Roadha Mihaaru
މިފަހަރު ވެސް އޮޅުވާލުން، މިއީ ދެން ބޮޑުވަރު!

މިފަހަރު ވެސް އޮޅުވާލުން، މިއީ ދެން ބޮޑުވަރު!

21 ޖޫން 2017

ހައްޖުގެ މާތް އަޅުކަމާ ގުޅޭ ކަންކަމުގައި މިފަހަރު ވެސް މަކަރާއި ހީލަތެވެ؛ މިއީ ނިމުމެއް އޮތް ކަމެއް ނޫނެވެ. މިފަހަރު ކުރިމަތިވި މައްސަލަ ވަކިން ބޮޑެވެ. ކުރިން ފެންމަތިވަނީ ކުންފުނިތަކުގެ އޮޅުވާލުންތަކެވެ. މި އަހަރު ކުންފުނިތަކަށް ހުއްދަ ދޫކުރުމާ ހިސާބުން އިސްލާމިކް މިނިސްޓްރީން މިއޮތީ ގޯސް ހަދައިފަ އެވެ. ހައްޖުގެ ކަންކަމުގައި އެ މިނިސްޓްރީ އަށް އޮތް އިތުބާރު ވެސް މި ވަނީ ގެއްލުވާލައިފަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހައްޖުގެ މާތް އަޅުކަމާ ގުޅޭ ކަންކަމުގައި މިފަހަރު ވެސް މަކަރާއި ހީލަތެވެ؛ މިއީ ނިމުމެއް އޮތް ކަމެއް ނޫނެވެ. މިފަހަރު ކުރިމަތިވި މައްސަލަ ވަކިން ބޮޑެވެ. ކުރިން ފެންމަތިވަނީ ކުންފުނިތަކުގެ އޮޅުވާލުންތަކެވެ. މި އަހަރު ކުންފުނިތަކަށް ހުއްދަ ދޫކުރުމާ ހިސާބުން އިސްލާމިކް މިނިސްޓްރީން މިއޮތީ ގޯސް ހަދައިފަ އެވެ. ހައްޖުގެ ކަންކަމުގައި އެ މިނިސްޓްރީ އަށް އޮތް އިތުބާރު ވެސް މި ވަނީ ގެއްލުވާލައިފަ އެވެ.

ހައްޖަށް މީހުން ގެންދަން އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނާ އެކު 16 ކުންފުންޏަކުން ކުރިމަތިލި އެވެ. އެ ޕްރޮޕޯސަލްތަކަށް ބެލުމެއް ނެތި، ހުއްދަ ދޫކުރީ އިސްލާމިކް މިނިސްޓްރީގައި ތިއްބެވި އިސް ވެރިން ބޭނުންވާ ބަޔަކަށެވެ. އެއީ، ކޮރަޕްޝަންގެ އަމަލަކަށް ވާތީ، އެކަން ރަނގަޅުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނުން އެންގި އެވެ.

ޕްރޮޕޯސަލްތައް އަލުން އިވެލުއޭޓް ކުރުމަށް ފަހު، ހައްޖަށް މީހުން ގެންދާނެ ކުންފުނިތައް ކަނޑައަޅަން އޭސީސީން އެންގި އެންގުމަށް އަމަލެއް ނުކުރި އެވެ. ރައީސް އޮފީހާ މަޝްވަރާކުރުމަށް ފަހު، އަނެއްކާވެސް މިނިސްޓްރީން ބޭނުން ބަޔަކަށް ހުއްދަ ދިނީ އެވެ. އެކަން އެގޮތަށް ނުކުރެވޭނެ ކަން ދެ ވަނަ ފަހަރަށް އޭސީސީން އެންގުމުން އިސްލާމިކް މިނިސްޓްރީން މިހާރު އޮތީ، އަލުން ކުންފުނިތައް ކަނޑައަޅާފައި އާ އިއުލާނެއް ނެރެފަ އެވެ.

އެކަމަކު އޭސީސީން އެންގި ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ނެރުނު އިއުލާނުގައި ވަނީ ހަމަ ކުރިން ވެސް ހުއްދަ ދިން ކުންފުނިތަކެވެ. އެއްވެސް ބަދަލެއް ނާދެ އެވެ. އެހެންވެ، މިއޮތީ އޭސީސީގެ އެންގުމަށް އަމަލުކޮށްފައިތޯ ސުވާލު އުފެދެ އެވެ.

މިދިޔަ އަހަރު ހައްޖުގެ އަޅުކަމަށް މައްކާ އަށް ދިޔަ މީހުން ގެފުޅު ވަށާ ތޮވާފް ކުރަނީ. --ފޮޓޯ:އޭއެފްޕީ

މިދިޔަ އަހަރު ހައްޖުގެ އަޅުކަމަށް މައްކާ އަށް ދިޔަ މީހުން ގެފުޅު ވަށާ ތޮވާފް ކުރަނީ. --ފޮޓޯ:އޭއެފްޕީ

ހަގީގަތަކީ އޭސީސީގެ އެންގުން ބާއްވާފައި، ތިން ވަނަ ފަހަރަށް ވެސް ހުއްދަ މި ދޫކުރީ މިނިސްޓްރީން ބޭނުންވި ބަޔަކަށް ކަމަށް އެހެން ކުންފުނިތަކުން ބުނުމުގެ ފުރުސަތު ބޮޑެވެ. ހައްޖަށް މީހުން ގެންދަން އުފައްދާފައިވާ ގިނަ ކުންފުނިތަކުގެ ފަތިފުށް ބަލާލާއިރު، އެތަންތަނުގައި އިސްކޮށް ތިބޭ ގިނަ މީހުންނަކީ މިނިސްޓްރީގައި ވެސް ނުފޫޒު ގަދަ މީހުންނެވެ. ރަނގަޅަށް އިވެލުއޭޓް ކުރި ނަމަ އޭސީސީން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ކޮންމެވެސް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށް ބައެއް ކުންފުނިތަކުން ދެކެ އެވެ.

މިނިސްޓްރީން ހުއްދަ ދިން ކުންފުނިތައް:

- މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

- އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

- ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް

- ޒައީ ގްރޫޕް ޕްރައިވެޓް ލިމިޓެޑް

ހައްޖަށް ގެންދިއުމުގައި ކޮންމެ އަހަރަކު ވެސް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ އެވެ. އެ މައްސަލަތައް ހައްލުކުރުމުގެ ޒިންމާ އުފުލަން ޖެހެނީ އިސްލާމިކް މިނިސްޓްރީންނެވެ. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެ މިނިސްޓްރީން އަމަލުކުރުމުން، ކުންފުނިތަކުން ހަދާ ގޯސްތަކުގައި ޒިންމާ އަދާކުރެވޭނެ ގޮތެއް ނުވިސްނެ އެވެ. ހައްޖުގެ އަޅުކަން ގާތްވާ ވަރަކަށް ފެންމަތިވާ މައްސަލަތަކުގެ އަދަދު ވެސް އިތުރުވާނެ އެވެ.

އިތުރަށް ފައިސާ ނެގުން، ނުހުއްޓުވުނު ކަމެއް!

ހައްޖު ކުންފުނިތަކުން ބުނާ ގޮތުގައި ހައްޖަށް މީހުން ގެންގޮސްގެން މާ ބޮޑު ފައިދާއެއް ނުލިބެ އެވެ. ކުންފުނިތަކުން އެކަން ކުރަނީ ހެޔޮ ނިޔަތުގަ އެވެ. އެކަމަކު އެ ވާހަކަ ގަބޫލުކުރަން ދަތިވާ އެތައް ހެކިތަކެއް އެބަ ހުއްޓެވެ.

އެއް ކަމަކީ، ހައްޖަށް ދާ މީހުންގެ އަތުން އޮޅުވާލައިގެން އިތުރަށް ފައިސާ ނެގުމެވެ. ހައްޖަށް ގެންދަން އެކި ކުންފުނިތަކުން ނަގާ އަގު ތަފާތުވެ އެ މައްސަލަ ބޮޑުވުމުން، މިހާރު އަގު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ. އެކަމަކު ބައެއް ކުންފުނިތަކުން ނަގަނީ މިނިސްޓްރީން ކަނޑައަޅާ އަގެއް ނޫނެވެ. އެ އަގަށް ވުރެ ބޮޑުކޮށް އެތައް ހާސް ރުފިޔާއެއް ނަގަ އެވެ. އެކަމަކު ފައިސާ ދެއްކި ރަސީދުގައި ލިޔަނީ މިނިސްޓްރީން ކަނޑައެޅި އަގެވެ. ވަކިން ނަގާ ފައިސާގެ ރަސީދެއް ވެސް ނުދެ އެވެ. މިއީ، މަކަރާއި ހީލަތް ހެދުން ނޫން ކޮން ކަމެއް ހެއްޔެވެ؟

މި އަހަރު ހައްޖަށް ދާން ނިންމައިގެން ތިބި ބައެއް މީހުންގެ އަތުން ވެސް އިތުރަށް ފައިސާ ނަގާކަމުގެ ޝަކުވާ ބައެއް މީހުން އެބަ ކުރެ އެވެ. އެކަކު ބުނިގޮތުގައި، 69،000ރ. އަށް މީހުން ގެންދަން އިސްލާމިކް މިިނިސްޓްރީ އަށް ޕްރޮޕޯޒަލް ހުށަހެޅި ކުންފުންޏަކުން ޖުމްލަ 95،000ރ. އެބަ ނަގަ އެވެ.

"މިފަހަރު، ދައްތަ ފައިސާ ދައްކަން ދިޔައިމަ ބުނީ [ކަނޑައަޅާފައިވާ އަގަށް ވުރެން] އިތުރަށް 25،000ރ. ދިނުމަށް. އެކަމަކު އެ ފައިސާ ސްލިޕްގައި ނުލިޔާނެ ކަމަށް،" ހައްޖު ކުންފުނިތަކަށް ކޯޓާ ދިނުން ހުއްޓާލަން އާދޭސްކޮށްފައި މީހަކު "މިހާރު" ނޫހަށް ކުރި ކޮމެންޓެއްގައިވެ އެވެ.

އުމުރު ދުވަހު ފައިސާ އެއްކޮށްގެން ހައްޖަށް ދާން ބޭނުންވެފައި ހުރި މީހާ އަށް އަގު މުހިއްމެއް ނުވާނެ އެވެ. އޭނާ އަށް މުހިއްމު ވާނީ މާތް އަޅުކަން އަދާކުރަން ދާން ޖާގަ ކަށަވަރު ކުރުމެވެ. އެހެންވެ، ކުންފުނިތަކުން ބުނާ އަދަދަށް ފައިސާ ދޭން މަޖުބޫރުވަނީ އެވެ.

ރާއްޖެ އިން މިދިޔަ އަހަރު ހައްޖަށް ދިޔަ ބަޔަކު އަރަފާތުގައި: މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދަން ހުއްދަ ދިނީ ހަތަރު ކުންފުންޏަކަށް.

ރާއްޖެ އިން މިދިޔަ އަހަރު ހައްޖަށް ދިޔަ ބަޔަކު އަރަފާތުގައި: މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދަން ހުއްދަ ދިނީ ހަތަރު ކުންފުންޏަކަށް.

ކުންފުނިތަކުން އިތުރަށް ފައިސާ ނަގާ މައްސަލަ އިސްލާމިކް މިނިސްޓްރީ އަށް ހުށަހެޅިއަސް އަޅާ ފިޔަވަޅެއް ވެސް ނެތެވެ. މިދިޔަ އަހަރު ވެސް އެ ޝަކުވާ އެތައް ބަޔަކު މިނިސްޓްރީގައި ކުރި އެވެ. އެކަން އެގޮތަށް ކުރާ މީހުންނާ ދޭތެރޭގައި ފިޔަވަޅު އަޅާނެ ކަމަށް ބުނުން ފިޔަވައި މިނިސްޓްރީން އަމަލީ ގޮތުން ކުރި އެއްވެސް ކަމެއް ފެންނާކަށެއް ނެތެވެ.

އިތުރަށް ފައިސާ ނަގަމުން ދާ ކުންފުނިތަކުގެ ހުއްދަ ބާތިލް ކޮށްފައެއް ވެސް ނުވެ އެވެ.

މި ވިޔަފާރި ބަންދުކޮށް، ހައްލެއް ހޯދައިދޭން ޖެހޭ

މިހެން ބުނެގެން ކުންފުނިތަކުން ކިތަންމެ ރުޅި އަޔަސް ރާއްޖޭގައި މީހުން ހައްޖަށް ގެންދިއުމުގެ ކަންކަން ވެފައި މި މިއޮތީ ކުންފުނިތަކުގެ މެދުގައި އޮންނަ ވާދަވެރި ވިޔަފާރިއަކަށެވެ. ހައްޖަށް ގެންދިއުމުގެ ހުއްދަ ނުލިބިގެން ޖައްސާ މައްސަލަތަކުން ވެސް އެކަން ސާފުވެ އެވެ. މި ވިޔަފާރިން އެކި ކުންފުނިތަކުން ފައިދާ ހޯދަނީ އެކި މިންވަރަށެވެ.

މިއީ، ވިޔަފާރިއެއްގެ ގޮތުގައި ކުރަމުންދާ ކަމެއް ނޫން ނަމަ، ހައްޖަށް ދާ މީހާގެ އަތުން އޮޅުވާލައިގެން ބައެއް ކުންފުނިތަކުން އިތުރަށް ފައިސާއެއް ނުނަގާނެ އެވެ.

ރާއްޖޭގައި ހައްޖަށް ގެންދަން މިހާރު އޮތް އުސޫލްތަކަށް ބަދަލު ގެންނަން އެބަ ޖެހެ އެވެ. ވިޔަފާރީގެ ގޮތުގައި އަޅުކަން ބޭނުން ނުކުރެވޭނެ އިންތިޒާމްތަކެއް ހަމަޖައްސައިދޭން ޖެހެ އެވެ. ހައްޖުގެ އަޅުކަމަށް މިނިސްޓްރީން އެ ކަނޑައަޅާ އަގުގެ އިތުރުން ކުންފުނިތަކަށް ފައިސާ ދައްކަން ނުޖެހޭނެ ގޮތްތަކެއް ވެސް ހޯދަން ޖެހެ އެވެ.

މިކަމުގެ އެއް ހައްލަކީ ކުންފުނިތަކަށް ހުއްދަ ދިނުން ހުއްޓާލުމެވެ. ހައްޖަށް މީހުން ގެންދަން ސަރުކާރުން އުފައްދާފައިވާ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ އެކަން ހަވާލުކުރުމެވެ. އެ ކުންފުނިން ހައްޖަށް މީހުން ގެންދަން ފެށި ފަހުން މިހާތަނަށް އެއްވެސް މައްސަލައެއް ދިމާވެފައެއް ނުވެ އެވެ.

މީގެ އިތުރުން ވެސް މި މައްސަލަ ހައްލުކުރަން ހަމަޖެއްސޭނެ ހަރުދަނާ އިންތިޒާމްތަކެއް ހުންނާނެ އެވެ. ހައްޖަށް މީހުން ގެންދިއުމުގެ ކަންކަން ރާއްޖޭގައި މިހާރު މިއޮތީ، ސީރިއަސް މައްސަލައަކަށް ވެފަ އެވެ. ކުންފުނިތަކުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އަމަލުތަކާ މެދު ވެސް ކަންބޮޑުވުން އިންތިހާ އަށް އެބަ އޮތެވެ. ހައްޖަށް ދާ މީހުންނަށް ކޮންމެ އަހަރަކު ކުރިމަތިވާ ތަކުލީފުތަކަށް ސަރުކާރުން ނިމުމެއް ގެންނަން ޖެހެ އެވެ. އޮޅުވާލުމާއި މަކަރުހެދުންތައް ވެސް ނިމުމަކަށް ގެންނަން ޖެހެ އެވެ.