Roadha Mihaaru
ބިޔޯންޑް ދި އީކުއޭޓާއިން އައްޑޫގެ ރީތިކަމާއި ނަލަކަން

"ބިޔޯންޑް ދި އީކުއޭޓާ"އިން އައްޑޫގެ ރީތިކަމާއި ނަލަކަން!

28 އޮކްޓޯބަރ 2024

އީކުއޭޓާއަކީ ދުނިޔޭގެ އުތުރާއި ދެކުނު ބިތު ވަކިކޮށްލާ ރޮނގެވެ. ދުނިޔޭގެ މެދު ކަމަށް ބަލާ މި ރޮނގު ހުރަސްކުރާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ. ރާއްޖޭގައި މި ރޮނގު ހުރަސްކުރަނީ ހުވަދު އާއި އައްޑުއާ ދެމެދުގައި އޮންނަ އައްޑޫ ކަނޑު ހުރަސްކޮށެވެ. އެހެންވެ، އައްޑުއަކީ ރާއްޖޭގެ ވަރަށް ހާއްސަ އަތޮޅަކަށްވެ އެވެ. އެހެން އަތޮޅުތަކާ އަޅާ ބަލާއިރު، ގުދުރަތީ ގޮތުން ހާސްބައި ތަފާތު ތަނެކެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑޫގެ ޓޫރިޒަމް ބްރޭންޑް އިފްތިތާހުކުރުމަށް ބޭއްވި ހަފުލާގައި ޓޫރިޒަމް މިނިސްޓަރު  އިބްރާހިމް ފައިސަލް އާއި ސިޓީ ކައުންސިލްގެ އިސްވެރިން.-- ފޮޓޯ: އެންކްރިއާ

އައްޑޫގެ ޓޫރިޒަމް ބްރޭންޑް އިފްތިތާހުކުރުމަށް ބޭއްވި ހަފުލާގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި ސިޓީ ކައުންސިލްގެ އިސްވެރިން.-- ފޮޓޯ: އެންކްރިއާ

އައްޑޫގެ ޓޫރިޒަމް ބްރޭންޑުކޮށް، މުޅި ދުނިޔެ އަށް ޕްރޮމޯޓް ކުރުމަށް އެ ސިޓީގެ ކައުންސިލުން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތުގައި އެ އަތޮޅު ހާއްސަވާ ސަބަބުތަކަށް ވަރަށް ބޮޑަށް އިސްކަންދިނެވެ. އައްޑޫގެ ތަފާތު ސިފަތަކާއި ގުދުރަތީ ވެށީގެ މުއްސަނދިކަމާއި ރީތިކަން ވަރަށް ބޮޑަށް ދައްކައިދެ އެވެ.

އައްޑޫ ބްރޭންޑް ކުރުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ހަވާލުކުރީ ބްރޭންޑިންގެ މަސައްކަތް ކޮށްދޭ ދިވެހި ކުންފުންޏެއް ކަމަށްވާ ކްރިއޭޓިވް ކްރޫއާ އެވެ. ކްރިއޭޓިވް ކްރޫ އާއި އެ މަސައްކަތްކޮށްދޭ އެހެން ކުންފުންޏެއް ކަމަށްވާ އެންކްރިއާއާ ދެމެދު އެކުލަވައިލި ޕާޓްނާޝިޕް އެއްބަސްވުމެއްގެ ދަށުން މިހާރު ވަނީ އައްޑޫ ބްރޭންޑް ކުރުމުގެ މަސައްކަތް ނިންމާލައިފަ އެވެ. އައްޑޫ ކެނެރީފް ރިސޯޓުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ހަފުލާއެއްގައި ވަނީ އައްޑޫގެ ޓޫރިޒަމް ބްރޭންޑް އިފްތިތާހުކޮށްފަ އެވެ.

އެންކްރިއާ އިން އައްޑޫގެ ޓޫރިޒަމް ބްރޭންޑްކޮށްފައިވާ ގޮތް އެ ޓީމުގެ ފަރާތުން އަބޯ ހުށަހަޅައިދެނީ.-- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އެންކްރިއާ އިން އައްޑޫގެ ޓޫރިޒަމް ބްރޭންޑްކޮށްފައިވާ ގޮތް އެ ޓީމުގެ ފަރާތުން އަބޯ ހުށަހަޅައިދެނީ.-- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

ކްރިއޭޓިވް ކްރޫ އާއި އެންކްރިއާ ގުޅިގެން ތައްޔާރުކުރި އައްޑޫގެ ޓޫރިޒަމްގެ ވަރުގަދަ ބްރޭންޑަށް ދީފައި ނަމަކީ "އައްޑޫ: ބިޔޯންޑް ދި އީކުއޭޓާ" އެވެ.

އެންކްރިއާގެ ޓީމުން ބުނި ގޮތުގައި، އައްޑޫ ސިޓީ ކައުންސިލްގެ ދަށުން ހިންގާ އައްޑޫ ޑެސްޓިނޭޝަން މެނޭޖުމަންޓް އޮފީހާ ގުޅިގެން މި ބްރޭންޑިންގެ މަސައްކަތް އެއްކޮށް ނިންމައިލީ ގާތްގަނޑަކަށް ހަތަރު މަސްދުވަހުންނެވެ. އަދި އެ ބްރޭންޑް އުފެއްދީ "އައްޑޫ"ގެ ނަމުގެ އަސްލާއި ސާދާކަމާ ގުޅުވައި އައްޑޫގެ ހާއްސަ ސިފަތަކާއި ހިތްގައިމުކަން ދައްކައިދޭ ކުލަތައް ވެސް ރަމްޒު ވާނެ ގޮތަށެވެ.

އައްޑޫގެ ގުދުރަތީ ރީތިކަމާއި ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުގެ ހިތްގައިމު ކަމާއި ސަގާފީ މުއްސަނދިކަން ދައްކައިދޭ ގޮތަށް އެންކްރިއާ އިން ފަރުމާކޮށްފައިވާ މި ބްރޭންޑުގެ ކުލަތަކުގެ އެލެމެންޓްސް ގެނެސްދީފައި ވަނީ އައްޑޫގެ ކަނޑާއި ގުދުރަތީ މާހައުލު އަދި ދިރުންތައް ހިމަނައިގެންނެވެ.

އެންކްރިއާގެ ޓީމުން ވަނީ އެ ބްރޭންޑްގެ ނަމާއި ލޯގޯ އާއި ޓެގް ލައިނާއި ތީމްތައް އަދި އައްޑޫ ޓޫރިޒަމް ބްރޭންޑް ފިލްމު ވެސް އެ ހަފުލާގައި ދައްކާލައިފަ އެވެ.

އެންކްރިއާ އިން އައްޑޫގެ ޓޫރިޒަމް ބްރޭންޑްކޮށްފައިވާ ގޮތް އެ ޓީމުގެ ފަރާތުން ޝާޒިފް ހުށަހަޅައިދެނީ.-- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އެންކްރިއާ އިން އައްޑޫގެ ޓޫރިޒަމް ބްރޭންޑްކޮށްފައިވާ ގޮތް އެ ޓީމުގެ ފަރާތުން ޝާޒިފް ހުށަހަޅައިދެނީ.-- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އެންކްރިއާ އިން އައްޑޫގެ ޓޫރިޒަމް ބްރޭންޑްކޮށްފައި ވަނީ މައިގަނޑު ފަސް ތީމަކަށް ބަހާލައިގެންނެވެ. އެއީ؛

• ބިޔޯންޑް އޯޑިނަރީ - އައްޑޫގެ މޫދު އަޑީގެ ރީތިކަން ދައްކައިދިނުން. އައްޑުއަކީ ވަރަށް ގިނަ، ރީތި ޑައިވް ޕޮއިންޓްތައް ވެސް ހުރި ތަނަކަށް ވާތީ މި ތީމް ހާއްސަ ކޮށްފައި ވަނީ އެ ކަންކަމަށް.

• ބިޔޯންޑް ބީޗެސް - ގޮނޑުދޮށްތަކާއި މޫދުގެ އިތުރުން އައްޑުއަކީ އެހެން ވެސް ވަރަށް ގިނަ ގޮތްގޮތުން ގުދުރަތީ މުއްސަނދިކަން ލިބިފައިވާ އަތޮޅެއް. އޭގެ ތެރޭގައި ކުޅިތަކާއި ޗަސްބިންތައް ހިމެނޭ.

• ބިޔޯންޑް ހޮރައިޒަންސް - އައްޑޫގެ ރަށްތަކަށް ފެންނަ އިރުއަރާ އަދި އިރުއޮއްސޭ މަންޒަރު.

• ބިޔޯންޑް ސެރެނިޓީ - ޔުނެސްކޯގެ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި އައްޑޫ ކަނޑައަޅާފައި އޮތް އޮތުން.

• ބިޔޯންޑް ޑްރީމްސް - ރާއްޖޭގެ އެހެން އަތޮޅުތަކާއި އައްޑޫގެ ތަފާތު ކަމާއި އަތޮޅަށް ލިބިފައި ހުރި ހާއްސަ ސިފަތައް.

އައްޑޫގެ ޓޫރިޒަމް ބްރޭންޑްކުރުމަށް ބޭނުންކޮށްފައިވާ މައިގަނޑު ފަސް ތީމް.-- ފޮޓޯ: އެންކްރިއާ

އައްޑޫގެ ޓޫރިޒަމް ބްރޭންޑްކުރުމަށް ބޭނުންކޮށްފައިވާ މައިގަނޑު ފަސް ތީމް.-- ފޮޓޯ: އެންކްރިއާ

މި ހުރިހާ ތީމެއް ހިމަނައިގެން ވަނީ އައްޑޫގެ ބްރޭންޑް ފިލްމެއް ވެސް ހަދައިފަ އެވެ. އެ ފިލްމުގައި އައްޑޫގެ ރީތި މަންޒަރުތަކާއި ފިލްމަށް ހާއްސަކޮށް ހެދި މިއުޒިކް ވެސް ހިމަނާފައިވެ އެވެ.

އައްޑޫގެ ރީތިކަން ފެންނާނެ ގޮތަށް އިންސްޓަގްރާމް ސްޓޯރީތަކުގައި ބޭނުންކުރެވޭނެ ޓެމްޕްލޭޓްތަކެއް ވެސް އެންކްރިއާ އިން ތައާރަފުކުރި އެވެ. މިދިޔަ ދެތިން ދުވަހުގެ ތެރޭގައި އެކަނިވެސް 500 އަށް ވުރެ ގިނަ މީހުން ވަނީ އެ ޓެމްޕްލޭޓްތައް ބޭނުންކޮށްފަ އެވެ.

"މި ބްރޭންޑިންގެ މައިގަނޑު މަގުސަދަކަށް ވީ، އައްޑުއަކީ މުޅި ދުނިޔެއަށް ވެސް އެނގޭނެ، ފާހަގަވާނެ ތަނަކަށް ހެދުން،" އެންކްރިއާގެ ޓީމުން ބުންޏެވެ.

ބްރޭންޑް ލޯންޗުކުރުމަށް ބޭއްވި ހަފުލާގައި ވަނީ އައްޑޫގެ ޓޫރިޒަމަށް ހާއްސަކޮށް އުފައްދާފައިވާ ވެބްސައިޓް ވެސް އިފްތިތާހުކޮށްފަ އެވެ.

އައްޑޫ ޑެސްޓިނޭޝަން މެނޭޖްމަންޓް އޮފީހުގެ އިސްވެރިޔާ އަދި ކައުންސިލަރު ހުސެއިން ޒަރީރު ވިދާޅުވީ އައްޑޫގެ ޓޫރިޒަމް ބްރޭންޑުކޮށް، ތައާރަފުކުރުމަކީ އެ ސިޓީގެ ޓޫރިޒަމް ފުޅާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

އައްޑޫގެ ޓޫރިޒަމް ބްރޭންޑް އިފްތިތާހުކުރުމަށް ބޭއްވި ހަފުލާގައި މޭޔަރު އަލީ ނިޒާރު އާއި ކައުންސިލަރު ހުސެއިން ޒަރީރު.-- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫގެ ޓޫރިޒަމް ބްރޭންޑް އިފްތިތާހުކުރުމަށް ބޭއްވި ހަފުލާގައި މޭޔަރު އަލީ ނިޒާރު އާއި ކައުންސިލަރު ހުސެއިން ޒަރީރު.-- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

"މި ބްރޭންޑަކީ ހަމައެކަނި ލޯގޯއެއް ނޫން. މިއީ ބޭރުގެ ޓޫރިސްޓުންނަށް އައްޑުއަށް އައުމަށް ދެވޭ ހާއްސަ ދައުވަތެއް. އަޅުގަނޑުމެން އަންގައިދެން ބޭނުންވަނީ ރާއްޖޭގެ މަޝްހޫރު އެހެން މަންޒިލްތަކާ އެއްހަމައެއްގައި ފެންވަރު މަތީ ހިދުމަތާ އަދި ސަގާފީ ގޮތުން ވެސް މުއްސަނދި ތަޖުރިބާއެއް އައްޑޫން ވެސް ލިބޭނެކަން،" ޒަރީރު ވިދާޅުވި އެވެ.

ޒަރީރު ވިދާޅުވި ގޮތުގައި، އައްޑޫގެ މި ބްރޭންޑް ކާމިޔާބީއަކަށް ހެދުމަށް، އެ ސިޓީގެ މުޖުތަމައު އާއި ވިޔަފާރިތަކާ އަދި ސްޓޭކްހޯލްޑަރުންގެ އެއްބާރުލުން ވަރަށް ބޭނުންވެ އެވެ. އެންމެން ގުޅިގެން އެކުގައި މަސައްކަތްކޮށްފި ނަމަ، މިއީ ވަރަށް ބޮޑަށް ކުރިއެރުވޭނެ ބްރޭންޑެކެވެ.