Roadha Mihaaru
އެނގި ތިބެ އުސޫލާ ހިލާފުވާން މަގުފަހި ކުރަނީ!

އެނގި ތިބެ އުސޫލާ ހިލާފު ވާން މަގުފަހި ކުރަނީ!

04 މެއި 2023

ހައްޖުގެ އަޅުކަން އަދާކުރުމަށް މީހުންގެ އަތުން ނަގާ ފީ ކޮންޓްރޯލް ކުރުމަކީ ރަނގަޅު ކަމަކަށް ވެދާނެ އެވެ. އިސްލާމިކް މިނިސްޓްރީގެ މަގުސަދު ވެސް ރަނގަޅު ކަމަށް ގަބޫލު ކުރަމާ ހިނގާށެވެ. އެކަމަކު، އޭގެ ފަހަތުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ކޮންމެ މީހެއްގެ އަތުން ނެގޭނީ 75،000ރ. ކަމަށް ކަނޑައަޅައި އަގު ކޮންޓްރޯލްގެން އެ ކަން ކުރަން ތިން ކުންފުންޏަކަށް ބީލަމުގެ އުސޫލުން ސަރުކާރުން ހުއްދަ ދިނަސް ފަހަތުން ހިނގަނީ މުޅިން އެހެން ކަމެކެވެ. ބައެއް ކުންފުނިތަކުގެ އަގު އެތައް ގުނައެއް ބޮޑެވެ. އެއް ލައްކަ ރުފިޔާ އަށް ވުރެ މައްޗެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ހައްޖުގެ އަޅުކަން އަދާކުރުމަށް މީހުންގެ އަތުން ނަގާ ފީ ކޮންޓްރޯލް ކުރުމަކީ ރަނގަޅު ކަމަކަށް ވެދާނެ އެވެ. އިސްލާމިކް މިނިސްޓްރީގެ މަގުސަދު ވެސް ރަނގަޅު ކަމަށް ގަބޫލު ކުރަމާ ހިނގާށެވެ. އެކަމަކު، އޭގެ ފަހަތުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ކޮންމެ މީހެއްގެ އަތުން ނެގޭނީ 75،000ރ. ކަމަށް ކަނޑައަޅައި އަގު ކޮންޓްރޯލްގެން އެ ކަން ކުރަން ތިން ކުންފުންޏަކަށް ބީލަމުގެ އުސޫލުން ސަރުކާރުން ހުއްދަ ދިނަސް ފަހަތުން ހިނގަނީ މުޅިން އެހެން ކަމެކެވެ. ބައެއް ކުންފުނިތަކުގެ އަގު އެތައް ގުނައެއް ބޮޑެވެ. އެއް ލައްކަ ރުފިޔާ އަށް ވުރެ މައްޗެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ހެޔޮއަގުގައި މީހުން ގެންދަން ހުއްދަ ދިނީ ސިސިލްފަރު ހައްޖު އެންޑް އުމްރާ (75،465ރ.) އާއި އަލްހަރަމައިން ހައްޖު އެންޑް އުމްރާ (75،250ރ.) އަދި އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް (75،000ރ.) އަށެވެ. ކޮންމެ ގުރޫޕަކަށް ދިނީ 90 ޖާގަ އެވެ.

ނަމަވެސް އިވޭ އަޑުތަކާއި ފެންނަ މަންޒަރުތަކަށް ބަލާއިރު އަގުތައް ކޮންޓްރޯލް ވި ތަނެއް ނުފެނެ އެވެ. ބައެއް ކުންފުނިތަކުން 125،000ރ. އަނެއް ބައި ތަންތަނުން 130،000ރ. ގެ ފީއެއް ނަގާ ކަމުގެ އަޑު އިވެ އެވެ. ކިތަންމެ ބަޔަކު "މިހާރު" އަށް ގުޅާފައި އެ ވާހަކަ ބުނެފި އެވެ. އަގު ކޮންޓްރޯލް ކޮށްގެން ހައްޖަށް ގެންދާ ގުރޫޕްތަކުގެ ނަންތައް އިއުލާންކުރި ރޭގައި ދިމާވި ރައްޓެއްސަކު ބުނީ ހަމަ އެ ދުވަހު ގުޅުމުން ވެސް އައީ އެ ޖަވާބު ކަމަށެވެ.

"އެ ގުރޫޕުން ބުނީ 75،000ރ. އަކަށް ނޫނީ އެ ރޭންޖުގައި ނުގެންދެވޭނެއޭ. ލައްކަ އަކަށް ވުރެ މާ މަތި ވާނެއޭ ފީ. ކެޕޭސިޓީއަކީ 90 ކަމަށް ޖަހާފައި އޮތަސް ޖުމްލަ ޖާގައިގެ އަދަދަކީ 80 އޭ،" އެ މީހާ އެ ރޭ ބުންޏެވެ.

ދެ ލައްކަ ރުފިޔާ ދީފައި ވެސް މަންމަ ހައްޖަށް ފޮނުވަން ބޭނުންވާތީ އެ ގުރޫޕްގެ ނަން އެ މީހާ ކުރީ ސިއްރެވެ.

އޭގެ ފަހުން ހަމަ އެ ވާހަކަ ދެއްކި އެތައް ބަޔަކާ ދިމާވެއްޖެ އެވެ. ބައެއް މީހުން ފައިސާ ވެސް ދައްކައިފި އެވެ. ގައިމު ވެސް 75،000ރ. އަށް ވުރެ އެތައް ގުނައެއް މައްޗެވެ. އަނެއް ބަޔަކު ތިބީ ނަން ނޯޓް ކޮށްގެންނެވެ. ކޮންމެ ކުންފުންޏެއްގައި ވެސް ބޮޑު ލިސްޓެއް އޮތް ކަމަށް ވެ އެވެ. އެކަމަކު، އެންމެ އަވަހަށް ފައިސާ ދައްކާ ބަޔަކަށް ދަނީ ޖާގަ ދެމުންނެވެ.

މި އަހަރުގެ ހައްޖަށް މީހުން ގެންދަން ހުއްދަ ދިން ކުންފުނިތައް:

- އަލްހަރަމައިން ހައްޖު އެންޑް އުމްރާ (75،250ރ)

- ސިސިލްފަރު ހައްޖު އެންޑް އުމްރާ (75،465ރ.)

- އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް (75،000ރ.)

މުޅި މައްސަލަ އަށް ބެލިއިރު މި އުޅެނީ އިސްލާމިކް މިނިސްޓްރީ އަށް އެނގި ތިބެ ބަޔަކު ގަވާއިދާ ހިލާފު ގޮޅިއަކަށް ފައްތައިގެންނެވެ. "މިހާރު" އިން ވާހަކަ ދެއްކި ގިނަ ކުންފުނިތަކުން ބުނިގޮތުގައި 75،000ރ. ގެ މަގުން މީހުން ހައްޖަށް ގެންދެވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ އެވެ. އެހާ ވަރަށް ހަރަދު ބޮޑެވެ.

"ކޮންމެ މީހެއްގެ ބޮލަކަށް 8،000 ޑޮލަރު (123،360ރ) އެންމެ މަދުވެގެން ވެސް ދާނެ. ރޫމްތަކުގެ އަގާއި ދަތުރުފަތުރާއި އެހެން ހުރިހާ ހިދުމަތެއްގެ އަގު ވެސް އެ ދަނީ އުފުލެމުން. އިސްލާމިކް މިނިސްޓްރީން އެ ކޮންޓްރޯލް އަގަށް ގެންދެވޭނެ ބަޔަކު ނޫޅޭނެ،" ހައްޖު ގުރޫޕެއްގެ އިސްވެރިއަކު ވިދާޅުވި އެވެ.

"އަސްލު މި އުޅެނީ ހައްޖު ކޯޕަރޭޝަންގެ އަގަށް ފައްތައިގެން ޕްރައިވެޓް ކުންފުނިތައް ލައްވައި އަގުހެޔޮކޮށް މީހުން ހައްޖަށް ގެންދަން. އެކަމަކު، ހައްޖު ކޯޕަރޭޝަނަކީ ސަރުކާރުގެ ކުންފުންޏެއް. އެ މީހުންނަށް ސަރުކާރުން ސަބްސިޑީ ލިބޭނެ. ސަރުކާރު ވީމާ އަގުހެޔޮކޮށް، ފަސޭހައިން ކިތަންމެ ކަމެއް ކުރެވޭނެ. ކޮޓަރިތައް ވެސް ލިބޭނެ. އެކަމަކު އަމިއްލަ ކުންފުނިތަކަށް އެކަމެއް ނުވާނެ."

އަގު ކޮންޓްރޯލް ކޮށްގެން ހައްޖަށް މީހުން ގެންދާނެ މީހުން ހޯދަން ފުރަތަމަ އިސްލާމިކް މިނިސްޓްރީން ހުޅުވައިލުމުން ކުންފުނިތަކުން ހުށަހެޅި އަގު ބޮޑުވެގެން ފަހުން އެ މިނިސްޓްރީން އަމިއްލަ އަށް ކޮންޓްރޯލް އަގެއް ކަނޑައެޅި އެވެ. ދެން ކުންފުނިތަކަށް މަޖުބޫރުވީ އެ އަގަށް ފައްތައިގެން އަގު ހުށަހަޅާށެވެ. އެއީ 75،000ރ. ގެ ރޭންޖެވެ.

"އަޅުގަނޑު ބުނާނީ ހައްޖު ކޯޕަރޭޝަނަށް ވެސް ހަގީގަތަށް ބަލާ ނަމަ އެ ރޭންޖުގައި ހައްޖު ފީ ނަގަން ދަތިވާނެއޭ. އެކަމަކު، ކޮންމެވެސް ސަބަބަކާ ހެދި އެ އުޅެނީ އަގު ބޮޑު ނުކޮށް. މީގެ ތިން އަހަރު ކުރިން ވެސް ހައްޖު ކޯޕަރޭޝަނުން އުޅުނު ކަމަށް ވޭ އެ އަގު ކުޑަވެގެން،" އެހެން ހައްޖު ގުރޫޕެއްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ކޮންމެ މީހެއްގެ ބޮލަކަށް 8،000 ޑޮލަރު (123،360ރ) އެންމެ މަދުވެގެން ވެސް ދާނެ. ރޫމްތަކުގެ އަގާއި ދަތުރުފަތުރާއި އެހެން ހުރިހާ ހިދުމަތެއްގެ އަގު ވެސް އެ ދަނީ އުފުލެމުން. އިސްލާމިކް މިނިސްޓްރީން އެ ކޮންޓްރޯލް އަގަށް ގެންދެވޭނެ ބަޔަކު ނޫޅޭނެ،"--- ހައްޖު ގުރޫޕެއްގެ އިސްވެރިއެއް

ސަރުކާރުން ހުއްދަ ދީފައިވާ އަގުތަކަށް ވުރެ ބޮޑު އަގު ނަގައިގެން ހައްޖަށް ގެންދާ މައްސަލަ ސޯޝަލް މީޑިއާ އާއި އަދި ތުންތުންމަތިން ފާޅުގައި ދައްކާއިރު ވެސް އިސްލާމިކް މިނިސްޓްރީ އަށް ޝަކުވާއެއް ނެތް ކަމަށް ވެ އެވެ. އެކަން އެހެން ވެދާނެ އެވެ. ކޮންމެ ބަޔަކު ވެސް ބޭނުންވަނީ ކިތަންމެ ބޮޑު އެއްޗެއް ދައްކާފައި ވެސް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރާށެވެ. އެ ޝަކުވާކޮށް، މައްސަލަ ޖައްސައިފި ނަމަ އެ ފުރުސަތު ބަންދުވީ އެވެ. އެހެންވެ، ގިނަ މީހުން ތިބީ ބައެއް ކުންފުނިތަކުގެ އެ "ޖަރީމާ" ގައި ރަނގަޅަށް ބަނދެވިފަ އެވެ.

ހައްޖަށް މީހުން ގެންދިއުމުގެ އުސޫލުގައިވާ ގޮތުން ނަމަ ހައްޖަށް ދާން ބޭނުންވާ މީހާ ކުންފުންޏަށް ފައިސާ ދެއްކުމުގެ ހުރިހާ ކަމެއް ކުރަން ޖެހެނީ ދިވެހި ރުފިޔާގެ އެކައުންޓެއް މެދުވެރިކޮށެވެ. އެއީ އެ ކުންފުންޏަކުން ހުޅުވަން ޖެހޭ އެކައުންޓެކެވެ. ފައިސާ ޖަމާކުރަން ޖެހެނީ އެ އެކައުންޓަށެވެ. އެ ނޫން ގޮތަކަށް ފައިސާ ނެގުން އުސޫލު ބުނާ ގޮތުން ކަނޑައެޅިގެން މަނަލެވެ. ފައިސާ ދެއްކި ކަމުގެ ރަސީދު ދޫކުރަން ޖެހެ އެވެ.

ރާއްޖެ އިން މިދިޔަ އަހަރު ހައްޖަށް ދިޔަ ބަޔަކު ފުރަން ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓްގައި.--- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

ރާއްޖެ އިން މިދިޔަ އަހަރު ހައްޖަށް ދިޔަ ބަޔަކު ފުރަން ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓްގައި.--- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

އިސްލާމިކް މިނިސްޓްރީގެ އުސޫލުގައި ބުނާ ގޮތުން ނަމަ، އެ މިނިސްޓްރީން ހުއްދަ ދީފައިވާ އަގަށް ވުރެ އިތުރަށް ފައިސާ ނަގައިގެން ނުވާނެ އެވެ. މިނިސްޓްރީގެ ހުއްދަ ނެތި އެ ފައިސާ ދައްކައިގެން ވެސް ނުވާނެ ކަމަށް ވެސް ބަޔާން ކޮށްފައި ވެ އެވެ.

މިހާ ސާފުކޮށް އެ ވާހަކަތައް ހުއްޓަސް އެއާ ހިލާފަށް ކަންކަން ހިނގާ ކަމުގެ އަޑުތައް ގަދަ ނަމަ އެއީ މައްސަލައެކެވެ.

"އިސްލާމިކް މިނިސްޓްރީން ކަނޑައެޅި އަގަށް ހައްޖަށް ގެންދަން އަޅުގަނޑުމެން ޕްރޮޕޯޒަލް ހުށަނޭޅީ އެއީ ނުވާނެ ކަމެއް ކަން ޔަގީން ވާތީ. އަޅުގަނޑުމެންނަށް ވެސް އެހެން އަގު ނެގިދާނެ. އެކަމަކު، އެއީ ފަސޭހަ ކަމެއް ނޫން. ސަރުކާރުގެ އުސޫލަކާ ހިލާފު ވެގެން އެ ކަން ކުރަން ބޭނުން ނުވީ،" ރާއްޖޭގެ މަޝްހޫރު ހައްޖު ގުރޫަޕަކުން ބުންޏެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށް މީހުން ގެންދިއުމަށްޓަކައި ކުންފުންޏަކުން އިސްލާމިކް މިނިސްޓްރީ އަށް ޕްރޮޕޯޒަލް ހުށަހަޅަނީ.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި އަހަރުގެ ހައްޖުގެ އަޅުކަމަށް މީހުން ގެންދިއުމަށްޓަކައި ކުންފުންޏަކުން އިސްލާމިކް މިނިސްޓްރީ އަށް ޕްރޮޕޯޒަލް ހުށަހަޅަނީ.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ އަގަށް ވުރެ އިތުރަށް ނަގައިގެން މީހުން ކޮންމެ އަހަރަކު ވެސް ހައްޖަށް ގެންދާ ކަމަށް ވެ އެވެ. އެކަން މިނިސްޓްރީ އަށް ވެސް އެނގޭނެ ކަމަށް ބެލެވެ އެވެ. އެ ވާހަކަ ހައްޖު ގުރޫޕްތަކާ އެކު، އިސްލާމިކް މިނިސްޓްރީން ބާއްވާ ބައްދަލުވުންތަކުގައި ވެސް ބައެއް ގުރޫޕްތަކުން ދައްކާފައިވާ ކަމަށް އެނގިފައި ވެ އެވެ.

"މިނިސްޓްރީގެ ބައެއް ބޭފުޅުން ވެސް އެކަން ގަބޫލު ކުރައްވާ އެ ބޭފުޅުން އެ ބުނާ އަގުގައި ނުވާނެ ކަމަށް. ކޮންމެވެސް ޕްރެޝަރެއް އޮވެގެން މި ކަން މި ކުރަނީ. މި އަހަރު ވެސް މި ވާހަކަ އަޑު އަހާފައި އަނެއްކާ އަނެއް އަހަރު ވެސް ހަމަ އަގުހެޔޮ ގުރޫޕް ހޯދަން އިއުލާން ކުރާނެ. ފިޔަވަޅެއް ނާޅާނެ،" ހައްޖަށް މީހުން ގެންދިއުމުގެ ތަޖުރިބާކާރަކު ބުންޏެވެ.

ހައްޖަށް މީހުން ގެންދާ ގުރޫޕްތަކުގެ ހާލަތެއް ހައްޖުގެ ދުވަސްވަރަށް ފަހު އިސްލާމިކް މިނިސްޓްރީއަކުން ނުބަލަ އެވެ. އަގުހެޔޮކޮށް ހައްޖަށް ގެންދާ ގުރޫޕުތައް ކަނޑައެޅުމުގެ ޕްރޮޕޯޒަލްގައިވާ ގޮތުން ނަމަ އެންމެ މަތިން މާކްސް ދެނީ ހައްޖުވެރިންނަށް ދޭ ހިދުމަތުގެ ފެންވަރަށެވެ. އެއީ 85 ޕަސެންޓެވެ. އޭގެ ފަހުން އޮތީ އެކޮމަޑޭޝަނެވެ. އެއީ 22 ޕަސެންޓެވެ. އެކަމަކު، ޕްރޮޕޯޒަލްގައިވާ ގޮތަށް ހިދުމަތް ދޭތޯ މިނިސްޓްރީން ބަލާ ހެއްޔެވެ؟

ގުރޫޕްތަކަށް ކޯޓާ ދީ، ހުއްދަ ދެނީ ހައްޖުގެ ދުވަސްވަރާ ވަރަށް ގާތްވެފައި ވަނިކޮށް ކަމަށް ވާއިރު، ފެންވަރު ރަނގަޅު އެކޮމަޑޭޝަނެއް ހޯދިދާނެ ބާވަ އެވެ؟ ވަގުތު ކައިރިވަމުން އަންނަ ވަރަކަށް އަބަދުވެސް ބާރު ބޮޑުވެ އެވެ. ހައްޖުގެ ދުވަސްވަރަށް ފަހު، އެ ކުންފުނިތައް އިސްލާމިކް މިނިސްޓްރީން އޮޑިޓެއް ނުކުރެ އެވެ. އިތުރަށް ފައިސާ ނަގަނީ ކޭޝްކޮށް ކަމަށް ތުހުމަތު ކުރެވޭއިރު، އެކަން ހޯދައި ދެނެގެންނަން އެ މިނިސްޓްރީން ކުރާ މަސައްކަތެއް ފެންނާކަށް ނެތެވެ.

ހައްޖާއި އުމްރާ އަށް މީހުން ގެންދަން ހުއްދަ ދީފައިވާ ގުރޫޕްތަކާއި އިސްލާމިކް މިނިސްޓްރީއާ އޮންނަ ގުޅުން ވަރަށް ބޮޑެވެ. ދިމާވާ މައްސަލަތަކާއި އަގު ފަދަ ކަންކަން އެ މިނިސްޓްރީ ވަރަށް ފަރިތަ ވާނެ އެވެ. އެހެންވީމާ، ހައްޖު ދުވަސްވަރާ ދިމާކޮށް ސައޫދީގެ އެކިއެކި ހިދުމަތްތަކުގެ އަގު ނޭނގި ތިބެ، ބަޔަކަށް ކޮންޓްރޯލް އަގަކަށް "ގަދަކަމުން" ހުއްދަ ދީގެން ނާޖާއިޒު ފައިދާތަކެއް "މޭޒު ދަށުން" ނަގަން ޖާގަ ދީގެން ތިބެނީ ކަމަށް ތުހުމަތު ކުރުމުގެ ޖާގަ އެބައޮތެވެ.