Roadha Mihaaru

މައްކާ ރޫޓް އިނީޝިއޭޓިވްގެ އިސް ވަފުދެއް ރާއްޖޭގައި

ރާއްޖެއިން ހައްޖަށް ދާ ހައްޖުވެރިންނަށް މުޅިން އަލަށް ތައާރަފުކުރާ "މައްކާ ރޫޓް އިނީޝިއޭޓިވް"ގެ ހިދުމަތް ދެއްވުމަށް ސައުދީ އަރަބިއްޔާގެ އިސް ވަފުދެއް މިއަދު ރާއްޖެއަށް އަތުވެއްޖެ އެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްގެ އިސް ވަފުދެއް ރާއްޖޭގައި
އިފްރާޒް އަލީ
އިފްރާޒް އަލީ

16 މެއި 2025

ރާއްޖެއިން ހައްޖަށް ދާ ހައްޖުވެރިންނަށް މުޅިން އަލަށް ތައާރަފުކުރާ "މައްކާ ރޫޓް އިނީޝިއޭޓިވް"ގެ ހިދުމަތް ދެއްވުމަށް ސައުދީ އަރަބިއްޔާގެ އިސް ވަފުދެއް މިއަދު ރާއްޖެއަށް އަތުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު ރާއްޖެއަށް އައީ "މައްކާ ރޫޓް އިނީޝިއޭޓިވް"ގެ ޚިދުމަތް ދެއްވުމުގެ މަސައްކަތުގެ އެޑްވާންސް ޓީމު ކަމަށެވެ. އެ ވަފުދަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި މިނިސްޓްރީގެ އޮފިޝަލުން ކަމަށް ބުންޏެވެ.

މަތީ ފަންތީގެ އެ ވަފުދުގައި ސައުދީގެ ހައްޖު މިނިސްޓްރީގެ ބޭފުޅުންނާއި ސައުދީގެ ފޮރިން މިނިސްޓްރީގެ ބޭފުޅުންނާއި ސައުދީ އިމިގްރޭޝަންގެ ބޭފުޅުންގެ އިތުރުން ކަމާބެހޭ އެހެން މުއައްސަސާތަކުގެ ބޭފުޅުން ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ "މައްކާ ރޫޓު އިނީޝިއޭޓިވް" ރާއްޖޭގައި ތަންފީޒުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އެ ޓީމުގެ ބޭފުޅުން ކުރައްވާނެ ކަމަށެވެ.

"މައްކާ ރޫޓް އިނީޝިއޭޓިވް" ރާއްޖޭގައި ފެށުމަށް ހަމަޖެހިފައި ވަނީ މި އަހަރު ރާއްޖެއިން ހައްޖަށް ދާ ދިވެހި ހައްޖުވެރިންގެ ފުރަތަމަ ފުލައިޓް ފުރާ ދުވަސް ކަމަށްވާ މި މަހުގެ 26 ވަނަ ދުވަހު ކަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި "މައްކާ ރޫޓް އިނީޝިއޭޓިވް" އިފްތިތާހުކުރުމަށް އެ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވަން ވަނީ ނިންމައިފަ އެވެ. މިނިސްޓްރީން ބުނި ގޮތުގައި، އެ ރަސްމިއްޔާތަށް ސައުދީން 26 ބޭފުޅުންގެ ވަދުފެއް ވަޑައިގަންނަވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ހައްޖަށް ދާއިރު، އެއާޕޯޓާއި އިމިގްރޭޝަން މަރުހަލާ ނިންމުމުގެ ގިނަ ލުއިތަކެއް ލިބޭ ގޮތަށް ސައުދީގެ ސަރުކާރުން ފަށާފައިވާ "މައްކާ ރޫޓު އިނީޝިއޭޓިވް"ގައި ރާއްޖެ ހިމަނަން ނިންމީ މި މަހުގެ 10 ވަނަ ދުވަހު އެވެ.

"މައްކާ ރޫޓް އިނީޝިއޭޓިވް"އަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަން ޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ފުރޭނެ އިންތިޒާމް ހަމަޖައްސައިދޭ ޕްރޮގްރާމެކެވެ. އަދި ޖިއްދާގެ އެއާޕޯޓުގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިޔުމާއި، ހައްޖުވެރިންގެ ލަގެޖްތައް ވެސް ސީދާ ހޮޓަލަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ އެވެ.

ރާއްޖެއަކީ މި އިނީޝިއޭޓިވްގައި ހިމެނި 8 ވަނަ ގައުމެވެ. އެހެންވެ، މިއީ ދިވެހި ހައްޖުވެރިންނަށް ލިބުނު ތާރީހީ ބޮޑު ފަސޭހައެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ސިފަކޮށްފައިވެ އެވެ.

"މައްކާ ރޫޓް އިނީޝިއޭޓިވް"އަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން އެ ގައުމުގެ ހައްޖު މިނިސްޓްރީ އާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސައުދީ ވިޝަން 2030 ގައި ހިމެނޭ ކަމެކެވެ.