Roadha Mihaaru
ބީޗެއް ނެތުން: އައްޑޫ ގެސްޓްހައުސްތަކަށް މައްސަލައެއް

ހާއްސަ ބީޗެއް ނެތުމަކީ އައްޑޫ ގެސްޓްހައުސްތަކަށް ބޮޑު މައްސަލައެއް

25 ފެބުރުއަރީ 2022

އައްޑޫއަކީ ގެސްޓް ހައުސް ޓޫރިޒަމް ވަރަށް ބޮޑަށް ކުރިއަރާފައި އޮތް ސަރަހައްދެކެވެ. ކޮވިޑާ ގުޅިގެން ޓޫރިސްޓުން އައުން މަޑު ޖެހުނު ނަމަވެސް މިހާރު އެ އަތޮޅަށް ދާ ޓޫރިސްޓުންގެ އަދަދު އަނެއްކާ ވެސް އަންނަނީ އިތުރުވަމުންނެވެ.

އިދުހާމް ނައީމް ސ. ހިތަދޫން އިދުހާމް ނައީމް

އައްޑޫއަކީ ގެސްޓް ހައުސް ޓޫރިޒަމް ވަރަށް ބޮޑަށް ކުރިއަރާފައި އޮތް ސަރަހައްދެކެވެ. ކޮވިޑާ ގުޅިގެން ޓޫރިސްޓުން އައުން މަޑު ޖެހުނު ނަމަވެސް މިހާރު އެ އަތޮޅަށް ދާ ޓޫރިސްޓުންގެ އަދަދު އަނެއްކާ ވެސް އަންނަނީ އިތުރުވަމުންނެވެ.

ކޮވިޑާއެކު ނިއު ނޯމަލްއަކަށް ރާއްޖެ މިސްރާބު ޖަހާފައިވާއިރު ސަރުކާރުން ވެސް މަސައްކަތް ކުރަނީ އައްޑޫގެ ޓޫރިޒަމް އިތުރަށް ފުޅާ ކުރުމަށެވެ. ނަމަވެސް މިކަމަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް، އައްޑޫގައި ގެސްޓްހައުސް ހިންގާ ފަރާތްތަކުން ގަބޫލު ކުރެ އެވެ.

އައްޑޫގެ ގިނަ ގެސްޓްހައުސްތަކުގެ ވެސް މައިގަނޑު އެއް ޝަކުވާއަކީ އެ އަތޮޅުގައި "ބިކިނީ ބީޗެއް" ނެތުމެވެ. އެކަމަށް އެކި ފަހަރުމަތިން ކައުންސިލާއި ސަރުކާރުގައި އެދުނު ނަމަވެސް މި ކަންބޮޑުވުމަށް ހައްލެއް ނުލިބޭ ކަމަށް އެ ގެސްޓްހައުސްތަކުގެ ވެރިން ބުނެ އެވެ.

އައްޑުއަށް ދިޔަ ޓޫރިސްޓުންތަކެއް: ގިނައިން އަންނަނީ ޔޫރަޕުގެ ޓޫރިސްޓުން ކަމަށް ވާތީ ބިކިނީ ބީޗެއް އޮތުން މުހިންމު ކަމަށް ގެސްޓްހައުސްތަކުން ބުނޭ-- ފޮޓޯ: ޕެބަލްސް އިން

އައްޑުއަށް ދިޔަ ޓޫރިސްޓުންތަކެއް: ގިނައިން އަންނަނީ ޔޫރަޕުގެ ޓޫރިސްޓުން ކަމަށް ވާތީ ބިކިނީ ބީޗެއް އޮތުން މުހިންމު ކަމަށް ގެސްޓްހައުސްތަކުން ބުނޭ-- ފޮޓޯ: ޕެބަލްސް އިން

ސ. ހިތަދޫގައި ހުންނަ ގެސްޓަހައުސް އެއް ކަމަށްވާ ޕެބަލްސް އިން ގެ އޮޕަރޭޝަންސް މެނޭޖަރު މިންހާޖް ނަޒީރު ވިދާޅުވީ ބޭރު ގައުމުތަކުގައި އެތަން މާކެޓް ކުރާއިރު އައްޑޫގައި ބިކިނީ ބީޗެއް ނެތުމުން ވަރަށް ބޮޑު ދަތިތަކެއް ދިމާވާ ކަމަށެވެ. އަދި މިހާރު އައްޑުއަށް ޓޫރިސްޓުން ގެނައުމުގައި އެއީ މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބޮޑު މާކެޓަކީ ޔޫރަޕު ހިސާބު. އެ ހިސާބުން ޓޫރިސްޓުން އަންނައިރު އެންމެ ގިނައިން އަހާނީ ބިކިނީ ބީޗެއް އޮވޭހޭ. އެހެންވެ މާކެޓް ކުރަން ވަރަށް އުނދަގޫތަކާ ކުރިމަތިވޭ،" މިންހާޖް ވިދާޅުވި އެވެ.

މި އަތޮޅު ފޭދޫގައި އިކުއަޓޯރިއަލް ޑައިވާސް ލައުންޖުގެ ނަމުގައި ގެސްޓްހައުސްއެއް ހިންގާ އިބްރާހިމް ރަޝީދު ވިދާޅުވީ އައްޑޫގައި ބިކިނީ ބީޗެއް ނެތުމުގެ ސަބަބުން ގިނަ ޓޫރިސްޓުން ގެންދަން ޖެހެނީ ކައިރި ފަޅުރަށްތަކަށް ކަމަަށެވެ. ނަމަވެސް ރަށުގައި އެފަދަ ބީޗެއް އޮންނަން ޖެހޭ ކަމަށާއި މީގެ ސަބަބުން ގެސްޓްހައުސްތަކަަށް އަންނަ ޓޫރިސްޓުން އިތުރުވާނެ ކަމަަށް އޭނާ ވިދާޅުވި އެވެ.

"ގްރޫޕްތައް އެއްކޮށް، ނޫނީ ކަޕްލްތައް މިއަންނަނީ. އަންނައިރު އެއްބަޔަކު ބޭނުންވެދާނެ ޑައިވިންއަށް ދާން. އެކަމަކު ދެން ތިބި މީހުން ބޭނުންވެދާނެ އަތިރިމަތީގައި މަޑުކޮށްލައިގެން ތިބެން. އެހެން ތިބޭއިރު އެ މީހުން ބޭނުންވާނީ ބިކިނީގައި ތިބެން. އެކަމަކު އެގޮތަށް ތިބެވޭ ހާއްސަ ބީޗެއް ނޯވޭ،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

އައްޑޫއަށް ދިޔަ ޓޫރިސްޓުންތަކެއް ޑައިވް ކުރަނީ-- ފޮޓޯ އިކުއަޓޯރިއަލް ޑައިވާސް ލައުންޖް

އައްޑޫއަށް ދިޔަ ޓޫރިސްޓުންތަކެއް ޑައިވް ކުރަނީ-- ފޮޓޯ އިކުއަޓޯރިއަލް ޑައިވާސް ލައުންޖް

ގިނަ ޓޫރިސްޓުންގެ މެދުގައި އައްޑޫ މަގުބޫލުވެފައި އޮންނަނީ ޑައިވިން މަންޒިލެއްގެ ގޮތުގަ އެވެ. އައްޑު އާއި ފުވައްމުލަކާ ދެމެދު އޮންނަ މަންތާ ޕޮއިންޓާއި ޓައިގާ ޝާކް ޕޮއިންޓަކީ އާއްމުކޮށް ޓޫރިސްޓުން ޑައިވް ކުރަން ދާ ތަންތަނެވެ.

އައްޑޫގައި ޓޫރިސްޓުންނަށް ހާއްސަ ބީޗެއް އަޅަން ކުރީގެ ކައުންސިލުން ނިންމި އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެކަން މެދުކެނޑުމަށްފަހު އަލުން އެ މަސައްކަތެއް ނުފަށަ އެވެ. މި ބީޗް އަޅައިދޭނެ ކަމުގެ ޔަގީންކަން، މޭޔަރު އަލީ ނިޒާރު ދެއްވާފައިވާ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

"ވަރަށް ގިނަ ފަހަރު އަޅުގަނޑުމެންނަށް މިކަން ކޮށްދޭން އެދެވިއްޖެ. މިއީ މި އަތޮޅުގެ ހުރިހާ ރަށެއްގެ ވެސް ގެސްޓްހައުސްތަކުން އެދޭ ކަމެއް. މިހާރުގެ ކައުންސިލުން ޔަގީންކަން ދެއްވި އެ މަސައްކަތް ކޮށްދެއްވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން އައްޑުއަށް ޓޫރިސްޓުން ގެންދިއުމުގައި އެންމެ ބޮޑު ދައްޗަކަށް ވެފައި އޮތީ ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކެވެ. ނަމަވެސް މިހާރު ސްރީލަންކަން އެއާލައިނުންނާއި މަންޓާ އެއާއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފެށުމުން އެކަމަށް ކުޑަ ނަމަވެސް ހައްލެއް ލިބިއްޖެ ކަމަަށް ގިނަ ގެސްޓްހައުސްތަކުން ގަބޫލު ކުރެ އެވެ.