Roadha Mihaaru
އައްޑޫގައި ގެސްޓް ހައުސް އަޅަން ބިން ދޫކުރަނީ

އައްޑޫގައި ގެސްޓް ހައުސް އަޅަން ބިން ދޫކުރަނީ

29 ސެޕްޓެމްބަރ 2019

އައްޑޫގައި ޓޫރިޒަމްގެ ބޭނުމަށް 4،000 އެނދު ތަރައްގީކުރަން ބޭނުންވާ ބިން ދޫކުރަން އަންނަ މަހު އިއުލާނު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އައްޑޫގައި ޓޫރިޒަމްގެ ބޭނުމަށް 4،000 އެނދު ތަރައްގީކުރަން ބޭނުންވާ ބިން ދޫކުރަން އަންނަ މަހު އިއުލާނު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާ ގޮތަށް "ރަށު ފަތުރުވެރިކަމަށް" އައްޑޫން ބިން ދޫކުރުމަށްޓަކައި ސިޓީ ކައުންސިލާއި މިނިސްޓްރީއާ ދެމެދު އެއްބަސްވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ރަށުގެ ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް 4،000 އެނދުގެ މަސައްކަތް ކުރުމަށް ބިން ތައް ދޫކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރާނެ ކަމަށެވެ.

"މިއީ ވަރަށް ގިނަ ދުވަސްވީ، އައްޑޫ ރައްޔިތުންގެ އުންމީދުތަކެއް. އަމާޒަކީ ރައީސްގެ ވައުދާ އެއްގޮތަށް 8،000 އެނދު އައްޑޫއަށް އިތުރު ކުރުން. އޭގެ ދެ ބައިކުޅަ އެއްބައި ފުރަތަމަ އަހަރުގައި އެކަން ފެށުމުގެ މަސައްކަތް މިކުރެވުނީ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ ޖުލައި 29 ވަނަ ދުވަހު ޓޫރިޒަމްގެ މާސްޓާ ޕްލޭން އެކުލަވާލުން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ވަނީ ރާއްޖޭގެ 11 ރަށަކުން ގެސްޓްހައުސް ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާކަން އިއުލާނުކުރައްވައިފަ އެވެ. މީގެ ތެރޭގައި އައްޑޫގެ ހަ ރަށެއް ވެސް ހިމެނެ އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ، އައްޑޫގައި ގެސްޓްހައުސް ނުވަތަ ހޮޓާ ތަރައްގީ ކުރުމަށް ޓޫރިޒަމް މިނިސްޓްރީއާ އެކު ވީ އެއްބަސްވުމުގެ ދަށުން، ބިންތަކުގެ މައުލޫމާތު އަންނަ މަހު އާންމުކުރާނެ ކަމަށެވެ. އައްޑޫގައި އިންވެސްޓް ކުރުމަށް އިންވެސްޓަރުންނަށް ހުޅުވާލަނީ ރައްޔިތުންގެ މަޝްވަރާއާ އެކު ކަމަށާއި މިކަން ކާމިޔާބު ވުމުން ރާއްޖޭގެ ދެކުނުގައި ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިއުލާނު ކުރެވޭ އިރު ސަރަހައްދުތައް ތަރައްގީކުރާނެ ކޮންސެޕްޓްތައް އެކުލަވާލެވި އަދި ލޭންޑްސްކޭޕްގެ މަސައްކަތްތައް އަދި ބީޗް ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ސޯބެ ވިދާޅުވީ، މިހާރު އޮތް ގަވައިދުގެ ތެރެއިން ގެސްޓްހައުސްތަކަށް ބިން ދޫކުރެވެނީ 5،000 އަކަފޫޓު ކަމަށާއި ސިޓީ ހޮޓާ ތަރައްގީ ކުރާނަމަ 10،000 އަކަފޫޓް ދޫކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ދޫކުރާ ބިމުގެ އަދަދު އެނގޭނީ އިންވެސްޓްމެންޓަށް ބެލުމަށް ފަހު ކަމަށާއި މުޅި ކޮންސެޕްޓްގެ މަސައްކަތް ނިމުމުން ބިމުގެ އަދަދު ޔަގީންވާނެ ކަމަށެވެ.

ސޯބެ ވިދާޅުވީ، މިހާރު އޮތް ގޮތުން ޓޫރިޒަމަށް ބިން ދޫކުރަން ކަނޑައަޅާފައިވާ ހަ ރަށުން ވެސް ބައި ހެކްޓަރުން ތިނެއް ބައި ހެކްޓަރާ ހަމަޔަށް ބިން ދޫކުރެވޭނެ ކަމަށެވެ.