Roadha Mihaaru
"ހައްޖަށް ގެންދިއުމުގެ ހުއްދަ ދިނީ އުސޫލާ އެއްގޮތަށް"

ހައްޖަށް މީހުން ގެންދާ ކުންފުނިތައް ކަނޑައެޅީ އުސޫލާ އެއްގޮތަށް: އިސްލާމިކް މިނިސްޓްރީ

14 މެއި 2019

މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ކުންފުނިތަކަށް ދިން ގޮތާ ބެހޭގޮތުން އިސްލާމިކް މިނިސްޓްރީ އަށް އެއްވެސް ޝަކުވާއެއް ހުށަހެޅިފައި ނެތް ކަމަށާއި އެކަމުގައި އަމަލުކުރީ ހާމަކަން ބޮޑުކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ކުންފުނިތަކަށް ދިން ގޮތާ ބެހޭގޮތުން އިސްލާމިކް މިނިސްޓްރީ އަށް އެއްވެސް ޝަކުވާއެއް ހުށަހެޅިފައި ނެތް ކަމަށާއި އެކަމުގައި އަމަލުކުރީ ހާމަކަން ބޮޑުކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ފަސް ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ވަނީ ދީފަ އެވެ. އެކަމުގައި އެ މިނިސްޓްރީން އަމަލުކުރީ ގޯސްކޮށް ކަމަށް ބުނެ ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕުން ވަނީ އެ މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް އިއްޔެ މައްސަލައެއް ހުށަހަޅައިފަ އެވެ.

އިސްލާމިކް މިިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ވިދާޅުވީ ހައްޖަށް ގެންދިއުމުގެ ހުއްދަ ދިން ފަސް ކުންފުންޏާ އެކު އެ މިނިސްޓްރީން މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. ހުއްދަ ދިނުމުގައި އެ މިނިސްޓްރީން އަމަލުކުރި ގޮތާ މެދު އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނެތް ކަމަށާއި އެކަން އެ މިނިސްޓްރީން ކުރީ ނަޒާހަތްތެރިކަމާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގައި އެއްވެސް ކަމެއް ސިއްރު ކުރުމުގެ ވިސްނުމެއް ވެސް ނެތް ކަމަށް ޝާފިއު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިކަން ކޮށްފައި މިއޮތީ ވަރަށް ނަޒާހަތްތެރިިކޮށް، ވަރަށް އިތުބާރާ އެއްކޮށް، ހާމަކަން ބޮޑުކޮށް މިކަން ގެންދެވޭ ގޮތަށް އަޅުގަނޑުމެން މި މަސައްކަތް ތަރުތީބު ކޮށްގެން ގެންދިޔައީ. އެހެންވީމަ މިނިސްޓްރީން މި މައުލޫމާތުތައް ހިއްސާ ކުރުމުގައި އެއްވެސް ދައްޗެއް ނެތް ވާހަކަ ދަންނަވާލަން،" ޝާފިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހައްޖަށް ގެންދިއުމުގެ ހުއްދަ ދިން ގޮތާ މެދު ކުންފުންޏަކުން ކޯޓަށް މައްސަލަ ހުށަހެޅިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެފަދަ މައްސަލައެއް ހުށަހަޅާ ނަމަ، އޭގެ ފުރިހަމަ މައުލޫމާތު އެ މިނިސްޓްރީން ހޯދުމަށް ފަހު މައްސަލަ ހުށަހެޅުން މުހިންމު ކަމަށް ދެކޭ ކަމަށެވެ. އަދި ހައްޖަށް ގެންދިއުމުގެ ހުއްދަ ދިނުމުގައި ޕޮއިންޓް ދޭނެ އުސޫލުތައް ކުރިން ވެސް އިއުލާން ކޮށްފައިވާނެ ކަމަށާއި އެކަމުގައި އަމަލުކުރީ އެ އުސޫލުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ މުސްއަބު އަބްދުﷲ ވިދާޅުވީ ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމަށް ބާއްވާ ޖަލްސާތަކުގައި ސައިގެ ކަންކަން ހަމަޖެއްސުމަށް ހުޅުވާލި ބިޑްގައި ޕޮއިންޓް ދިން އުސޫލާ މެދު ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ސުވާލު އުފައްދަމުންދާ ކަމަށެވެ. އެކަމަށް އެދި ހުށަހެޅި ކުންފުނިތަކުގެ ތެރެއިން އެންމެ ދަށް އަގު ހުށަހެޅި ފަރާތަށް އެ މަސައްކަތް ނުލިބުނީ ތަޖްރިބާގެ ބައިން އެ ކުންފުންޏަށް އެއްވެސް ޕޮއިންޓެއް ނުލިބޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ އެއް އަހަރު ދުވަހުގެ ތަޖްރިބާ އެ މީހުން މަސައްކަތް ކޮށްފައި ހުރިކަމުގެ ލިޔެކިޔުމެއް އަޅުގަނޑުމެންނަށް ހުށަހަޅާފައެއް ނެތް. އެހެންވީމަ އަޅުގަނޑުމެންނަކަށް ނެތް އެ ޕޯޝަންއަކަށް އެއްވެސް މާކްސްއެއް ދެވޭކަށް. އެހެންވުމުގެ ސަބަބުން އެ ބޭފުޅުންނަށް ވިން ނުކުރެވި މި އޮތީ،" މުސްއަބު ވިދާޅުވި އެވެ.

ޝާފިއު ވިދާޅުވީ ހައްޖަށް ގެންދިއުމުގެ ހުއްދަ ދިން ފަސް ކުންފުނީގެ އިތުރުން އިތުރު ކުންފުންޏަކަށް ފައިސާ ނުދައްކަން އާންމުންނަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އެ މިނިސްޓްރީން ހުއްދަ ދީފައިވާ އަގަށް ވުރެ އިތުރަށް ފައިސާ އެއްވެސް ކުންފުންޏަކަށް ނުދައްކަން ވެސް އެދޭ ކަމަށާއި އިތުރަށް ފައިސާ ނުނަގާނެ ކަމުގެ ޔަގީން ކަން ވެސް ހުއްދަ ދިން ކުންފުނިތަކުން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.