން ރިސޯޓުގެ ޖެނެރަލް މެނޭޖަރު މިއަދު އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެނެރީފް ރިސޯޓު 2014 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަނީ ސިންގަޕޫރުގެ ކްރެސަންޑަސް ކުންފުނިންނެވެ. އެ ރިސޯޓު ބަންދު ކުރަން ނިންމީ ސިންގަޕޫރުގައި ހުންނަ ރިސޯޓުގެ މައި އޮފީހުން ކަމަށް ވެސް ޑިޕާޓްމެންޓް މެނޭޖަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރިސޯޓު ހިންގުމުގައި ސަރުކާރުން ލިބެން ޖެހޭ އެއްބާރުލުން ނުލިބޭތީ ވެސް ރިސޯޓުގެ ޖެނެރަލް މެނޭޖަރު ވަނީ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ. އެ ރިސޯޓު ހިިންގުމުގައި ދިމާވާ ދަތިތައް ސަރުކާރާއި ހިއްސާ ކޮށްފައިވާއިރު އަދިވެސް ޓޫރިޒަމް މިނިސްޓްރީގެ ބަހެއް އެކަމާ ގުޅިގެން ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިސޯޓު ހިންގުމަށް ދިމާވާ ދަތިތަކުގެ ގޮތުގައި އެ ރިސޯޓުން ފާހަގަކޮށްފައި ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ބޭރުގެ ފްލައިޓުތައް މަދުވުމާއި މޯލްޑިވިއަނުން ޓޫރިސްޓުންގެ ފެއާ ބޮޑު ކުރުމެވެ.

ސަރުކާރުން އަންނަނީ އެ ރިސޯޓު ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުންނެވެ. ނަމަވެސް އެ ފެސިލިޓީގައި މިވަގުތު ތިބި އެންމެންގެ ޓެސްޓު ހެދުމަށް މިއަދު ސާމްޕަލް ނަގާފައިވާއިރު ހޯމަ ދުވަހު އެންމެން ދޫކޮށްލާނެ ކަމަށް އެ ރިސޯޓުން ވަނީ ލަފާ ކޮށްފަ އެވެ. އެހެންކަމުން އެ ދުވަހުން ފެށިގެން އެ ރިސޯޓު ބަންދުވާނެ އެވެ.

ކެނެރީފް ރިސޯޓުގައި މިވަގުތު އައްޑޫ ސިޓީއަށް ނިސްބަތްވާ 200 އެއްހާ މުވައްޒަފުން މަސައްކަތް ކުރެ އެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް މަޑުޖެހިފައި އޮތް ނަމަވެސް އަންނަ ޖުލައި މަހުން ފެށިގެން ޓޫރިސްޓުންނަށް ރާއްޖެ ހުޅުވާލަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިއާއެކު ރިސޯޓުތަކުން ވެސް އަންނަނީ ޓޫރިޒަމް މިނިސްޓްރީގެ ގައިޑްލައިނާ އެއްގޮތަށް ރިސޯޓު ހުޅުވުމަށް ތައްޔާރުވަމުންނެވެ.