Roadha Mihaaru
ހައްޖަށް ގެންދިއުމަށް އިތުރު ކޯޓާ އަދި ހަމައެއްނުޖެހޭ

ހައްޖަށް ގެންދަން އިތުރު ކޯޓާ ލިބޭތޯ އަދިވެސް އެބަ ބަލަން: މިނިސްޓްރީ

15 ޖޫން 2022

އިތުރު ހައްޖު ކޯޓާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށާއި އެކަމަކު މިހާތަނަށް އެކަމުގައި ސައޫދީ ސަރުކާރުގެ ޖަވާބެއް ނުލިބޭ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިތުރު ހައްޖު ކޯޓާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށާއި އެކަމަކު މިހާތަނަށް އެކަމުގައި ސައޫދީ ސަރުކާރުގެ ޖަވާބެއް ނުލިބޭ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މި އަހަރު ރާއްޖެއަށް ލިބިފައި ވަނީ 453 ކޯޓާކަން ސައުދީން ރަސްމީކޮށް މިދިޔަ މަހު އަންގާފައިވެ އެވެ. އެއީ އާންމުކޮށް ރާއްޖެއަށް ކޮންމެ އަހަރަކު ދޭ ކޯޓާގެ އަދަދާ އަޅާބަލާއިރު، މަދު އަދަދެކެވެ. އެހެންވެ، އެ ގައުމުގެ ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށްގެން އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ކުރިން ވެސް ބުންޏެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އެކަމުގައި ސައުދީ ސަރުކާރުގެ ރަސްމީ ޖަވާބެއް މިހާތަނަށް ލިބިފައި ނެތަސް، އަދިވެސް އުއްމީދުކުރަނީ އިތުރު ކޯޓާ ހަމަޖެހޭނެ ކަމަށެވެ.

"މުއްދަތު ގާތްވިވަރަކަށް އިތުރު ކޯޓާ ލިބުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ،" އޭނާ ވިދާޅުވި އެވެ.

ކޮވިޑުގެ ދެ އަހަރަށް ފަހު، ފުރަތަމަ ފަހަރަށް ބޭރު ގައުމުތަކުގެ މީހުންނަށް ހައްޖަށް ދިއުމުގެ ފުރުސަތު ސައުދީން މި އަހަރު ހުޅުވާލިއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުރިހާ ގައުމަކަށް ވެސް ކޯޓާ ދިނީ ކުރިއަށް ވުރެ މަދުންނެވެ.

ހައްޖަށް ގެންދިއުމަށް އަމިއްލަ ޖަމާއަތްތަކަށް ހުޅުވާލައިގެން ޕްރޮޕޯޒަލް ހުށަހަޅައި އިވެލުއޭޓްކުރުމަށް އެކަށީގެންވާ މުއްދަތު ނެތުމުން، ހައްޖަށް މީހުން ގެންދަން ދިވެހި ސަރުކާރުން މި އަހަރު ހަވާލުކުރީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ އެކަންޏެވެ.

ރާއްޖެ އަށް ލިބުނު ކޯޓާގެ ތެރެއިން 100 ކޯޓާ، ގުރުއަތު ލައިގެން މި މަހު ހައެއްގައި ވަނީ އާންމުންނަށް ދީފަ އެވެ. އަދި ބާކީ 353 ޖާގަ ދީފައި ވަނީ ހައްޖު ކޯޕަރޭޝަނަށް ކުރިން ފައިސާ ދައްކައިގެން ކިއުގައި ތިބި މީހުންނަށެވެ. އެ ކުންފުނީގެ ކިއުގައި މިހާރު ވެސް 3،500 މީހުން އެބަ ތިއްބެވެ.

އާންމުކޮށް ހުޅުވާލި 100 ކޯޓާ ދިނީ 76،960ރ. އަށެވެ. އަދި ސަރުކާރުގެ ކުންފުނިން ހައްޖަށް ގެންގޮސްދެނީ 69،965ރ. އަށެވެ.

މި އަހަރު ހައްޖާޖީން ފުރަން ހަމަޖެހިފައި ވަނީ ތިން ފްލައިޓެއްގަ އެވެ. އެއީ؛

● މި މަހު 26 ގައި އޮންނަ ފްލައިޓެއްގައިި

● މި މަހު 29 ގައި އޮންނަ ފްލައިޓެއްގައި

● އަންނަ މަހު 2 ގައި އޮންނަ ފްލައިޓެއްގައި

ހައްޖުވެރިންނަށް ފަސޭހަކަމާ އެކު އެއާޕޯޓަށް ދިއުމުގެ އިންތިޒާމު ހަމަޖެއްސުމަށް އިސްލާމިކް މިނިސްޓްރީން ކަމާގުޅޭ މުއައްސަސާތަކާ އެކު މި ހަފުތާގައި މަޝްވަރާކޮށްފައި ވެސް ވެ އެވެ.