Roadha Mihaaru
ގަވާއިދާ ހިލާފަށް ހައްޖުގެ ފުރުސަތެއް ނުދެން: ޝަހީމް

އުސޫލާ ހިލާފަށް މީހަކަށް ހައްޖުގެ ޖާގައެއް ނުދެން: މިނިސްޓަރު

10 ޖޫން 2024

މިއަހަރު ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވާނެ މީހުން ކަނޑައެޅުމުގައި އިންސާފުން ބޭރުން ކަމެއް ކޮށްފައިނުވާނެ ކަމަށާއި އަދި އެކަމުގައި މީހަކަށް ނުފޫޒެއް ވެސް ފޯރުވާފައި ނުވާނެ ކަމުގެ ޔަގީންކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ދެއްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިއަހަރު ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވާނެ މީހުން ކަނޑައެޅުމުގައި އިންސާފުން ބޭރުން ކަމެއް ކޮށްފައިނުވާނެ ކަމަށާއި އަދި އެކަމުގައި މީހަކަށް ނުފޫޒެއް ވެސް ފޯރުވާފައި ނުވާނެ ކަމުގެ ޔަގީންކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ދެއްވައިފި އެވެ.

އަމިއްލަ ހަރަދުގައި ހައްޖަށް ދެވޭނެ ތަނަވަސްކަން ލިބިފައިނުވާ އަދި ފަގީރުންގެ ދަފްތަރުގައި ތިބި މީހުންގެ ތެރެއިން 1،000 މީހަކު ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވުމަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މިނިސްޓަރު ޝަހީމް ހައްޖަށް ފުރާވަޑައިގަތުމުގެ ކުރިން އެއާޕޯޓުގައި ހުންނަވާ ނޫސްވެރިންނާ ބައްދަލު ކުރައްވައި، ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ފަގީރުންގެ ދަފްތަރުގެ ތެރެއިން ގުރުއަތުން ހޮވުނު މީހެއް ހައްޖަށް ފޮނުވާތީ އެކި ގޮތަށް މީހުން ވާހަކަ ދައްކާ ކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން ހައްޖަށް ފޮނުވުމަކީ ވަރަށް ގިނަ ގައުމުތަކުން ކުރާ ކަމެއް ކަމަށާއި އެހެންވެ، ހައްޖު ދަތުރުތަކާ ބެހޭގޮތުން ސިޔާސީ ގޮތުން ވާހަކަ ނުދެއްކުމަށް އެދިވަޑައިގަންނަވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"ސަބަބަކީ މިއީ ބައެއްގެ އަޅުކަމާއި ގުޅޭ ކަމެއް. މި ކަމަކީ އަޅުކަން ކުރަން ގޮސްފައި ތިބި ފަރާތްތަކާއި، އެ މީހުންގެ އާއިލާތަކަށް ލިބިފައި ހުރި އުފާވެރިކަން ނިގުޅައިގަތުމަށް އަޅުގަނޑުމެން މަސައްކަތްކޮށްގެން ނުވާނެ. މީހަކަށް ހައްޖު ކުރުމުގެ ފުރުސަތު ލިބުމީ މާތްﷲ މި ދުނިޔޭގައި މުސްލިމަކަށް ދެއްވާނެ ވަރަށް މަތިވެރި އުފަލެއް. އެ އުފަލުގައި އެ މީހުންގެ އާއިލާތަައް ބައިވެރިވޭ، ދަރިން ބައިވެރިވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ފަގީރުންގެ ދަފްތަރުން ޝަރުތު ހަމަވާ ކަމަށް ފެންނަ ލިސްޓުގައި ތިބި މީހުން ހޮވީ ގުރުއަތު ނަގައިގެން ކަމަށާއި މި ކަމުގައި އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ އެއްވެސް ޕާޓީއެއްގެ ވެސް، މިނިސްޓަރެއްގެ ވެސް، އެއްވެސް މީހެއްގެ ނުފޫޒެއް އޮތް ކަމެއް ނޫން. ގުރުއަތުން ނެގުނު މީހުންތައް މީޑިއާ ކުރިމަތީގައި، ސްކޫލް ދަރިވަރުން އައިސްގެން ލިސްޓުން ގުރުއަތުން މީހުން އިހްތިޔާރު ކުރެވުނީ،" މިނިސްޓަރު ވިދާޅުވި އެވެ.

"ޔަގީންކަން މި ދެނީ ތިބޭފުޅުންނަށް ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިގެން ފުރުސަތު ލިބިފައި ތިއްބެވި ބޭފުޅުން، ފަގީރުންގެ ޝަރުތު ގަވާއިދުތަކުގައި ހަމަޖެހިފައިވާ ގޮތުން ރަޖިސްޓާ ކުރެވިފައިވާ މީހުން މިއީ. މިހާރުގެ ސަރުކާރުން ނުވަތަ އެއަށް އިތުރުކުރި އެންމެ މީހެއް ވެސް ނޯންނާނެ." އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ 2021 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ފަގީރުންގެ ލިސްޓް ރިވިއު ކޮށްފައި ނުވާ ކަމަށެވެ. އެހެންވެ މިހާރު އެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.