Roadha Mihaaru
ހުއްދަ ނުނަގާ އުމްރާއަށް ގެންދާނަމަ ފިޔަވަޅު އަޅާނެ

ހުއްދަ ނެތް ކުންފުނިތަކުން އުމްރާއަށް ގެންދާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު!

15 އޯގަސްޓް 2023

އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ލިބިފައިނުވާ ކުންފުނިތަކުން އުމްރާއާށް މީހުން ގެންދާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިސްލާމިކް މިނިސްޓްރީން މިއަދު ދީފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ލިބިފައިނުވާ ކުންފުނިތަކުން އުމްރާއާށް މީހުން ގެންދާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިސްލާމިކް މިނިސްޓްރީން މިއަދު ދީފި އެވެ.

މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއިން އުމްރާއަށް ގެންދިއުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް މީހުން އުމްރާއަށް ގެންދާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި އުސޫލާ ހިލާފަށް އުމްރާއަށް މީހުން ގެންދިއުމަކީ މަނާ ކަމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލާ ހިލާފަށް އަމަލުކުރާ ފަރާތްތަކުގެ މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް މިނިސްޓްރީން އަޅަމުންދާނެ ކަމުގައި ދެންނެވީމެވެ،" އެ ބަޔާނުގައިވެ އެވެ.

އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލުގައި ބުނާގޮތުން އުމްރާއަށް މީހުން ގެންދަން ކުންފުންޏަކަށް ހުއްދަ ދޭނީ ދެ އަހަރަށެވެ. އަދި ހުއްދަ ނެތި އެޑްވާންސްކޮށް ފައިސާ ނެގުމަކީ މަނާ ކަމެއް ކަމަށް އެ އުސޫލުގައި ވެ އެވެ.

ހުއްދަ ނެތް ކުންފުނިތަކަށް ފައިސާ ނުދެއްކުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި އެގޮތަށް އަމަލުކޮށްގެން ކުރިމަތިވާ ގެއްލުމެއްގެ ޒިންމާ ނަގަން ޖެހޭނީ އެ މީހަކު އަމިއްލައަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އެގޮތަށް ބުނެފައި ވާއިރު، މިދިޔަ އޭޕްރީލް މަހު އުމްރާއަށް ދާން އުޅުނު ގްރޫޕަކަށް ނުފުރުނު މައްސަލައެއް ދިމާވި އެވެ. ނަމަވެސް ފަހުން އެ މައްސަލަ މިނިސްޓްރީން ވަނީ ހައްލު ކޮށްފަ އެވެ.