Roadha Mihaaru
ދިވެހިންނަށް އަރަފާތާއި މިނާގައި ރަނގަޅު ތަަންތަން

ދިވެހި ހައްޖާޖީން މިނާ އާއި އަރަފާތުގައި ދެން ތިބޭނީ ރަނގަޅު ތަންތަނުގައި: މިނިސްޓަރު

26 ޖެނުއަރީ 2024

ދިވެހިން ހައްޖާޖީން މިނާ އާއި އަރަފާތުގައި ދެން ތިބޭނީ ފެންވަރު ރަނގަޅު ތަންތަނުގައި ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

ދިވެހިން ހައްޖާޖީން މިނާ އާއި އަރަފާތުގައި ދެން ތިބޭނީ ފެންވަރު ރަނގަޅު ތަންތަނުގައި ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ވަޒީރުންނާ އާންމުކުރާ ކޮންމެ ސުވާލަކަށް ޖަވާބު ދެއްވާ ގޮތަށް ބޭއްވި ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.

"އަހާ" ގެ ނަމުގައި ސަލްޓަންޕާކުގައި ބޭއްވި ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމްގައި އިސްލާމިކް މިނިސްޓަރު ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި މުހިންމު އެއް އިރުޝާދަކީ ރާއްޖެ އިން ހައްޖަށް ދާ މީހުން މިނާ އާއި އަރަފާތުގައި ތިބޭ އިރު އެ މީހުންނަށް ސައޫދީ އަރަބިއްޔާ އިން ރަނގަޅު ތަންތަން ހޯދައި ދިނުން ކަމަށެވެ.

މިނިސްޓަރު ރޭ ވިދާޅުވި ގޮތުގައި އެކަން މިހާރު ވަނީ ހަމަޖެހިފަ އެވެ.

"މިނާ އާއި އަރަފާތުގައި ދިވެހިން ތިބޭ ތަނާއި ދިވެހިންނަށް ލިބޭ ހިދުމަތް މި ފަހަރު، ކުރިއަށް އޮތް ހައްޖުގައި ﷲ އިރާދަކުރެއްވިއްޔާ ތަފާތު ވާނެ. މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އެ ދަނީ އެ ކަމަށްޓަކައި މަސައްކަތް ކުރަމުން. ސައޫދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީން ވަނީ އެކަން އަޅުގަނޑުމެން އެދުނު ގޮތަށް ހަމަޖައްސަވައި ދެއްވާފައި،" ޑރ. ޝަހީމް ވިދާޅުވި އެވެ.

"އެއީ ވަރަށް ބޮޑު ކުރިއެރުމެއް މި ދާއިރާގައި ލިބޭ."

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވަނީ ދާދި ފަހުން ސައޫދީ އަށް ރަސްމީ ދަތުރެއް ކުރައްވައި އެ ގައުމުގެ ކަމާ ގުޅޭ އިސްވެރިންނާ އެކު ވަރަށް ގިނަ މަޝްވަރާތަކެއް ބާއްވަވައިފަ އެވެ. ޑރ. ޝަހީމް ރޭ ވެސް ވިދާޅުވި ގޮތުގައި އެއީ ރާއްޖޭގެ އިސްލާމިކް މިނިސްޓަރަކު މިދިޔަ 10 އަހަރުގެ ތެރޭގައި ސައޫދީ އަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރެވެ.

ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމުގައި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. ޝަހީމް ރޭ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމުގައި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. ޝަހީމް ރޭ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އޭނާ ވިދާޅުވީ، ރާއްޖޭގެ އިސްލާމިކް މިނިސްޓަރަކު ސައޫދީ އަށް ރަސްމީ ދަތުރެއް ނުކުރައްވައި 10 އަހަރު ހޭދަކުރެއްވުމަކީ "ވަރަށް ދެރަކަމެއް" ކަމަށެވެ.

"އެންމެ ފަހުން ވެސް ދިޔައީ [ސައޫދީ އަށް ރަސްމީ ދަތުރެއްގައި] އަޅުގަނޑު. [އެއީ] 2014 ވަނަ އަހަރު. އޭގެ ފަހުން ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ރަސްމީކޮށް ސައޫދީ އަރަބިއްޔާ އަށް ގޮސްފައެއް ނުވޭ. މިއީ ދެރަކަމެއް،" ޑރ. ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހިންނަށް އެންމެ އަސާސީ ދީނީ ހިދުމަތްތައް ފޯރުކޮށްދެނީ ސައޫދީ އަރަބިއްޔާ އިން ކަަމަށެވެ. ހައްޖާއި އުމުރާގެ އިތުރުން ދީނީ ގޮތުން ރަސްމީ ކިތަންމެ ކަމެއްގައި ރާއްޖެ އިން ސައޫދީއާ އެކު މުއާމަލާތު ކުރަންޖެހޭ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ދިވެހިރާއްޖޭގައި އެންމެ ގިނަ މިސްކިތްތައް އަޅުއްވަން ހަރަދު ކުރެއްވި ގައުމަކީ ސައޫދީ އަރަބިއްޔާ. ދިވެހިރާއްޖޭގައި އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ ހިންގުންތެރި މީހަކު ސައޫދީ އަރަބިއްޔާ އަށް އަބަދުވެސް ދާން ޖެހޭ ކަންތައްތަކުގައި ރަނގަޅު ހައްލު ހޯދުމަށްޓަކައި،" ޑރ. ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދިވެހިންނަށް ސައޫދީން ދޭން ހައްޖު ކޯޓާ އިތުރުކުރުމަށް މަސައްކަތް ކުރެއްވުމަށް ސީދާ ރައީސް ޑރ. މުއިއްޒުގެ އިރުޝާދު ލިބިވަޑައިގަތުމުން އެ މަޝްވަރާތައް ވެސް މިހާރު ފަށާފައިވާ ކަމަށެވެ.

ސައޫދީ އަށް އެންމެ ފަހުން ކުރެއްވި ރަސްމީ ދަތުރުގައި އެ ގައުމުގެ ހައްޖާއި އުމްރާއާ ގުޅޭ މިނިސްޓަރާ ބައްދަލުކުރައްވައި ވަރަށް ގިނައިރު ވަންދެން އެ މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވި އެވެ.

"ދެން އެ މަނިކުފާނު ދެއްވި ޖަވާބާއި މި ކަންކަމުގެ ވާހަކައަކީ މި ފަދަ ފޯރަމެއްގައި ދެއްކުން އެންމެ ޕްރޮފެޝަނަލް ވާހަކައަކަށް ނުވާނެ. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ މި ކަމަށް ހައްލެއް ހޯދުމަށްޓަކައި މި ވަނީ ހުރިހާ މަސައްކަތެއް ކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ދިވެހިރާއްޖޭގައި އެންމެ ގިނަ މިސްކިތްތައް އަޅުއްވަން ހަރަދު ކުރެއްވި ގައުމަކީ ސައޫދީ އަރަބިއްޔާ. ދިވެހިރާއްޖޭގައި އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ ހިންގުންތެރި މީހަކު ސައޫދީ އަރަބިއްޔާ އަށް އަބަދުވެސް ދާން ޖެހޭ ކަންތައްތަކުގައި ރަނގަޅު ހައްލު ހޯދުމަށްޓަކައި،"--- ޑރ. ޝަހީމް

ރާއްޖެ އަށް ސައޫދީ މިހާރު ކޮންމެ އަހަރަކު ދޭ ހައްޖު ކޯޓާގެ އަދަދަކީ 1،000 އެވެ.

މިނިސްޓަރު ރޭ ވިދާޅުވީ، ހައްޖާއި އުމްރާގެ ދަތުރުތަކުގެ އަގު ހެޔޮކުރުމުގައި އިގުތިސާދީ ވިސްނުންތަކެއް ކުރިއަށް ނެރެގެން ރައީސް ޑރ. މުއިއްޒުގެ އިރުޝާދުގެ ދަށުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މަސައްކަތްތަކެއް ކުރާ ކަމަށެވެ.

"އަޅުގަނޑު އުންމީދު މި ކުރަނީ ކުރިއަށް މި އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ހެޔޮ ބަދަލުތައް މި ނިޒާމަށް އަންނާނެއޭ. އަޅުގަނޑުމެން ކުރިއަށް ދާން ބޭނުންވަނީ މެލޭޝިއާގެ ހައްޖު ފަންޑު ނުވަތަ ހައްޖު މުއައްސަސާ އިން ކުރިއަށް ދާ މިންގަނޑާއި އުސޫލުތަކުގެ ތެރެއިން،" ޑރ. ޝަހީމް ވިދާޅުވި އެވެ.

"އެ ގޮތަށް މަސައްކަތް ކޮށްފި ކަމުގައި ވަނީ ނަމަ އެ ހައްލު އަންނާނެ."