Roadha Mihaaru
ހައްޖު ކޯޓާގެ 870 ޖާގަ ކޯޕަރޭޝަނާއި ގުރޫޕުތަކަށް

ރާއްޖެއަށް ލިބުނު ހައްޖު ކޯޓާގެ ތެރެއިން 870 ޖާގަ ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ތިން ގުރޫޕަށް

09 މެއި 2023

ސައޫދީ ސަރުކާރުން މި އަހަރު ރާއްޖެ އަށް ލިބުނު ހައްޖު ކޯޓާގެ 1،000 ޖާގައިގެ ތެރެއިން 870 ކޯޓާ ސަރުކާރުގެ ހައްޖު ކުންފުނި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ތިން ގުރޫޕްގެ މެދުގައި އިސްލާމިކް މިނިސްޓްރީން ބަހާލައިފި އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ހަމީދު "މިހާރު" އަށް މިއަދު ވިދާޅުވީ އިސްލާމިކް މިނިސްޓްރީން އެ ކޯޕަރޭޝަނަށް ދިނީ 600 ކޯޓާ ކަމަށެވެ. އޭގެ ތެރެއިން އާންމުންނަށް ކަނޑައެޅި ޖާގަތަކަށް މިހާރު މީހުން ހަމަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ލިބުނު 600 ކޯޓާގެ ތެރޭގައި އެހީތެރިންގެ ގޮތުގައި ދާ ޑޮކްޓަރުންނާއި އެހެނިހެން ވޮލެޓިއަރުން ވެސް ހިމެނޭނެ،" އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދާ ހައްޖުވެރިންނަށް އެހީތެރިވާ ވޮލެންޓިއަރުންގެ ގޮތުގައި ގާތްގަނޑަކަށް 50 މީހުން ދާނެ ކަމަށެވެ.

މި އަހަރު އަގުހެޔޮކޮށް ހައްޖަށް މީހުން ގެންދަން ސަރުކާރުން ހުއްދަ ދިނީ އަލްމަނާސިކް ހައްޖު ގުރޫޕާއި ސިސިލްފަރާއި އަލްހަރަމައިން އަށެވެ. އެ އިން ކޮންމެ ގްރޫޕަކަށް އިސްލާމިކް މިނިސްޓްރީން ދޫކުރީ 90 ކޯޓާ އެވެ. އެހެންވެ، އަމިއްލަ ތިން ގުރޫޕްގެ ކޯޓާގެ އަދަދަކީ 270 އެވެ. އެއީ ޑޮކްޓަރުންނާއި އެހީތެރިން ވެސް ހިމެނޭ ގޮތަށެވެ.

އެހެންވެ، ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ތިން ގުރޫޕަށް 870 ކޯޓާ ދިނުމަށް ފަހު ބާކީ 130 ކޯޓާ ބަހާނެ ގޮތެއް އިސްލާމިކް މިނިސްޓްރީން އަދި ނުބުނެ އެވެ.

ހައްޖް ކޯޕަރޭޝަންގެ ހަވާލުގައި މީގެ ކުރިން ހައްޖަށް ދިޔަ ބަޔަކު: އެ ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ދާ ޖާގަ ތައް މިހާރު ވަނީ ފުލްވެފަ --- ފައިލް ފޮޓޯ: ހައްޖް ކޯޕަރޭޝަން

ހައްޖް ކޯޕަރޭޝަންގެ ހަވާލުގައި މީގެ ކުރިން ހައްޖަށް ދިޔަ ބަޔަކު: އެ ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ދާ ޖާގަ ތައް މިހާރު ވަނީ ފުލްވެފަ --- ފައިލް ފޮޓޯ: ހައްޖް ކޯޕަރޭޝަން

ރާއްޖެ އަށް ލިބުނު ހައްޖު ކޯޓާގެ މައުލޫމާތު:

- ލިބުނީ 1،000 ކޯޓާ.

- ހައްޖު ކޯޕަރޭޝަނަށް 600 ކޯޓާ.

- ޕްރައިވެޓް ތިން ގުރޫޕަށް 270 ކޯޓާ.

- އަމިއްލަ ކޮންމެ ގުރޫޕަކަށް 90 ކޯޓާ.

- ބާކީ 130 ޖާގަ ބަހާ ގޮތެއް އަދި ނޭނގޭ.

އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑައިރެކްޓަ މުރުޝިދު އަބްދުލްހަކީމް ވިދާޅުވީ، ހައްޖު މިޝަންގައި ވަޑައިގަންނަވާ ބޭފުޅުންގެ ޖާގަތަކުގެ ގޮތުގައި އެ މިނިސްޓްރީ އަށް ވެސް ކޯޓާ ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިހާ ކޯޓާއެއް ކަމެއް އޭނާ އަދި ވިދާޅެއް ނުވެ އެވެ.

ހައްޖް ކޯޕަރޭޝަންގެ ހަވާލުގައި މީގެ ކުރިން ހައްޖަށް ދިޔަ ބޔަކު: މި އަހަރު އެ ކޯޕަރޭޝަނުން ހައްޖަށް ގެންދާނީ 600 މީހުން --- ފައިލް ފޮޓޯ: ހައްޖް ކޯޕަރޭޝަން

ހައްޖް ކޯޕަރޭޝަންގެ ހަވާލުގައި މީގެ ކުރިން ހައްޖަށް ދިޔަ ބޔަކު: މި އަހަރު އެ ކޯޕަރޭޝަނުން ހައްޖަށް ގެންދާނީ 600 މީހުން --- ފައިލް ފޮޓޯ: ހައްޖް ކޯޕަރޭޝަން

ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދަން އަމިއްލަ ތިން ގުރޫޕެއް ހޮވީ އިސްލާމިކް މިނިސްޓްރީން ބޭނުންވި ގޮތަށް އެންމެ ކުޑަ އަގެއް ހުށަހެޅީ އެ މީހުން ކަމަށް ވާތީ އެވެ.

ބިޑް ކާމިޔާބުކުރަން ކުންފުނިތަކުން ހުށަހެޅި އަގު:

- އަލްހަރަމައިން 75،250ރ

- ސިސިލްފަރު 75،465ރ.

- އަލްމަނާސިކް 75،000ރ.

ނަމަވެސް، ހުށަހެޅި އަގަށް ވުރެ ބޮޑު އަގެއް ބައެއް ގުރޫޕުން ނަގަމުންދާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. ކޮންމެ މީހެއްގެ ބޮލަކަށް 123،360ރ އެ ގުރޫޕްތަކުން ކިޔާ ކަމަށް "މިހާރު" އާ ވާހަކަ ދެއްކި ބައެއް އާންމުން ބުންޏެވެ. ބައެއް މީހުންގެ އަތުން އެ އަށް ވުރެ ބޮޑު އަގެއް ވެސް ނަގާ ކަމަށް ވެ އެވެ.