Roadha Mihaaru
އައްޑޫގެ މަޝްރޫއުތައް ނިމޭއިރު 7،000 އެނދު

އައްޑޫގެ މަޝްރޫއުތައް ނިމޭއިރު 7،000 އެނދު އޮޕަރޭޓްވާނެ: ރައީސް

03 ޖޫން 2023

އައްޑޫގައި މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ނިމުމުން 7،000 ޓޫރިސްޓް އެނދު އައްޑޫގައި އޮޕަރޭޓް ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އައްޑޫގައި މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ނިމުމުން 7،000 ޓޫރިސްޓް އެނދު އައްޑޫގައި އޮޕަރޭޓް ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފެށުމަށް މަރަދޫ ހިއްކި ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ، ކުރީގެ އެކި ސަރުކާރުތަކުން ވެސް ފޮނި އުއްމީދެއް ދައްކަމުން އައި ހަންކެޑެ ޕްރޮޖެކްޓަކީ ޖުމްލަ 2،782 އެނދު އިތުރުވާނެ މަޝްރޫއެއް ކަމަށެވެ. އެ ޕްރޮޖެކްޓުގެ ތެރެއިން އައްޑޫގެ އެހެން ރަށްތަކުގައި 7،600 އެނދު އިތުރުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިގޮތުގައި، ހަންކެޑެ މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމާނެ އެވެ.

"ހަންކެޑެ މަޝްރޫއުގެ ތެރެއިން އައްޑޫ ސިޓީގެ އެހެެން ރަށްތަކަށް ޖުމުލަ 600 ޓޫރިސްޓް އެނދު އިތުރުވާނެ. މިއީ ޖުމުލަ 2،682 އެނދު އިތުރުވެގެންދާނެ މަޝްރޫއެއް. މިހާރު ޕްރޮޖެކްޓް ކުރެވިފައިވާ ތަފާތު މަޝްރޫތައް ހިމެނޭއިރު، ޖުމުލަ 7،000 ޓޫރިސްޓް އެނދު އައްޑޫ ސިޓީގައި އޮޮޕަރޭޓު ވެގެންދާނެ،" އައްޑު އަށް މިއަދު ހަވީރު ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި މަރަދޫގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވި އެވެ.

ހަންކެޑެ މަޝްރޫއު އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރަން މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ މި އަހަރުގެ މާޗް މަހު އެވެ. ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ ހަވާލު ކޮށްފައިވާ އެ މަޝްރޫއު ކުރިއަށް ގެންދަނީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.

އައްޑޫގެ ގޯތިތައް ފަޅުވެ، ގެތައް ވީރާނާވެ، ގަސްބޯވެ، ވާވަނުމަކީ އައްޑޫގެ ރައްޔިތުން ހެޔޮބަދަލަކަށްޓަކައި ވީ ގުރުބާނީ އާއި ކުރި އުންމީދުގައި އޮތް ކަމެއް ނޫން. އައްޑޫގެ ރައްޔިތުން ބޭނުންވީ އައްޑޫ އާބާދުވެ، އާރާސްތުވެ، ކުރިއަރައި ދިއުން. އެ މަގުތައް މިދަނީ ކޮށައި އަލިވެ އާރާސްތު ކުރަމުން،"--- ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ، މިހާރު އޮތީ ހަންކެޑެ މަޝްރޫއު ފެށުމުގެ މަރުހަލާގައި ކަމަށެވެ.

"މުޅި މަޝްރޫއު އިރާދަކުރެއްވިއްޔާ ދެ އަހަރުގެ ތެރޭ ނިންމާލެވޭނެ. ރާއްޖެ އަށް ޑިމޮކްރަސީގެ ހެޔޮބަދަލު ހޯއްދެވުމަށް ތިޔަބޭފުޅުން ނުކުމެވަޑައިގަތީ، މި ޕްރޮޖެކްޓްތަކަށް އައްޑޫ އަށް ހޯއްދެވުމުގެ ބޭނުމުގައި. އެކަން މިއަދު އެ ދަނީ އައްޑޫ ސިޓީ އަށް ހާސިލްވަމުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެމްއެފްއެމްސީން ޗައިނާގެ ކުންފުނި މެދުވެރިކޮށް ތަރއްގީކުރާ ހަންކެޑެގެ ޑިޖިޓަލް އިލުސްޓްރޭޝަނެއް.

އެމްއެފްއެމްސީން ޗައިނާގެ ކުންފުނި މެދުވެރިކޮށް ތަރއްގީކުރާ ހަންކެޑެގެ ޑިޖިޓަލް އިލުސްޓްރޭޝަނެއް.

މި އަހަރުގެ ކުރީކޮޅު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ފާހަގަކުރެއްވި ބީދައިން މި ފަހަރު ވެސް އައްޑޫގެ ޝަންގްރިއްލާ ރިސޯޓާ ގުޅޭ ގޮތުން އުންމީދު އާ ކުރެއްވި އެވެ. ވިދާޅުވީ، އެ ރިސޯޓް ހިންގުމަށް އެޅޭ ކޮންމެ ހުރަހެއް ނައްތާލުމަށް އެ މަނިކުފާނު ތައްޔާރަށް ހުންނެވި ކަމަށެވެ.

"ދެމެހެއްޓެނިވި ގޮތުގައި އައްޑޫ ޝަންގްރިއްލާ ހިނގުމަށް އެޅޭ ކޮންމެ ހުރަހެއް ނައްތާލުމަށް އަޅުގަނޑު މިހުރީ ތައްޔާރަށް. އެ ފަރާތާއެކު އޮތް ޒަމާންވީ ސަރުކާރުގެ ހިއްސާ ދެމެހެއްޓުމަކީ އޮތް ހުރަސް ކަމުގައި ވުމަށް އަޅުގަނޑު ނުހަދާނަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ހިއްސާ ބަދަލު ކުރުމުގެ ލިޔެކިޔުންތައް ޝަންގްރިއްލާ ހިންގާ ފަރާތާ މި އަހަރުގެ މާޗު 18 ގައި ހިއްސާކޮށްފައިވާނެ ކަމަށާއި އެކަން ނިމުމާއެކު ބޭނުންވާ ބަދަލު ގެނެސް، ޝަންގްރިއްލާ އަލުން ހުޅުވައި، ހިނގަން ފަށާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ހަންކެޑެ މަޝްރޫއުގެ ތެރެއިން އައްޑޫ ސިޓީގެ އެހެެން ރަށްތަކަށް ޖުމުލަ 600 ޓޫރިސްޓް އެނދު އިތުރުވާނެ. މިއީ ޖުމުލަ 2،682 އެނދު އިތުރުވެގެންދާނެ މަޝްރޫއެއް. މިހާރު ޕްރޮޖެކްޓް ކުރެވިފައިވާ ތަފާތު މަޝްރޫތައް ހިމެނޭއިރު، ޖުމުލަ 7،000 ޓޫރިސްޓް އެނދު އައްޑޫ ސިޓީގައި އޮޕަރޭޓު ވެގެންދާނެ،"--- ރައީސް

ރައީސް ވަނީ އެސްޑީއެފްސީގެ ފަރާތުން އަމިއްލަ ފަރާތްތަކުގެ ގެސްޓް ހައުސްތައް އިމާރާތްކޮށް ނިންމައިދޭ ކޮންޓްރެކްޓަ ފައިނޭންސް މޮޑެލް ވެސް އައްޑު އަށް ގެންނާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ ދިގު މުއްދަތަކުން އަނބުރާ ދައްކަން ޖެހޭ ލޯނަށް 73 ބިން އޮތް ކަމަށެވެ. އޭގެ ތެރެިއން 44 ފަރާތަކުން 58 ބިމުގައި ގެސްޓް ހައުސް އިމާރާތް ކުރުމަށް އެދިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އައްޑޫގެ ގޯތިތައް ފަޅުވެ، ގެތައް ވީރާނާވެ، ގަސްބޯވެ، ވާވަނުމަކީ އައްޑޫގެ ރައްޔިތުން ހެޔޮބަދަލަކަށްޓަކައި ވީ ގުރުބާނީ އާއި ކުރި އުންމީދުގައި އޮތް ކަމެއް ނޫން. އައްޑޫގެ ރައްޔިތުން ބޭނުންވީ އައްޑޫ އާބާދުވެ، އާރާސްތުވެ، ކުރިއަރައި ދިއުން. އެ މަގުތައް މިދަނީ ކޮށައި އަލިވެ އާރާސްތު ކުރަމުން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.