Roadha Mihaaru
އިންތިޒާމު ރަނގަޅު، ދިވެހި ހައްޖުވެރިން އަރަފާތުގައި

އިންތިޒާމުތައް ރަނގަޅު، ދިވެހި ހުރިހާ ހައްޖުވެރިން ވެސް އަރަފާތުގައި

10 އޯގަސްޓް 2019

ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާ އަށް ދިޔަ 2،000 ދިވެހި ހައްޖުވެރިން ވެސް މިއަދު ހެނދުނު އަރަފާތު ބިމަށް ޖަމާވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާ އަށް ދިޔަ 2،000 ދިވެހި ހައްޖުވެރިން ވެސް މިއަދު ހެނދުނު އަރަފާތު ބިމަށް ޖަމާވެއްޖެ އެވެ.

ހައްޖު މިޝަންގެ ފަރާތުން ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ "މިހާރު" އަށް ވިދާޅުވީ ދިވެހި ހުރިހާ ހައްޖުވެރިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

ހައްޖުގެ އެންމެ މުހިންމު ރުކުނަކީ އަރަފާތު ބިމުގައި ވަގުތު ހޭދަކުރުމެވެ. އަރަފާތު ބިމުގައި، އަޅުކަމުގަ އާއި ގުރުއާން ކިޔެވުމާއި ދުއާ ކުރުމުގައި މުޅި ދުވަސް ހޭދަކުރެ އެވެ. މިއީ ކޮންމެ އަހަރެއްގެ އެންމެ ދުވަހަކު އިންސާނުން އަރާ ފުރާލާ ވަރަށް ހާއްސަ ބިމެކެވެ.

ދިވެހި ހައްޖުވެރިން އަރަފާތު ބިމުގައި: އިންތިޒާމުތައް ރަނގަޅު-- ފޮޓޯ: ހައްޖު ކޯޕަރޭޝަން

ދިވެހި ހައްޖުވެރިން އަރަފާތު ބިމުގައި: އިންތިޒާމުތައް ރަނގަޅު-- ފޮޓޯ: ހައްޖު ކޯޕަރޭޝަން

މިވަގުތު އަރަފާތުގައި ހުރި ޕީއެސްއެމްގެ ނޫސްވެރިޔާ މުހައްމަދު އަފްޒަލް "މިހާރު" އަށް ބުނީ އެހެން އަހަރުތަކަށް ވުރެ މި އަހަރު ދިވެހި ހައްޖުވެރިންނަށް އިންތިޒާމުތައް ރަނގަޅު ކަމަށެވެ. އެގޮތުން އިއްޔެ މިނާގައި މަޑުކުރުމަށާއި މިއަދު އަރަފާތުގައި ތިބެން ވެސް ދިވެހި ހުރިހާ ހައްޖުވެރިންނަށް ޓެންޓްތައް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

"މިދިޔަ އަހަރު ޓެންޓްތައް ނުލިބި ބޭރުގައި ތިބެން ޖެހުނު. އެކަމަކު މި އަހަރު ހުރިހާ ދިވެހިންނަށް ވެސް ޓެންޓްތައް ލިބުނު،" ހައްޖަށް މީހުން ގެންދާ އަލްހަރަމައިން ޖަމާއަތުގައި ވެސް މަސައްކަތްކުރަމުން އަންނަ އަފްޒަލް ބުންޏެވެ.

އޭނާ ބުނީ އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ދިވެހިންނަށް ބަސް ލިބުމުގައި ވެސް ދަތިތައް ކުރިމަތި ނުވާ ކަމަށެވެ. ކުރީގައި ބަސް ލިބުން ދަތިވެ އަރަފާތަށް ދިއުމުގައި ދަތިތައް ދިމާވެ އެވެ.

ދިވެހި ހައްޖުވެރިން އަރަފާތު ބިމުގައި: މިއަދު އިރު އޮއްސެންދެން ހައްޖުވެރިން ތިބޭނީ މި ބިމުގައި -- ފޮޓޯ: ހައްޖު ކޯޕަރޭޝަން

ދިވެހި ހައްޖުވެރިން އަރަފާތު ބިމުގައި: މިއަދު އިރު އޮއްސެންދެން ހައްޖުވެރިން ތިބޭނީ މި ބިމުގައި -- ފޮޓޯ: ހައްޖު ކޯޕަރޭޝަން

ހައްޖުވެރިން އިއްޔެ ހޭދަކުރީ މިނާގަ އެވެ. ކުރިއަށް އޮތް ތިން ދުވަހު ވެސް، ހުރިހާ ހައްޖުވެރިން ތިބޭނީ މިނާގެ ފޭލިގެތަކުގަ އެވެ. އަރަފާތު ބިމުން ފައިބައިގެން މިރޭ މުޒުދަލިފާގައި ރޭކުރާނެ އެވެ.

މާދަމާ ހެނދުނުން ފެށިގެން ޖަމްރާ އަށް ހިލަ އުކުން އޮންނާނެ އެވެ. އިހުރާމް ކަނޑާނީ އޭގެ ފަހުންނެވެ.

މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންގޮސްފައިވަނީ ހައްޖު ކޯޕަރޭޝަންގެ އިތުރުން އަލްހަރަމައިން އާއި ތަޒްކިއާ އާއި މިނާ އަދި އެކްރޯ ޕްރައިވެޓް ލިމިޓެޑުންނެވެ.