Roadha Mihaaru
ހައްޖަށް ގެންދިއުމުގައި މަކަރުހަދާނަމަ ބޮޑު ޖޫރިމަނާއެއް

ހައްޖަށް ގެންދިއުމުގައި މަކަރު ހަދާ ނަމަ 500،000ރ. އާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތް ހަދައިފި

18 މެއި 2022

ހައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ގެންދިއުމުގައި މަކަރު ހަދާ ކުންފުނިތައް 500،000ރ. އާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް އުސޫލަށް އިސްލާހު ގެނެސް މިއަދު އަމަލުކުރަން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ގެންދިއުމުގައި މަކަރު ހަދާ ކުންފުނިތައް 500،000ރ. އާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް އުސޫލަށް އިސްލާހު ގެނެސް މިއަދު އަމަލުކުރަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ގެޒެޓްކުރި އާ އުސޫލުގައި، ހައްޖަށް މީހުން ގެންދާ ކުންފުނިތަކުން، އެ އުސޫލާ ހިލާފަށް ކަންކަން ކުރާ ނަމަ ޖޫރިމަނާ ކުރެވޭނެ ތިން ގޮތެއް ހިމަނާފައިވެ އެވެ. އެއީ؛

1. ފުރިހަމަކުރަން ޖެހޭ އިދާރީ އެއްވެސް ކަމެއް ފުރިހަމަ ނުކޮށްފި ނަމަ 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

2. އުސޫލާ ހިލާފަށް ހައްޖުވެރިންގެ އަތުން ފައިސާ ނަގައި، ކޮށްގެން ނުވާނެ ކަމެއް ކޮށް، ސުލޫކީ މިންގަނޑާ އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ 30،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދުކުން ޖޫރިމަނާކުރުން.

3. ކުންފުނީގެ އިހުމާލުން ހައްޖުގެ އަޅުކަން އަދާނުކުރެވިއްޖެ ނަމަ އަދި ހައްޖުވެރިންގެ އަތުން ނެގި ފައިސާ އަށް ހިޔާނާތްތެރިވެއްޖެ ނަމަ، 75،000ރ. އާއި 500،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

މީގެ ކުރިން 2019 ވަނަ އަހަރު އެކުލާވައިލި، ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމާ ބެހޭ އުސޫލުގައި، އެންމެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވެނީ 100،000ރ. އިންނެވެ.

ހައްޖުގެ ކަންކަން މޮނީޓާކުރަން އާ އޮފީހެއް!

އާ އުސޫލުގެ ދަށުން ހައްޖަށް މީހުންގެ ގެންދިއުމާ ގުޅޭ ކަންކަން މޮނީޓާކޮށް ބެލެހެއްޓުމަށް، އިސްލާމިކް މިނިސްޓްރީގެ ދަށުން "މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީސް" ގެ ނަމުގައި އާ އޮފީހެއް ހަދަން ވެސް ނިންމާފައި ވެ އެވެ.

އެއީ ރާއްޖެ އިން ހައްޖަށް ދާ މީހުންނާއި އެ މީހުން ގެންދާ ކުންފުނިތައް ސައުދީ އަރަބިއްޔާގައި އުޅޭ ދުވަސްވަރު މައްކާ އާއި މަދީނާގައި މިނިސްޓްރީން ކުރަން ޖެހޭ ރަސްމީ މަސައްކަތްތައް ކުރުމަށް ހަދާ ތަނެއް ކަމަށް އުސޫލުގައި ބުންޏެވެ.

2017 ވަނަ އަހަރު ހައްޖު ކޯޕަރޭޝަންގެ ފަރާތުން ރާއްޖެއިން ހައްޖަށް ދިޔަ މީހުން އަޅުކަމުގައި: ހައްޖަށް ގެންދިއުމުގެ މަކަރު ހަދާ ނަމަ ބޮޑު ޖޫރިމަނާއެއް ކުރާ ގޮތަށް އުސޫލު ވަނީ އިސްލާހުކޮށްފައި -- ފައިލް ފޮޓޯ: ހައްޖު ކޯޕަރޭޝަން

2017 ވަނަ އަހަރު ހައްޖު ކޯޕަރޭޝަންގެ ފަރާތުން ރާއްޖެއިން ހައްޖަށް ދިޔަ މީހުން އަޅުކަމުގައި: ހައްޖަށް ގެންދިއުމުގެ މަކަރު ހަދާ ނަމަ ބޮޑު ޖޫރިމަނާއެއް ކުރާ ގޮތަށް އުސޫލު ވަނީ އިސްލާހުކޮށްފައި -- ފައިލް ފޮޓޯ: ހައްޖު ކޯޕަރޭޝަން

ހައްޖުގެ ކަންކަން މޮނިޓަ ކުރާ އޮފީހުގެ މަސްއޫލިއްޔަތުތަކަކީ؛

- ހައްޖު މޫސުމުގައި ހައްޖުގެ ކަންތައްތަކާ ގުޅިގެން ސައުދީގެ ހައްޖާ ބެހޭ މިނިސްޓްރީ އާއި އެ ގައުމުގެ ރަސްމީ އެހެން އިދާރާތަކާ ގުޅިގެން، ހައްޖަށް މީހުން ގެންދާ ކުންފުނިތަކަށް ހަމަހަމަކަމާ އެކު އެހީތެރިކަން ދިނުން.

- ހައްޖު މިޝަން ހެދުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި އެ މިޝަނަށް ބޭނުންވާ ފާސްތައް ހެއްދުން.

- ހައްޖުވުމަށް ސައުދީ އަށް ގޮސް ތިބޭ ދިވެހިންނަށް ދިމާވާ މައްސަލަތަކާ ގުޅިގެން ދޭން ޖެހޭ އިރުޝާދު ދިނުމާއި އެހީތެރިވުން.

- ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް އެދި ކުންފުނިތަކުން ހުށަހަޅާ ޕްރޮޕޯޒަލްގައި ހައްޖަށް ދާ މީހުންނަށް ދޭން ކަނޑައަޅާފައިވާ ހިދުމަތްތައް ދޭތޯ ބެލުން.

- ހައްޖުގެ މަނާސިކުތައް، ހައްޖުވާން ގޮސް ތިބޭ މީހުންނަށް ފުރިހަމަކޮށްދޭތޯ ބެލުން.

- ހައްޖުވާން ގޮސް ހުރި މީހަކު ގެއްލި، ބަލިވެ، ނުވަތަ ނިޔާވެއްޖެ ނަމަ، އެކަމާ ގުޅިގެން ކުންފުނިތަކަށް ބޭނުންވާ އެހީތެރިކަން ދިނުން.

ހައްޖަށް އަދި އުމުރާ އަށް ގެންދާނެ ކަމަށް ބުނެ، ބައެއް ކުންފުނިތަކުން މީހުންގެ އަތުން މަކަރާ ހީލަތުން ފައިސާ ނެގުމުގެ ގިނަ މައްސަލަތަކެއް ކުރިން ފެންމަތިވެފައިވެ އެވެ. އެފަދަ ބައެއް މައްސަލަތަކުގެ ޝަރީއަތް މިހާރު ވެސް ކުރިއަށްދެ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ ޖުލައި މަހު އަށެކެވެ.

މި އަހަރު ރާއްޖެ އިން ހައްޖަށް މީހުން ގެންދަން ދިން ކޯޓާގެ އަދަދު ސަރުކާރުން އަދި ކަށަވަރުކޮށެއް ނުދެ އެވެ. އެކަމަކު، މަސްޖިދުލް ހަރަމްގެ ވެބްސައިޓުގައިވާ ގޮތުން މި ފަހަރު ރާއްޖެ އަށް ލިބެނީ 453 ކޯޓާ އެވެ. އާންމު ގޮތެއްގައި ރާއްޖެ އަށް 1،000 ކޯޓާ ލިބުނަސް މި ފަހަރު މަދުވެފައި ވަނީ ކޮވިޑާ ގުޅިގެން ކަމަށް ބެލެވެ އެވެ.

ކޮވިޑާ ހެދި ރާއްޖެ އިން މީހުން ހައްޖަށް ނުދާތާ މިހާރު ދެ އަހަރު ވެއްޖެ އެވެ.