Roadha Mihaaru
ހިލޭ ހައްޖަށް ފޮނުވާ މީހުން ކަނޑައަޅަން ގުރުލަނީ

ހިލޭ ހައްޖަށް ފޮނުވާ މީހުން ކަނޑައަޅާނީ ފަގީރުންގެ ދަފުތަރުގައި ހިމެނޭ މީހުންގެ މެދުގައި ގުރުލައިގެން

05 ފެބުރުއަރީ 2024

ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 1،000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުގެ ދަށުން ހައްޖަށް ފޮނުވާ މީހުން ކަނޑައަޅާނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ މެދުގައި ގުރުލައިގެން ކަމަށް އުސޫލުގައި ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 1،000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުގެ ދަށުން ހައްޖަށް ފޮނުވާ މީހުން ކަނޑައަޅާނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ މެދުގައި ގުރުލައިގެން ކަމަށް އުސޫލުގައި ބުނެފި އެވެ.

ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ހައްޖަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އަމަލުކުރާނެ އުސޫލުތަކާއި ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލު އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ގެޒެޓް ކޮށްފަ އެވެ.

މި އުސޫލުގެ ދަށުން ހިލޭ ހައްޖަށް ގެންދާ މީހުން ހޮވުމުގައި ބަލާނެ ފަސް ޝަރުތެއް ބަޔާންކޮށްފައިވެ އެވެ. އެ ޝަރުތުތަކަކީ؛

• ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވުން.

• ހައްޖުގެ އަޅުކަން ކުރިން އަދާކޮށްފައި ނުވާ މީހަކަށް ވުން.

• އެ އަހަރަކު އިއުލާންކުރާ އުމުރުފުރާގެ މީހަކަށް ވުން.

• ހައްޖުގެ އަޅުކަން އާދަކުރެވޭނެ ސިއްހީ ހާލެއްގައި ހުރުން.

• އެ އަހަރަކު ހައްޖަށް ގެންދާ މީހުން ހޮވުމުގެ ކުރިން މީލާދީ ގޮތުން 69 އަހަރު ފުރިފައި ނުވާ މީހަކަށް ވުން.

މި އުސޫލުގެ ދަށުން ކޮންމެ މީހަކަށް ދޭނީ އެންމެ ޖާގައެއް ކަމަށް ވެސް ބުންޏެވެ.

މި އަހަރު ރާއްޖެ އިން ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕްގެ ބައެއް މީހުން މިއަދުގެ މެންދުރު ނަމާދުކުރުމަށްފަހު ފުރާ ޓާމިނަލް އަށް ދަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި އަހަރު ރާއްޖެ އިން ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕްގެ ބައެއް މީހުން މިއަދުގެ މެންދުރު ނަމާދުކުރުމަށްފަހު ފުރާ ޓާމިނަލް އަށް ދަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހިލޭ ހައްޖަށް މީހުން ފޮނުވުމުގެ އުސޫލު އާންމުކުރުމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ދައުލަތުގެ ހަރަދުގައި، ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ 50 މީހަކު ފޮނުވާނެ ކަމަށެވެ.

"މި އުސޫލުގެ ދަށުން ހައްޖަށް ފޮނުވާނެ މީހުން ކަނޑައަޅާނީ މި ވުޒާރާއިން އެކުލަވާލާފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި އާންމުކޮށް ހުޅުވައިލައިގެން ބާއްވާ ގުރުއަތުލުމަކުންނެވެ،" އެ ބަޔާނުގައިވެ އެވެ.

މިނިސްޓްރީން ބުނީ މި އުސޫލުގެ ދަށުން ޖާގަ ލިބޭ މީހުން ހައްޖަށް ދިއުމަށް ހަމަޖެހިފައި ވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ކަމަށާއި އަދި އެ މީހުންނަށް ކޯޓާ ހަމަޖައްސާނީ މިނިސްޓްރީގެ ބޭނުމަށް ރިޒާވް ކުރާ ހައްޖު ކޯޓާގެ ތެރެއިން ކަމަށެވެ.

ސަރުކާރުން ކުރިން ބުނި ގޮތުގައި، ފުރަތަމަ ތިން އަހަރު، އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ މީހުން އަދި ފަހު ދެ އަހަރު 45 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނަށް ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ.

ދައުލަތުގެ ހަރަދުގައި ހައްޖަށް ގެންދާ މީހުންނަށް އެތެރޭގެ ދަތުރުފަތުރުތަކުގެ ހަރަދާއި މާލޭގައި ހުރުމުގެ ހަރަދު ވެސް ހަމަޖައްސައިދޭނެ އެވެ.

ކެބިނެޓުން ނިންމާފައި ވަނީ މި އަހަރުގެ ހައްޖަށް ފޮނުވާ 50 މީހުންގެ ހަރަދު ޒަކާތު ފަންޑުން ހަމަޖައްސާށެވެ. ކުރިއަށް އޮތް އަހަރުތަކުގެ ދައުލަތުގެ ބަޖެޓުންނާއި އެކި ފަރާތްތަކުގެ ސްޕޮންސަރުންގެ ދަށުން މި ހަރަދު ހޯދުމަށް ވަނީ މަޝްވަރާކޮށްފަ އެވެ.

ފަގީރުންގެ ދަފްތަރުގައި މިވަގުތު 6،000 އެއްހާ މީހުން ތިބެ އެވެ.