Roadha Mihaaru
އެންމެ ބޮޑު ގެއްލުމަކީ ޝަންގްރިއްލާ ނުހުޅުވި ލަސްވުން

ޝަންގްރިއްލާ ނުހުޅުވި އޮތުމަކީ އައްޑޫގެ ޓޫރިޒަމަށް އެޅިފައިވާ އެންމެ ބޮޑު ހިޔަނި: މޭޔަރު

26 އޮކްޓޯބަރ 2024

އައްޑޫގައި އެންމެ މަތީފެންވަރުގައި ހިންގި އަދި އެ ސިޓީގެ އެންމެ ބޮޑު ރިސޯޓު، ޝަންގްރިލާ ވިލިނގިލި އައިލެންޑް ރިސޯޓު ނުހުޅުވި އެތައް ދުވަހެއް ވުމަކީ އައްޑޫގެ ޓޫރިޒަމް ދާއިރާ އަށް އެޅިފައިވާ އެންމެ ބޮޑު ހިޔަނި ކަމަށް މޭޔަރު އަލީ ނިޒާރު ރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އައްޑޫގައި އެންމެ މަތީފެންވަރުގައި ހިންގި އަދި އެ ސިޓީގެ އެންމެ ބޮޑު ރިސޯޓު، ޝަންގްރިލާ ވިލިނގިލި އައިލެންޑް ރިސޯޓު ނުހުޅުވި އެތައް ދުވަހެއް ވުމަކީ އައްޑޫގެ ޓޫރިޒަމް ދާއިރާ އަށް އެޅިފައިވާ އެންމެ ބޮޑު ހިޔަނި ކަމަށް މޭޔަރު އަލީ ނިޒާރު ރޭ ވިދާޅުވެއްޖެ އެވެ.

ޝަންގްރިއްލާ ރިސޯޓް އޮގަސްޓް 2021 ގައި ބަންދުކުރީ ކޮވިޑް-19 ގެ ދުވަސްވަރު ކުރިމަތިވި އިގުތިސާދީ ދަތިތަކާ ގުޅިގެންނެވެ. އޭގެ ފަހުން އެ ރިސޯޓު ހުޅުވޭނެ އެއްވެސް މަގެއް މިހާތަނަށް ދެއްކިފައެއް ނުވެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރު ވެސް ނިމުނީ ޝަންގްރިއްލާ ރިސޯޓު ހުޅުވޭނެ މަގެއް ނުފެނި އެވެ. މި ސަރުކާރު ނޮވެމްބަރު 17، 2023 ގައި ވެރިކަމަށް އައިސް ރިސޯޓުގެ މެނޭޖުމަންޓުގެ ބޭފުޅުންނާ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މި އަހަރުގެ ޖުލައި 5 ގައި ބައްދަލުކުރެއްވި އެވެ. އެ ބައްދަލުވުމަށް ފަހު މިނިސްޓަރު ވިދާޅުވީ، އަމާޒަކީ ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވޭނެ ތާރީހެއް 2-3 މަސް ތެރޭގައި ކަނޑައެޅުން ކަމަށެވެ.

އައްޑޫގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ބްރޭންޑް އިފުތިތާހު ކުރުމަށް ރޭ ކެނަރީފް ރިސޯޓުގައި ބޭއްވި ޖަލްސާގައި މޭޔަރު ނިޒާރު ވަނީ ޝަންގްރިއްލާ ނުހުޅުވި ލަސްވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ޓޫރިޒަމް މިނިސްޓަރު ފައިސަލް ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ނިޒާރު އެދިވަޑައިގަތީ އެ މައްސަލަ އަވަހަށް ހައްލު ކޮށްދެއްވާށެވެ. އެކަމަކު އޭނާ ވިދާޅުވީ، އެއީ އުނދަގޫ ކަމެއް ކަމަށާއި ގާނޫނީ ހުރަސްތަކެއް ވެސް އެބަހުރި ކަމަށެވެ.

އައްޑޫ މޭޔަރު ނިޒާރު

އައްޑޫ މޭޔަރު ނިޒާރު

"... އަދި ހަމަ އެއާއެކު، ބަޔަކަށް ދޫކޮށްފައިވާ ތަނެއް އެއްބަސްވުމުގެ ތެރޭގައި ތިއްބާ އެ ބަޔަކު ބޭރުކޮށްލުމަކީ ފަސޭހަކަމެއް ނޫން. ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑަކަށް ވާއިރު، ރާއްޖޭގެ ފަތުރުވެރިކަމަށް އެކަމުގެ ސަބަބުން ހުރަސް އެޅިދާނެ ފަދަ ޑިސިޝަންތަކެއް ސަރުކާރަކަށް ނުނެގޭނެ. އެކަން އަޅުގަނޑުމެންނަށް އެނގި ތިބެ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ،" މޭޔަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އައްޑޫގެ ވަރަށް ގިނަ ބަޔަކު ވަޒީފާ އަދާކުރަމުން އައި ޝަންގްރިއްލާ ރިސޯޓުގެ މައްސަލަ ހައްލުވުމުން އެ ސިޓީގެ ބެޑް ކެޕޭސިޓީ އިތުރުވާނެ އެވެ.

"އޭގެ އިތުރަށް ހަންކެޑަ ތަރައްގީ އަށް ކުރެވޭ މަސައްކަތުގައި ކާމިޔާބީތަކެއް ހޯދި އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި ހަންކެޑައިގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމުގެ ޔަގީންކަން ރައްުޔިތުންގެ މަޖިލިހުގެ މެމްބަރުން މިރޭ ވެސް އަޅުގަނޑަށް އެރުވި،" ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އައްޑޫގެ ދާއިރާތަކުގެ މަޖިލިސް މެމްބަރުންނަށް އިޝާރާތް ކުރައްވައި ނިޒާރު ވިދާޅުވި އެވެ.

މިހާރުގެ ޓޫރިޒަމް މިނިސްޓަރު ފައިސަލް ވިދާޅުވެފައި ވަނީ ޝަންގްރިއްލާ ރިސޯޓު މަރާމާތުކޮށް އަލުން އޮޕަރޭޝަނަށް ގެންނަން އެކަނި ވެސް 25 މިލިއަން ޑޮލަރު (386 މިލިއަން ރުފިޔާ) ބޭނުންވާ ކަމަށެވެ. އޭނާ އޭރު ވިދާޅުވީ، ޝަންގްރިއްލާގެ މެނޭޖުމަންޓުގެ ބޭފުޅުންނާ މި އަހަރުގެ ޖުލައި މަހު ބައްދަލުކުރެއްވި މައިގަނޑު އެއް ސަބަބަކީ ވެސް އެ ތަނުގެ އޮޕަރޭޝަން އަލުން ފެށޭނެ މަގެއް ހޯދަން ކަމަށެވެ.

އެކަމަކު، އެ ބައްދަލުވުމުން އެނގުނު ގޮތުގައި ޝަންގްރިއްލާ ރިސޯޓަށް ވަރަށް ބޮޑު މަރާމާތެއް ބޭނުންވާއިރު ވަރަށް ގިނަ ވަގުތު ވެސް ނަގަ އެވެ.

"އެކަން ކުރުމަށް ޝަންގްރިއްލާގެ އޯނަރުންނާ ހަމައަށް ދިއުމަށް ނިންމައި، މީޓިން އަށް ދައުވަތު ދީފައިވާނެ،" ޝަންގްރިއްލާގެ މެނޭޖުމަންޓާ އެކު ޖުލައި މަހު ބޭއްވި ބައްދަލުވުމަށް އިޝާރާތް ކުރައްވަމުން ޖެހިގެން އައި އޮގަސްޓް މަހު ފައިސަލް ވިދާޅުވެފައި ވެ އެވެ.

ހޮންގްކޮންގްގައި ހޮޓާ ވިޔަފާރީގެ އެންމެ ބޮޑު އެއް ކުންފުނި، ޝަންގްރިއްލާއާ ގުޅިގެން ސ. ވިލިނގިލި ތަރައްގީކޮށް ހުޅުވީ 2005 ގަ އެވެ. ކޮވިޑްގެ ދަތިކަމާ އެކު، އެ ރިސޯޓު ބަންދުކުރުމުން، ކުރީގެ ރައީސް އިބޫގެ ސަރުކާރުން ވަނީ ޝަންގްރިއްލާގައި އޮތް ސަރުކާރުގެ 30 ޕަސެންޓު ވެސް ދޫކޮށްލުމުގެ އެއްބަސްވުމެއްގައި މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އެ އަހަރުގެ އޮގަސްޓް މަހު ސޮއިކޮށްފަ އެވެ. އެކަމަކު، އޭގެ ފަހުން އެއްވެސް ކަހަލަ ކުރިއެރުމެއް އަދި ލިބުނު ކަމެއް ނޭނގެ އެވެ.

އެކަމަކު، އިބޫގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެފައި ވަނީ ދިވެހި ސަރުކާރުގެ ހިއްސާ ދޫކޮށްލުމުގެ އެއްބަސްވުމުގައި ސޮއިކުރުމަކީ އަލުން އެ ތަން ހުޅުވުމަށް އެންމެ ބޮޑަށް މަގުފަހިވި ކަންތައް ކަމަށެވެ. ނަމަވެސް އެ ވެރިކަން މިދިޔަ އަހަރުގެ ނޮވެމްބަރުގައި ބަދަލުވީ ސޮއިކުރި ފަހުން އެއްވެސް އަލިމަގެއް ނުފެނި އެވެ.

ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އަކީ ގަން އިންޓަނެޝަނަލް އެއާޕޯޓުން ސްޕީޑް ލޯންޗެއްގައި ގާތްގަނޑަކަށް ފަސް މިނިޓުން ދެވޭހާ ކައިރީގައި އޮންނަ ރިސޯޓެކެވެ. އެ ތަން އޭރު މަޝްހޫރުވީ މުއްސަނދި ޓޫރިސްޓުން ޒިޔާރަތްކުރާ ތަނެއްގެ ގޮތުގަ އެވެ.

ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވިއްޖެ ނަމަ މިހާރު ވެސް އައްޑޫގެ މީހުންނަށް 500 އެއްހާ ވަޒީފާ ލިބޭނެ ކަމަށް ސަރުކާރުން ދެކެ އެވެ. އެހެންވެ، އެއީ އައްޑޫގެ ޓޫރިޒަމް އެތައް ގުނައަކަށް މައްޗަށް ޖެއްސޭނެ ކަމެކެވެ.