Roadha Mihaaru
ހައްޖު މައްސަލަ ހައްލު ނުވުމުން ޝަރީއަތް ހިންގަނީ

ހައްޖުގެ ހުއްދައިގެ މައްސަލަ ޑިސްޕިއުޓް މަރުހަލާގައި ހައްލު ނުވުމުން ޝަރީއަތް ހިންގަނީ

17 މެއި 2019

ރާއްޖެ އިން މި އަހަރު ހައްޖަށް ގެންދިއުމުގެ ހުއްދަ ދިނުމުގައި އިސްލާމިކް މިނިސްޓްރީން އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ސުލްހަވެރި ހައްލެއް ނުލިބި، ޝަރީއަތް ކުރިއަށް ގެންދަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެ އިން މި އަހަރު ހައްޖަށް ގެންދިއުމުގެ ހުއްދަ ދިނުމުގައި އިސްލާމިކް މިނިސްޓްރީން އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ސުލްހަވެރި ހައްލެއް ނުލިބި، ޝަރީއަތް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ހައްޖަށް ގެންދިިއުމުގެ ހުއްދަ އަށް އެދި ހުށަހެޅި ކުންފުނިތަކުގެ ތެރެއިން އިސްލާމިކް މިނިސްޓްރީން މި އަހަރު އެ ހުއްދަ ދިނީ ހަ ކުންފުންޏަކަށެވެ. ސިސިލްފަރު ކުންފުނިން އެ މައްސަލަ ކޯޓަށް ހުށަހެޅީ އެކަމުގައި އިސްލާމިކް މިނިސްޓްރީން އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން އެވެ.

އެ މައްސަލައިގައި ސުލްހަވެރި ހައްލެއް ލިބޭތޯ ބެލުމަށް ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ބޭއްވި އަޑުއެހުމުގައި ހައްލެއް ނުލިބުމުން، އެ މައްސަލައިގެ ޝަރީއަތް ހިންގަން ނިންމީ އިއްޔެ އެވެ. އެކަމަކު، ޝަރީއަތުގެ އަޑުއެހުންތައް އަދި ނުފަށަ އެވެ.

ޑިސްޕިއުޓް މަރުހަލާ އަކީ ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ޝަރީއަތް ހިންގަން ފެށުމުގެ ކުރިން ދެ ފަރާތުން ވާހަކަ ދައްކައިގެން ހައްލެއް ލިބޭތޯ ބެލުމަށް އޮންނަ މަރުހަލާ އެކެވެ. އެ މަރުހަލާގައި ހައްލު ނުވާ މައްސަލަތަކުގައި ގޮތް ނިންމާނީ ޝަރީއަތް ހިންގުމަށް ފަހު އެވެ.

ސިސިލްފަރުން ހުށަހެޅި އެ މައްސަލަ ކޯޓުން ނިމެންދެން، ހައްޖަށް ގެންދިއުމުގެ ހުއްދަ ދިނުމުގެ ކަންކަން މަޑުޖައްސާލުމުގެ އަމުރަކަށް ވެސް އެދިފައިވެ އެވެ.