Roadha Mihaaru
ޝަންގްރިއްލާގެ ހިއްސާ ސަރުކާރުން ދޫކޮށްލަން ނިންމައިފި

ޝަންގްރިއްލާގެ ހިއްސާ ސަރުކާރުން ދޫކޮށްލަން ނިންމައިފި: މައުސޫމް

14 ފެބުރުއަރީ 2023

އައްޑޫގައި މީގެ އަހަރުތަކެއް ކުރިން ހުޅުވި އެކަމަކު އެކި މައްސަލަތަކާ ހެދި ބަންދު ކޮށްފައިވާ ޝަންގްރިއްލާ ރިސޯޓުގެ ހިއްސާ ދޫކޮށްލަން ސަރުކާރުން ނިންމާފައިވާ ކަމަށާއި އެކަން ބޭރުގެ ހިއްސާދާރަށް ވެސް އަންގާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އައްޑޫގައި މީގެ އަހަރުތަކެއް ކުރިން ހުޅުވި އެކަމަކު އެކި މައްސަލަތަކާ ހެދި ބަންދު ކޮށްފައިވާ ޝަންގްރިއްލާ ރިސޯޓުގެ ހިއްސާ ދޫކޮށްލަން ސަރުކާރުން ނިންމާފައިވާ ކަމަށާއި އެކަން ބޭރުގެ ހިއްސާދާރަށް ވެސް އަންގާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

އޭނާ އެ ކަން އިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މައުސޫމް ވިދާޅުވީ، ސަރުކާރުގެ ހިއްސާ ދޫކޮށްލުމަށް ނިންމައި ޝަންގްރިއްލާ ރިސޯޓުގެ ހިއްސާ އޮންނަ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް އެކަން އަންގާފައިވާނެ ކަމަށެވެ. އެ ފަރާތުން ޖަވާބެއް ލިބުމުން އެކަން އެއްކޮށް ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަންގްރިއްލާގެ 30 ޕަސެންޓް ހިއްސާ އޮތީ ސަރުކާރުގެ އެވެ. އަދި ބާކީ ހިއްސާ އޮތީ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ އެވެ. ހޮންގްކޮންގް ހޮޓާ ވިޔަފާރީގެ އެންމެ ބޮޑު އެއް ކުންފުނި، ޝަންގްރިއްލާއާ ގުޅިގެން ސ. ވިލިނގިލި ތަރައްގީކޮށް ހުޅުވީ 2005 ވަނަ އަހަރު އެވެ. ނަމަވެސް ކޮވިޑަށް ފަހު އެތަނުގެ ހިދުމަތް ވަނީ ހުއްޓާލައިފަ އެވެ.

"ސަރުކާރުން ކޮށްދެއްވަން އޮތް އެންމެ ބޮޑު ކަންތައް ކޮށްދީފި. އެއީ ކުލި ވަރަށް ކުޑަކޮށްދީފި. ސަރުކާރުގެ އޮތް ޝެއާ ދޫކޮށްލުމުގެ މަޝްވަރާތައް އެބަދޭ. އައްޑޫ ސިޓީގެ މަޖިލީސް މެންބަރުންނާއި ކައުންސިލް މެންބަރުންނާ ޝާމިލުވާ ގޮތަށް ވާހަކަ ދެއްކެވިފައިވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޝަންގްރިއްލާގެ ސަރުކާރުގެ ހިއްސާ ދޫކުރަން ސަރުކާރުން އެއްބަސްވި ގޮތުގެ ތަފުސީލެއް މައުސޫމް އަދި ހާމައެއް ނުކުރައްވަ އެވެ.

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ މަހު އައްޑޫގައި ވިދާޅުވީ، ސަރުކާރުގެ ހިއްސާ ދޫކޮށްލާ ނަމަ 70 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށެވެ.

"ހިއްސާ ދޫކޮށްލަން ބެލިއިރުގައި މިވޭތުވެދިޔަ ތަނުގައި ކުންފުނި ހިންގާފައި އޮތީ ގެއްލުމުގައި. އެހެން ގޮސް ސަރުކާރުގެ ހިއްސާއަކީ ކިހާވަރެއްތޯ ބެލިއިރުގައި އެ އޮތީ ނެގެޓިވް. އަޅުގަނޑުމެން ހިއްސާ ދޫކޮށްލާ ކަމަށް ވަންޏާ 70 މިލިއަން ޑޮލަރު އެބަ ދައްކަންޖެހޭ. އެއްވެސް ސަރުކާރަކުން ނެތް މި އަށް ބަލާފައި. ކުންފުނި ހިންގާފައި ސްޓޭޓްމަންޓްތައް އެބަހުރި ސަރުކާރަށް ހުށަހަޅާފައި،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، މިހާރު ހެދެން އޮތް ހަމައެކަނި ގޮތަކީ ކުންފުނީގެ ދަރަންޏާއި ހިއްސާއާ އަޅާ ކަނޑައި ޝަންގްރިއްލާ ދޫކޮށްލުމެވެ.

މައުސޫމު ވިދާޅުވީ، ޝަންގްރިއްލާ ހުޅުވޭނެ ކަމަށް ވޭތުވެދިޔަ ދެ އަހަރު ވެސް އުންމީދު ކުރެއްވި ކަމަށެވެ. ޝަންގްރިއްލާގެ މައްސަލަ ހައްލުވެ، އެ ރިސޯޓު މި އަހަރުގެ ތެރޭގައި ހުޅުވޭނެ ގޮތެއް ވުމަކީ އޭނާގެ އެންމެ ބޮޑު އުންމީދު ކަމަށް ވިދާޅުވި އެވެ.