Roadha Mihaaru
ދިވެހި ހައްޖުވެރިން ފުރަންފަށާނީ އަންނަ މަހު 12 ގައި

ދިވެހި ހައްޖުވެރިން ފުރަން ފަށާނީ އަންނަ މަހުގެ 12 ގައި

22 މެއި 2023

މި އަހަރު ރާއްޖެ އިން ހައްޖަށް ދާ މީހުން އަންނަ މަހުގެ 12 އިން ފެށިގެން ފުރާނެ ކަމަށް ހައްޖު ގުރޫޕްތަކުން ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މި އަހަރު ރާއްޖެ އިން ހައްޖަށް ދާ މީހުން އަންނަ މަހުގެ 12 އިން ފެށިގެން ފުރާނެ ކަމަށް ހައްޖު ގުރޫޕްތަކުން ބުނެފި އެވެ.

ސައުދީ އަރަބިއާގެ ސަރުކާރުން މި އަހަރު ރާއްޖެ އަށް ދިނީ 1،000 ހައްޖު ކޯޓާ އެވެ. އޭގެ ތެރެއިން 870 ކޯޓާ ވަނީ ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ތިން ގުރޫޕަކަށް ދީފަ އެވެ. އަމިއްލަ ގުރޫޕްތަކަށް 270 ޖާގަ އަދި ކޮންމެ ގުރޫޕަކަށް 90 ޖާގަ ދިނެވެ. އެއީ އެހީތެރިންނާ ވެސް އެކުގަ އެވެ.

ހެޔޮ އަގުގައި ހައްޖަށް ގެންގޮސް ދިނުން ޝަރުތުކޮށް، ބީލަމުގެ އުސޫލުން އިސްލާމިކް މިނިސްޓްރީން ހުއްދަ ދިނީ އަލް ހަރަމައިން އާއި ސިސިލްފަރު އަދި އަލް މަނާސިކަށެވެ.

އާންމު ހައްޖާޖީންގެ ގޮތުގައި ރާއްޖެ އިން އެންމެ ފުރަތަމަ ފުރަން ފަށާނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދާ މީހުންނެވެ. އެ ކޯޕަރޭޝަންގެ ފުރަތަމަ ބެޗް ފުރާނީ އަންނަ މަހު 12 ގަ އެވެ. ސަރުކާރުގެ ހައްޖު ކުންފުނީގެ ހަވާލުގައި ދާ މީހުން ސައޫދީ އަށް ފުރަނީ ތިން ބެޗަކަށް ބަހާލައިގެންނެވެ. ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދާ މީހުން ފުރުމުގެ މުއްދަތަކީ އަންނަ މަހުގެ 12-19 އެވެ.

ހައްޖު ގުރޫޕްތަކުން މީހުން ފުރާ ތާރީހުތައް:

- ހައްޖު ކޯޕަރޭޝަން (ޖޫން 12-19 އަށް)

- ސިސިލްފަރު (ޖޫން 13)

- މަނާސިކް (ޖޫން 15)

- އަލްހަރަމައިން (ޖޫން 16)

އަމިއްލަ ގުރޫޕްތަކުގެ ތެރެއިން އެންމެ ފުރަތަމަ ފުރާނީ ސިސިލްފަރުގެ ހަވާލުގައި ދާ ހައްޖާޖީންނެވެ. އެ މީހުން ފުރާނީ އަންނަ މަހު 13 ގަ އެވެ. އާންމު ހައްޖާޖީންގެ ގޮތުގައި އެ ކުންފުނީގެ ފަރާތުން 80 ވަރަކަށް މީހުން ހައްޖަށް ދިއުމަށް ހަމަޖެހިފައި ވެ އެވެ. ބާކީ 10 ޖާގަ ހާއްސަކޮށްފައި ވަނީ ހައްޖުވެރިންގެ އެހީތެރިންނަށެވެ.

މަނާސިކް ގުރޫޕްގެ ހަވާލުގައި ހައްޖަށް ދާ މީހުން ފުރާނީ އަންނަ މަހުގެ 15 ގަ އެވެ. އެ ގުރޫޕްގެ ހަވާލުގައި ހައްޖާޖީންގެ ގޮތުގައި 80 ވަރަކަށް މީހުން ދާނެ އެވެ.

އަލް ހަރަމައިންގެ ހައްޖުވެރިން ފުރާނީ އަންނަ މަހުގެ 16 ގަ އެވެ. އެ ގުރޫޕްގެ ހަވާލުގައި 76 މީހުން ހައްޖަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ކުންފުނިތަކުން ވެސް އެޑްވާންސް ޓީމުގެ ގޮތުގައި ޓީމުތައް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ބައެއް ގުރޫޕްތަކުން ބުނިގޮތުގައި އަންނަ މަހުގެ ކުރީކޮޅު އެޑްވާންސް ޓީމުތައް ފުރަން ފަށާނެ އެވެ.

ހައްޖާޖީން ފުރުވުމުގެ އިންތިޒާމުތައް އެންމެ ފުރިހަމަކޮށް ގެންދެވޭނެ ގޮތަކާ މެދު ނައިބު ރައީސް ފައިސަލް ނަސީމު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހައްޖު ކޯޕަރޭޝަނާއި ހައްޖު ގުރޫޕްތަކާ އެކު މަޝްވަރާތައް ބާއްވަވައިފަ އެވެ.

ހައްޖާޖީންގެ އިންތިޒާމްތައް އެންމެ ފުރިހަމައަށް ކުރުމަށްޓަކައި ކަމާގުޅޭ މުއައްސަސާތަކުގެ ބޭފުޅުން ހިމޭނޭ ގޮތަށް ކޮމިޓީއެއް އުފައްދައި، މަސައްކަތް ކުރިއަށް ގެންދިއުމަށް އެ ބައްދަލުވުމުގައި ނައިބު ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.