Roadha Mihaaru

ހައްޖުވެރިން އަރަފާތަށް ދާން މިރޭ ފުރާނެ، އެންމެންގެ ހާލު ރަނގަޅު: ޝަހީމް

ރާއްޖެ އިން ހައްޖުގެ އަޅުކަމަށް ދިޔަ ހައްޖުވެރިންގެ ހާލު ރަނގަޅު ކަމަށާއި މިރޭ އަރަފާތަށް ފުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ހައްޖުވެރިން މިރޭ އަރަފާތަށް ފުރާނެ، ހާލު ރަނގަޅު
އާސިމާ ނިޒާރު
އާސިމާ ނިޒާރު

04 ޖޫން 2025

ރާއްޖެ އިން ހައްޖުގެ އަޅުކަމަށް ދިޔަ ހައްޖުވެރިންގެ ހާލު ރަނގަޅު ކަމަށާއި މިރޭ އަރަފާތަށް ފުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެ އިން ހައްޖަށް ދިޔަ 1،000 ހާޖީން މިނާއަށް ގޮސްފައިވާ ވެފައިވާ ކަމަށެވެ. އަރަފާތަށް ދިއުމަށް މިރޭގެ ވަގުތެއްގައި ފުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހައްޖުވެރިންނަށް މިނާއިން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ދިވެހި ހައްޖުވެރިންނަށްޓަކައި މި ފަހަރު މިނާއިން ކަނޑައަޅާފައި "މަތީ ކެޓަގަރީގެ" ޓެންޓުތައް ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި މި ފަހަރު ދިވެހި ހައްޖުވެރިންނަށް ހާއްސަ ޓެންޓުތަކުގައި އެހެން ގައުމެއްގެ ބަޔަކު ނުތިބޭނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސައުދީގެ ހައްޖު މިނިސްޓްރީން ވަނީ ގަދަ ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް ހައްޖާޖީން މާދަމާ ހެނދުނު 10:00 އިން ހަވީރު 4:00 އާ ދެމެދު އެ ބަޔަކަށް ހާއްސަކޮށްފައިވާ ޓެންޓުތަކުގައި ތިބެން އިލްތިމާސްކޮށްފަ އެވެ.

އަރަފާތު ދުވަހު، މައްކާގެ ބޭރުގައި އޮންނަ 70 މީޓަރު (230 ފޫޓު) އުސް އަރަފާތު ފަރުބަދަ އާއި އެ ފަރުބަދައިގެ ވަށައިގެންވާ ސަރަހައްދަށް ޖަމާވެ އެތައް ގަޑިއިރެއް ވަންދެން އެކި އަޅުކަމުގައި ދެމިތިބެ އެވެ.