Roadha Mihaaru
ކިޔަވާ ކުދިން، ހާޖީންނަށް އެހީތެރިވުމުގެ ހުއްދަ ދީފި

ސައޫދީގައި ކިޔަވަން ތިބޭ ދިވެހިން، ހާޖީންނަށް އެހީތެރިވުމުން ހައްޖުވުމުގެ ފުރުސަތު ދޭން ނިންމައިފި

07 ފެބުރުއަރީ 2024

ސައޫދީ އަރަބިއްޔާގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުން، ހައްޖު މޫސުމުގައި ދިވެހި ހާޖީންނަށް އެހީތެރިވުމުން ހައްޖުވުމުގެ ފުރުސަތު ދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސައޫދީ އަރަބިއްޔާގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުން، ހައްޖު މޫސުމުގައި ދިވެހި ހާޖީންނަށް އެހީތެރިވުމުން ހައްޖުވުމުގެ ފުރުސަތު ދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ، ސައުދީގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް ކޮންމެ އަހަރެއްގެ ހައްޖު މޫސުމުގައި ހާޖީންނަށް އެހީތެރިވުމުން ހައްޖުވުމުގެ ފުރުސަތު ދިނުމަށް އެދި ދިވެހި ސަރުކާރުން ހުށަހެޅި ހުށަހެޅުން އެ ގައުމުގެ ހައްޖު މިނިސްޓްރީން ބަލައިގެންފައިވާ ކަމަށެވެ.

ސައޫދީ ސަރުކާރުން އެކަމަށް އެއްބަސްވެ، އެކަން މިހާރު ހަމަޖެހިފައިވާކަން ރަސްމީކޮށް ދިވެހި ސަރުކާރަށް މިއަދު އަންގާފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން ރާއްޖެ އިން ރަސްމީ ކޯޓާގައި 1،000 މީހުން ހައްޖަށް ދާއިރުގައި، އެ ގައުމުގެ އެތެރޭގެ ޓްރާންސްޕޯޓް ބަސްތަކުގައި އަރަބި ބަސް ދަންނަ މީހުން ތިބުމަކީ ވަރަށް މުހިންމު ކަމެއް. އަރަބި ބަސް ދަންނަ މީހުން މަދުވީމާ ބައެއް ފަހަރު ވަރަށް ދަތިތައް ހައްޖުވެރިންނަށް ދިމާވޭ،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ލިބުނު ހުއްދައާ އެކު އެކަމަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.

ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގުރޫޕުގެ މީހަކު މިއަދު ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މެންދުރު ނަމާދުކުރަމުން ދަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގުރޫޕުގެ މީހަކު މިއަދު ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މެންދުރު ނަމާދުކުރަމުން ދަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޝަހީމް ވިދާޅުވި ގޮތުގައި، ސައޫދީގެ ހައްޖު މިނިސްޓްރީން ކުރިން ކަނޑައަޅާފައި އޮންނަ ގޮތުން ނަމަ، އެ ގައުމުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ހައްޖުވުމުގެ ފުރުސަތު ލިބެނީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރެވެ. އެއީ ސައޫދީގެ ރައްޔިތުންނާއި އެ ތަނުގައި ދިރިއުޅޭ މީހުންނަށް ވެސް ހިނގާ އުސޫލެވެ.

ސައޫދީ ސަރުކާރުގެ މި ނިންމުމާ އެކު، އެ ގައުމުގެ ޔުނިވާސިޓީތަކާ ގުޅިގެން ދިވެހި ދަރިވަރުންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކުރާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި ދަރިވަރުންނަށް މި ފުރުސަތު ދޭނީ ސަރުކާރުން ކޮންމެ އަހަރަކު ވެސް ކަނޑައަޅާ ވަކި އަދަދަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މީލާދީ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަށް ވަނީ އަންނަ ޖޫން މަހުގެ 16 އެވެ.