Roadha Mihaaru
ހައްޖު ކޯޓާ ދިން ގޮތުން އޭސީސީ އަނެއްކާ ކަންބޮޑުވެއްޖެ

ހައްޖު ކޯޓާ ދިން ގޮތުން އޭސީސީ އަނެއްކާ ވެސް ކަންބޮޑުވެއްޖެ

14 ޖޫން 2017

ހައްޖު ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް އަލުން އިވެލުއޭޓް ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވަނިކޮށް، އެއާ ހިލާފަށް އިސްލާމިކް މިނިސްޓްރީން އަމަލު ކުރި މައްސަލައިގައި އެ ކޮމިޝަނުން އަނެއްކާ ވެސް ކަންބޮޑުވުން ފާޅު ކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހައްޖު ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް އަލުން އިވެލުއޭޓް ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވަނިކޮށް، އެއާ ހިލާފަށް އިސްލާމިކް މިނިސްޓްރީން އަމަލު ކުރި މައްސަލައިގައި އެ ކޮމިޝަނުން އަނެއްކާ ވެސް ކަންބޮޑުވުން ފާޅު ކޮށްފި އެވެ.

އޭސީސީގެ އެންގުމަށް އަމަލުނުކޮށް، ރައީސް އޮފީހާ މަޝްވަރާ ކުރުމަށް ފަހު އިސްލާމިކް މިނިސްޓްރީން ވަނީ ހައްޖު ކޯޕަރޭޝަނާ އެކު ހަތަރު ކުންފުންޏަކަށް ހުއްދަ ދީފަ އެވެ. މި މައްސަލަ އޭސީސީ އާއި ކޯޓަށް ހުށަހަޅާފައިވާ އިރު، އޭސީސީން ވަނީ ކަންބޮޑުވުން ފާޅުކޮށް އިސްލާމިކް މިނިސްޓްރީ އަށް އިއްޔެ ސިޓީއެއް ފޮނުވައިފަ އެވެ.

އޭސީސީގެ އޮފިޝަލަކު ވިދާޅުވީ އޭސީސީން މިހާރު ބަލަމުން އަންނަ މައްސަލައިގައި، އެ ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަންކަން އިސްލާމިކް މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށެވެ. އެ ކަންބޮޑުވުންތަކުގައި ކުރިން އޭސީސީން އަންގާފައިވާ އެންގުމަށް އަމަލުކުރަން ޖެހޭނެ ކަން ވެސް ފާހަގަ ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ބަލަމުންދާ މައްސަލާގައި ވަކި ގޮތެއް އަދި ނުނިންމާ،" އޮފިޝަލް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހްސަން ވިދާޅުވީ އޭސީސީން ފޮނުވި ސިޓީގައިވާ ކަންކަމާ ގުޅިގެން އެ މިނިސްޓްރީން ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ. ތަފްސީލެއް ނުދެއްވަ އެވެ.

ހައްޖަށް މީހުން ގެންދިއުމަށް 16 ކުންފުންޏަކުން މި އަހަރު ކުރިމަތިލި އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ހުއްދަ ދިނީ ހަ ކުންފުންޏަކަށެވެ. ހައްޖަށް ގެންދިއުމުގެ ހުއްދަ އަށް އެދި ޕްރޮޕޯސަލް ހުށަހެޅި ކުންފުނިތަކުގެ ޕްރޮޕޯޒަލް އިވެލުއޭޓްކޮށް، މި ކުންފުނިތަކަށް ޕޮއިންޓް ދީފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް އޭސީސީ ކަނޑައަޅައި އަލުން އިވެލުއޭޓް ކުރަން އޮތީ އަންގައިފަ އެވެ.

އެ އެންގުމަށް އަމަލުނުކޮށް، އަލުން ހުއްދަ ދިނީ ހައްޖު ކޯޕަރޭޝަނާއި އަލްހަރަމައިން އާއި ސިސިލްފަރު ގްރޫޕާއި ޒައީ ހައްޖު ގްރޫޕަށެވެ.

އެ ކުންފުނިތައް ކަނޑައެޅީ، އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ގްރޫޕްތަކުން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމަށް ވަގުތު ކުޑަތަންވެފައިވުމާއި ޙައްޖާޖީންގެ ދަތުރުތައް ހަމަޖެއްސުމުގައި އެއާލައިންތަކުން ކުރިމަތިވެދާނެ ދަތިތަކެއް ހުރި ކަމަށް ފެންނާތީ އެވެ.

މީގެ އިތުރުން ގްރޫޕްތައް ކަނޑައެޅީ މިފަދަ ނާޒުކު ހާލަތެއްގައި ދިވެހި ހައްޖާޖީންނަށް މި މަތިވެރި އަޅުކަން އަދާކުރުމުގައި ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އެންމެހައި އެހީތެރިކަން ފޯރުކޮށް ދިނުމުގައި އެންމެ މަސްލަޙަތު ހުރި ގޮތްކަމުގައި ފެންނާތީ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ. ނަމަވެސް އެ ގުރޫޕްތައް ކަނޑައެޅީ އޭސީސީން އެންގި ގޮތަށް އަލުން އިވެލުއޭޓް ނުކޮށް ކަމެއް މިނިސްޓްރީން ކަނޑައެޅިގެން ނުބުނެ އެވެ.