30 ޖުލައި 2020
މިހާތަނަށް 18 ފަހަރު ހައްޖަށް ގޮސްފައިވާ ހަސަން ތައުފީގު އަބްދުﷲ އަށް މިއީ މާޔޫސީ އަހަރެކެވެ. މި ގަރުނު ފެށުނު ފަހުން ދެ އަހަރެއް ފިޔަވައި ކޮންމެ އަހަރަކު ވެސް ހާޖީންނަށް އެހީވާން އޭނާ މި ދުވަސްވަރު ހުންނާނީ މައްކާގެ މަތިވެރި ބިމުގަ އެވެ.
މިހާތަނަށް 18 ފަހަރު ހައްޖަށް ގޮސްފައިވާ ހަސަން ތައުފީގު އަބްދުﷲ އަށް މިއީ މާޔޫސީ އަހަރެކެވެ. މި ގަރުނު ފެށުނު ފަހުން ދެ އަހަރެއް ފިޔަވައި ކޮންމެ އަހަރަކު ވެސް ހާޖީންނަށް އެހީވާން އޭނާ މި ދުވަސްވަރު ހުންނާނީ މައްކާގެ މަތިވެރި ބިމުގަ އެވެ.
އެކަމަކު ކޮވިޑް-19 އައިސް އަހަރެމެންގެ އެންމެންގެ އާއްމު ދިރިއުޅުން އެފުށްމިފުށަށް ޖަހާލިއިރު، ތައުފީގް، 55، ގެ އެ މަތިވެރި އުފާވެރިކަން ވެސް ޖަހައިގަތީ އެވެ. ކޮވިޑުގެ ސަބަބުން ސައުދީ އަރަބިއްޔާ އިން ނިންމާފައިވަނީ ހަމައެކަނި އެ ގައުމުގައި ތިބި މީހުންނަށް ހައްޖުގެ ފުރުސަތު ދޭށެވެ. އެހެންވެ ތައުފީގަށް ވެސް މި އަހަރުގެ ހައްޖެއް ލިބޭ ގޮތެއް ނުވި އެވެ.
"ވަރަށް ދެރަވޭ. ހަމަ ރޮވޭވަރުވޭ. ވަރަށް، ވަރަށް ބޭނުން ދާން،" މ. ރަތްމަންދުއަށް އުފަން ތައުފީގް ބުންޏެވެ.
މިިދިއަ އަހަރު ހައްޖުގެ އަޅުކަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 2.5 މިލިއަން މީހުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ދުނިޔޭގެ 160 އަށް ވުރެ ގިނަ ގައުމުން ދިޔަ 1.85 މިލިއަން ހައްޖުވެރިން ހިމެނެ އެވެ. ނަމަވެސް މި އަހަރުގެ ހައްޖަށް ފުރުސަތު ދިނީ އެންމެ 10،000 މީހުންނަށެވެ.
ގައިދުރުކަން ބަހައްޓައިގެން ހައްޖުވެރިން ގެފުޅު ވަށައިގެން ތޮވާފުކުރަނީ: މިފަހަރުގެ ހައްޖު އަޅުކަމަށް ފުރުސަތު ދިނީ އެންމެ 10،000 މީހުންނަށް
ސައުދީގައި ދިރިއުޅެމުން އަންނަ ފަސް ދިވެއްސަކަށް ވެސް ހައްޖުގެ ފުރުސަތު ލިބުނެވެ.
އެސްޓީއޯ ހުޅުމާލޭ ފިހާރައިގެ ޑްރައިވަރު، މުހައްމަދު އަބްދުލް ރަޝީދު، 47، ވަނީ، ރާއްޖޭގެ ހައްޖު ގްރޫޕަކާ ގުޅިގެން އެހީތެރިއެއްގެ ގޮތުގައި 10 ފަހަރު ހައްޖަށް ގޮސްފަ އެވެ. ހައްޖު ދުވަސްވަރަށް އަހަރީ ޗުއްޓީ ނަގައިގެން ހިލޭސާބަހަށް އޭނާ އެކަން ކުރަނީ ހައްޖުގެ މާތް އަޅުކަން ފުރިހަމަކުރުމުގެ ފުރުސަތު ލިބުމާ އެކު އެހެން މީހުންނަށް އެހީތެރިވުމުގެ ގޮތުންނެވެ.
"އަޅުގަނޑު އަނބިދަރީންގެ ކަންކަމަށް ވެސް ޗުއްޓީ އާއި ސަލާމް ނުބުނެ މިކަމަށް ހަމަ ދުވަސްތައް ބަހައްޓަނީ. ޗުއްޓީ ނުލިބިއްޖެއްޔާ ކުރިއަށް އޮތް އަހަރުގެ ޗުއްޓީން އެޑްވާންސްކޮށް ނަގައިގެން ވެސް ދަން،" މުހައްމަދު ބުންޏެވެ.
އެކަމަކު މި އަހަރު މި ދިމާވި ގޮތުން އޭނާއަށް ވެސް ލިބެނީ ހިތާމައެކެވެ. މުހައްމަދު ބުނި ގޮތުގައި އޭނާގެ "ހިތް އޮތީ ސައުދީގަ" އެވެ.
"ހަމަ ހިތަށްއަރަނީ ކަންކަން ރަނގަޅަށް ދިޔަ ނަމަ މިހާރު ހުންނާނީ މިވެނި ކަމެއް ކުރަން މިވެނި ތާކުއޭ. މިނާގައި ނޫނީ އެ ނޫން ވެސް ތާކުއޭ. މިއީ ވަރަށް ބުރަކޮށް އުޅޭ ދުވަސްތަކެއް. ވަރަށް ދެރަވޭ. ވަރަށް ދާން ބޭނުން،" މުހައްމަދު ބުންޏެވެ.
އެމްޕީއެލްގެ ކެރޭން އޮޕަރޭޓަރަކަށް އުޅެމުން އަންނަ ތައުފީގަށް ހައްޖަށް ދިއުމުގެ ފުރުސަތު ފުރަތަމަ ލިބުނީ 2000 ވަނަ އަހަރު، އާއިލީ ރައްޓެއްސެއްގެ ފަރާތުން، އަތަމާ ހައްޖު ޖަމާއަތުގެ އެހީތެރިއެއްގެ ގޮތުގަ އެވެ. އަތަމާ އިން މީހުން ހައްޖަށް ގެންދިއުން ހުއްޓާލުމުން ހައްޖު ކޯޕަރޭޝަންގެ އެހީތެރިއެއްގެ ގޮތުން އޭނާ މަސައްކަތްކުރި އެވެ.
"ކުރަން ބޭނުންވާ މީހާއަށް ވަގުތު ލިބޭނެ އަޅުކަން ކުރަން ވެސް. އަސުރު ނަމާދަށް އެކަނި ނުދެވޭނީ ހަރަންފުޅަށް. ޖެހުނު މަސައްކަތެއް ކުރަން ޖެހޭނެ. ބަދިގޭގެ ކަންކަމާއި އެކި ކަންކަން. ހަމަ އައިސް ހޮޓަލަށް ވަންނަ އިރަށް ބުނެފާނެ މިވެނި މީހަކު ގެއްލިގެންނޭ މި އުޅެނީ. ދެން ޖެހޭނީ އެ މީހަކު ހޯދަން ދާން،" ހައްޖުގެ ދުވަސްވަރު އެހީތެރިއެއްގެ ގޮތުން އުފުލަން ޖެހޭ ޒިންމާތަކާ މެދު ތައުފީގް ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެއީ 24 ގަޑިއިރުގެ މަސައްކަތެކެވެ. އާންމުކޮށް ނިދަނީ މެންދަމުން އަލިވެ 2-3 ޖަހާއިރެވެ. އަނެއްކާ ފަތިހު 4:30 ގައި ނަމާދަށް ތެދުވާ ގޮތަށް އުޅެން ޖެހޭނީ ހައްޖުވެރިންގެ ކަންކަމުގަ އެވެ. ސައުދީގައި ހޭދަކުރާ ގާތްގަނޑަކަށް 45 ދުވަސް ނިމިގެންދަނީ އެހާ ބުރަކޮށް ކަމަށް، އޭނާ ކިޔައިދިނެވެ.
"ހަގީގަތުގައި ވަރަށް ބުރަ ކަމެއް. ބައެއް ކުދިން އެކޮޅުގައި ތިބޭއިރު ބުނާނެ ދެން އަހަރަކުން ނާންނާނަމޭ ވެސް. އެކަމަކު މިކޮޅަށް އައުމާ އެކު ދާން ބޭނުންވެފައި ތިބޭނީ،" ތައުފީގް ބުންޏެވެ.
މުހައްމަދު ވެސް އެންމެ ފުރަތަމަ އެހީތެރިއެއްގެ ގޮތުގައި ހައްޖަށް ދިޔައީ އަތަމާ ޖަމާއަތުންނެވެ. އޭގެ ފަހުން ހައްޖު ކޯޕަރޭޝަންގެ އެހީތެރިއަކަށެވެ. މިދިއަ އަހަރު ވެސް އޭނާ ހައްޖަށް ދިޔަ އެވެ.
މުހައްމަދު ހައްޖުގައި: އޭނާ ވަނީ މިހާތަނަށް 10 ފަހަރު ހައްޖަށް ގޮސްފައި، މިއަހަރު ނުދެވުމަކީ ބޮޑު ހިތާމައެއް-- ފޮޓޯ: މުހައްމަދު
ކޮންމެ އަހަރަކު ވެސް ހައްޖުވެރިން ސައުދީއަށް ދިއުމުގެ 10 ދުވަސް ކުރިން، ގްރޫޕްގެ އެހެން މީހުންނާ އެކު އޭނާ ވެސް ދެ އެވެ. ދަތުރު ކުރުމަށާއި އިހުރާމު ކެނޑުމަށް ހޭދަވާ ދެ ދުވަހަށް ފަހު ބާކީ އަށް ދުވަސް އޭނާ އުޅެން ޖެހެނީ ވަރަށް ބުރަކޮށެވެ. އެވަރުން ވެސް ހައްޖުވެރިން އަންނަން ވާއިރަށް ކަންކަން ނިންމާލެވެނީ ކިރިޔާ އެވެ.
"ފުރަތަމަ ދާ ގޮތަށް ގޮސް ރޫމުތަކުގައި ތިބޭނީ ކިތައް މީހުންކަން ކަނޑައަޅަނީ. އެއަށް ފަހު ފާހާނާ ތަންތަން ރަނގަޅުތޯ ބަލަން ޖެހޭ. ރޫމްތަކުގެ ހުރިހާ ސޮކެޓަކުން ކަރަންޓް އާދޭތޯ އާއި ހޮޅިބުރި އެއްޗެހި ދިއްލޭތޯ އާއި ޓީވީތަކުން ހުރިހާ ޗެނަލެއް ފެނޭތޯ މިހެން ގޮސް އެހުރިހާ ކަމެއް ބަލަން ޖެހޭ،" މުހައްމަދު ބުންޏެވެ.
"ސާދަ ބުރީގެ ހޮޓަލުގެ އެހުރިހާ ކަމެއް ބަލައި ނިންމާލެވޭނީ ހަމަ ކިރިޔާ. އޭރު ހާޖީން އަންނަން ފަށާނެ. އެކަންކަން ބެލުމަށް ފަހު، ބުފޭ މޭޒްތައް އަތުރައި ރެސްޓޯރެންޓްގެ ކަންކަން ހަމަޖައްސަން ޖެހޭ."
ހައްޖުވެރިން އައުމުން ބަދީގެ ކަންކަން ހަމަޖެއްސުމާއި ބާޒާރު ކުރުމަކީ ވެސް މުހައްމަދުގެ ޒިންމާއެކެވެ. އެއީ ބުރަ، އަދި ވަރަށް ވަގުތު ވެސް ހޭދަވާ ކަމެކެވެ. ރިސޯޓްތަކުގެ ކައްކާއިން ގެންގޮސްގެން ދިވެހި ކެއުންތައް ހޮޓަލުގައި ތައްޔާރުކުރެ އެވެ. މަހާއި ދިވެހިންނަށް ބޭނުން އެހެން ބައެއް ބާވަތްތައް ރާއްޖޭން ގެންދާއިރު ސައުދީން ގަންނަން ޖެހޭ އެއްޗެހި ހޯދަން ކޮންމެ ދުވަހަކުހެން ބާޒާރު ކުރަން ޖެހެ އެވެ.
"އިޝާ ނަމާދުން ފައިބައިގެން ރޭގަނޑުގެ ކެއުން މިއޮންނަނީ 8:30 އިން 10:30 އަށް. ހާހެއްހާ މީހުންގެ ކެއުމުގެ ކަންކަން ހަމަޖައްސައި ސާފްކޮށް ނިމޭއިރު 12 ޖަހާނެ. އޭރު އަނެއް ދުވަހަށް ސަޕްލައި ހޯދަން ޖެހިފައި އޮންނާނީ. ކުޑަކޮށް ނިދާލާއިރަށް ފަތިސް ނަމާދަށް ތެދުވަން ވެފައި އޮންނާނީ. ދެން ފަތިސް ކޮށްގެން ހެނދުނު ސައި ކަންތަކުގައި އުޅެން ޖެހޭނީ،" މުހައްމަދު ބުންޏެވެ.
މިނާގައި ހައްޖުވެރިން ތިބޭ ޓެންޓްތަކުގެ ކަންކަން ބެލުމަކީ ވެސް ބުރަ މަސައްކަތެކެވެ. ހައްޖުވެރިންނަށް ވުރެ ކުރިން މިނާއަށް ގޮސް އެކަން ކުރަނީ އޭނާ އާއި އިތުރު އެހީތެރިއަކު ގޮސްގެންނެވެ.
"މިނާގެ ކަންކަން ހަމަޖައްސާފައި އަރަފާތަށް ފުރަތަމަ ދާ ބަހުގައި އަޅުގަނޑުމެން ދާން ޖެހޭ. ގޮސް ހައްޖުވެރިން އަންނަން ވާއިރަށް ތަން ފާހަގަކުރަން ދިދަ ޖަހަން ޖެހޭ. އޭރުން ގްރޫޕްގެ ހައްޖުވެރިން ބަސްތަކުގައި އަންނަ އިރު އެ ސަރަހައްދު ނޯޅޭނެ،" މުހައްމަދު ބުންޏެވެ.
ކޮވިޑް-19 ކުރިމަތިނުވި ނަމަ މިއަދު އޭނާ ވެސް ހުރުން ކައިރީ، އަރަފާތު ބިމުގައި، ހައްޖުގެ މާތް އަޅުކަމުގަ އެވެ. މިނާ އާއި އަރަފާތުގައި ހޭދަކުރާ ފަސް ދުވަސް ކިތައްމެ ބުރަޔަސް ހައްޖުގެ އުފަލަކީ ދޫކޮށްލެވޭ ވަރަށް ވުރެ ބޮޑު ހިތްހަމަޖެހުމެކެވެ. އެކަމަކު މިއަދު އޭނާ އާއި ތައުފީގު ކަހަލަ، ދިވެހި އެތައް އެހީތެރިންނަކަށް އިހުސާސްކުރެވެނީ އުނިކަމެވެ. އެއީ އެތައް މިލިއަން މުސްލިމުންނަކަށް ވެސް މި އަހަރު އޮތް ހިތްދަތިކަމެއްކަން ޔަގީނެވެ.
ހައްޖަށް ގެންދިއުމުގައި މަކަރުހަދާނަމަ ބޮޑު ޖޫރިމަނާއެއް
އިންތިޒާމު ރަނގަޅު، ދިވެހި ހައްޖުވެރިން އަރަފާތުގައި
ޖާގަލިބިފައިވާ އެންމެންނަށް އަންނަ އަހަރު ހައްޖަށްދެވޭނެ
އަތަމާ އަބްދުއްލަތީފް އަވަހާރަވެއްޖެ
ދިވެހި ހައްޖުވެރިން ފުރަންފަށާނީ އަންނަ މަހު 12 ގައި
ހައްޖު ކޯޓާގެ 870 ޖާގަ ކޯޕަރޭޝަނާއި ގުރޫޕުތަކަށް
އަރަފާތު ބިމަށް ބޯކޮށް ވާރޭ ވެހެނީ
ދެ ވަނަ ކޯޓާއިން ހައްޖު ކޯޕަރޭޝަނަށް 500 ޖާގަ
ހައްޖު ކޯޓާ ރިޒާވްކުރީ އޭސީސީގެ އެންގުމާ ޚިލާފަށް!
ހައްޖު މައްސަލަ ހައްލު ނުވުމުން ޝަރީއަތް ހިންގަނީ