Roadha Mihaaru
އިތުރު ކޯޓާ ލިބިއްޖެ ނަމަ ކިއޫ ކުޑަކުރަން ގްރޫޕްތަކަށް

އިތުރު 1،000 ކޯޓާ ލިބިއްޖެ ނަމަ ދޫކޮށްލާނީ އަމިއްލަ ގުރޫޕްތަކަށް، އަގު ކަނޑައަޅާނީ ކޯޕަރޭޝަނުން!

26 ޖެނުއަރީ 2024

ރާއްޖެ އިން މީހުން ހައްޖަށް ގެންދަން އިތުރު 1،000 ކޯޓާ ލިބިއްޖެ ނަމަ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގައި މިހާރު އޮތް ދިގު ކިއޫ ކުޑަކުރަން އަމިއްލަ ޖަމާއަތްތަކަށް އެ ކޯޓާ ދޫކުރާނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިން މީހުން ހައްޖަށް ގެންދަން އިތުރު 1،000 ކޯޓާ ލިބިއްޖެ ނަމަ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގައި މިހާރު އޮތް ދިގު ކިއޫ ކުޑަކުރަން އަމިއްލަ ޖަމާއަތްތަކަށް އެ ކޯޓާ ދޫކުރާނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

ދިވެހިން ހައްޖަށް ގެންދަން ސައޫދީ ސަރުކާރުން މިހާރު އަހަރަކު ދޫކުރަނީ 1،000 ކޯޓާ އެވެ. އެކަމަކު، އިތުރު 1،000 ކޯޓާ ހަމަޖައްސައިދިނުމަށް މި ސަރުކާރުން ވަނީ ސައޫދީ ސަރުކާރުގައި އެދިފަ އެވެ.

ވަޒީރުންނާ ކޮންމެ ސުވާލެއް ކުރެވޭ ގޮތަށް ރޭ ބޭއްވި ޕަބްލިކް ފޯރަމްގައި އާންމުންގެ މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި އިސްލާމިކް މިނިސްޓަރު ވިދާޅުވީ، ހައްޖު ކޯޓާއާ ގުޅޭ ހުރިހާ ކަމެއް ނުވަތަ ދިވެހިން ހައްޖަށް ގެންދިއުމުގެ ކަންކަން ރަސްމީކޮށް ކުރާނީ ހައްޖު ކޯޕަރޭޝަނުން ކަމަށެވެ.

އިތުރަށް ހައްޖު ކޯޓާ ލިބިއްޖެ ނަމަ ހައްޖު ކޯޕަރޭޝަންގެ ދިގު ލިސްޓުގައި ތިބި މީހުން ހައްޖަށް ގެންދިއުމަށްޓަކައި އަމިިއްލަ ގުރޫޕުތަކާ ހަވާލު ކޮށްގެން އެ ވެސް މެނޭޖުކުރާނީ ހައްޖު ކޯޕަރޭޝަނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މާނައަކީ އެ ތަނުގައި [ހައްޖު ކޯޕަރޭޝަންގެ] އޮތް ކިއު ނިމުމަކަށް އަންނާނީ އޭރުން. އެ ތަނުގެ ލިސްޓުގައި ތިބި މީހުން ހައްޖަށް ގެންދަން އެހެން ގުރޫޕުތަކަށް ވެސް ފުރުސަތު ދޭނީ އެ މީހުން [ހައްޖު ކޯޕަރޭޝަނުން] ކަނޑައަޅާ އަގެއްގައޭ،" ޑރ. ޝަހީމް ވިދާޅުވި އެވެ.

"ގުރޫޕުތަކުން ބޭނުންހާ އަގެއް ނަގައިގެން ކޯޓާ ވިއްކުމުގެ ސިޔާސަތެއް ދެން ނުދާނެއޭ. މާނައަކީ ހައްޖު ކޯޕަރޭޝަންގެ ކިއޫގައި ތިބި މީހުންނަށޭ އެ ފުރުސަތު ވެސް ލިބޭނީ ގުރޫޕުތައް މެދުވެރިކޮށް، ކޯޕަރޭޝަނުން އެ ކަނޑައަޅާ އަގެއްގައި."

ރޭ ބޭއްވި ޕަބްލިކް ފޯރަމްގައި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. ޝަހީމް ސުވާލަކަށް ޖަވާބު ދެއްވާއިރު، ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އަޑުއައްސަވަނީ. ---ފޮޓޯ: ނިޝާން އަލީ| މިހާރު

ރޭ ބޭއްވި ޕަބްލިކް ފޯރަމްގައި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. ޝަހީމް ސުވާލަކަށް ޖަވާބު ދެއްވާއިރު، ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އަޑުއައްސަވަނީ. ---ފޮޓޯ: ނިޝާން އަލީ| މިހާރު

މިނިސްޓަރު ދެއްވި ޔަގީން ކަމަކީ އިތުރު ކޯޓާ ލިބިއްޖެ ނަމަ އެ ނޫން ގޮތަކަށް ކަންކަން ކުރިއަށް ނުގެންދާނެ ކަމެވެ.

މި މަހުގެ ކުރީކޮޅު ޑރ. ޝަހީމް ސައޫދީ އަށް ކުރެއްވި ރަސްމީ ދަތުރުގައި ވަނީ އިތުރު 1،000 ކޯޓާ ހޯދުމަށް އެ ގައުމުގެ ހައްޖާއި އުމްރާއާ ގުޅޭ މިނިސްޓަރާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފަ އެވެ.

"ދެން އެ މަނިކުފާނު ދެއްވި ޖަވާބާއި މި ކަންކަމުގެ ވާހަކައަކީ މި ފަދަ ފޯރަމެއްގައި ދެއްކުން އެންމެ ޕްރޮފެޝަނަލް ވާހަކައަކަށް ނުވާނެ. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ މި ކަމަށް ހައްލެއް ހޯދުމަށްޓަކައި މި ވަނީ ހުރިހާ މަސައްކަތެއް ކޮށްފައި،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ދިވެހިންނަށް އިތުރު ކޯޓާ ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވަ އެވެ. އަދި ރައީސްގެ އިރުޝާދުގެ ދަށުން އިސްލާމިކް މިނިސްޓްރީން ވެސް ވަރަށް ގިނަ މަސައްކަތްތައް އެ ކަމަށްޓަކައި ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އުންމީދަކީ، ދުއާއަކީ އެ ކަމަށް އުފާވެރި ހައްލެއް ލިބިގެން ދިއުން އިންޝާﷲ،" ޑރ. ޝަހީމް ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމަށް އައިސް ވަނީ ހައްޖު ކޯޓާ އެއްކޮށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ބަދަލުކޮށްފަ އެވެ. އެއީ އަމިއްލަ ޖަމާއަތްތަކުގެ ހަރަދުގައި މީހުން ހައްޖަށް ގެންދިއުމަށްޓަކައި ބޮޑު އަގު ނަގާތީ އެކަން ހުއްޓުވުމަށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.