Roadha Mihaaru
ޒުވާނުންނާ އެކު އުމްރާ ދަތުރުތަކުން އުފާވެރިކަން

ޒުވާނުންނާ އެކު އުމްރާ ދަތުރުތަކުން އުފާވެރިކަން

25 ޑިސެމްބަރ 2024

މީގެ އަހަރުތަކެއް ކުރިން ނަމަ ހައްޖާއި އުމްރާގެ އަޅުކަމަށްދާ މީހުންގެ ތެރޭގައި މުޅިންހެން ވެސް ތިބޭނީ އުމުރުން ދުވަސްވީ މީހުންނެވެ. ނަމަވެސް މިކަން މިހާރު ބަދަލުވެއްޖެ އެވެ. ހައްޖަށް ދިއުމަކީ ކޯޓާ ކަނޑައެޅިގެން ކުރާ ކަމަކަށް ވުމުން ބޭނުންވާ ކޮންމެ މީހަކަށް ނުދެވުނަސް އުމްރާ އަށް ދާ މީހުން ވަރަށް ބޮޑަށް އިތުރުވި އިރު އޭގެ ތެރޭގައި ޒުވާނުން ވަރަށް ގިނަ އެވެ.

އައިޝަތް މިހްނާ ނާސިހް އައިޝަތް މިހްނާ ނާސިހް

މީގެ އަހަރުތަކެއް ކުރިން ނަމަ ހައްޖާއި އުމްރާގެ އަޅުކަމަށްދާ މީހުންގެ ތެރޭގައި މުޅިންހެން ވެސް ތިބޭނީ އުމުރުން ދުވަސްވީ މީހުންނެވެ. ނަމަވެސް މިކަން މިހާރު ބަދަލުވެއްޖެ އެވެ. ހައްޖަށް ދިއުމަކީ ކޯޓާ ކަނޑައެޅިގެން ކުރާ ކަމަކަށް ވުމުން ބޭނުންވާ ކޮންމެ މީހަކަށް ނުދެވުނަސް އުމްރާ އަށް ދާ މީހުން ވަރަށް ބޮޑަށް އިތުރުވި އިރު އޭގެ ތެރޭގައި ޒުވާނުން ވަރަށް ގިނަ އެވެ.

އުމްރާއަށް މީހުން ގެންގޮސް ދިނުމުގެ މަސައްކަތް ކުރާތާ 15 އަހަރު ވެފައިވާ ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕުގެ އިސްވެރިޔާ ފަރީދާ ހަސަން (ފަރީ މިސް) ވިދާޅުވީ މިފަހަކަށް އައިސް ސްކޫލު ބަންދާއި ޗުއްޓީތަކުގައި ބޮޑެތި އާއިލާތައް، ޒުވާނުންނާއި ކުޑަކުދިން ހިމެނޭހެން އުމްރާއަށް ދިއުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

މި މަހު އެކަނި ވެސް ހައެއްކަ ހާސް މީހުން އުމްރާއަށް ގޮސްފައިވާ ކަމަށް ހިސާބުތަކުން ދައްކާއިރު މީގެ ތެރޭގައި ވެސް ޒުވާނުން އެހާ ގިނަ އެވެ. ރަސްމީ ހިސާބުތަކެއް މިކަމާ ގުޅޭ ގޮތުން ފެންނަން ނެތަސް މިކަން ސާފެވެ.

މި ހުރިހާ ކަމެއް ބަދަލުވެ، ކައިވެންޏަށް ފަހު ހަނީމޫނަށް ދިއުމުގެ ބަދަލުގައި އުމްރާއަށް ދިއުން ވެސް އަންނަނީ މަގްބޫލުވަމުންނެވެ. ކައިވެނިކުރާ ދެމަފިރިންނަށް ހަދިޔާގެ ގޮތުގައި ވެސް އާއިލާތަކުން އުމްރާ ދަތުރުތައް ދިނުން މިހާރު ފާހަގަކުރެވެ އެވެ.

"އުނދަގުލެއް ނޫން. ޒުވާން ވީމާ ހުރިހާ އެންމެން ވެސް [އުމްރާ ގްރޫޕުގެ އެހީތެރިންނާއި އެހެން ބައިވެރިން ވެސް] ވަރަށް އެހީތެރިވެދިން. ގިނަ ވަގުތު އަޅުކަމުގައި ފިރިމީހާއާ ވަކިން އެހެން އަންހެނުންނާ އެކު އުޅޭއިރު ވެސް ދައްތަމެން ވަރަށް އަޅާލައި, ހާލު ބަލައި, ތޮވާފް ކުރާއިރު ވެސް އެންމެންގެ މެދުގައި ބަހައްޓަނީ ފިތިދާނެތީ،" މި އަހަރުގެ ރޯދަމަހު އުމްރާގެ އަޅުކަން އަދާކުރި އުމުރުން 27 އަހަރުގެ ޒުވާނަކު ބުންޏެވެ.

ދިވެހިން އުމްރާ ގައި -- ފޮޓޯ: ގިބްލަ ހައްޖު އެންޑް އުމްރާ

ދިވެހިން އުމްރާ ގައި -- ފޮޓޯ: ގިބްލަ ހައްޖު އެންޑް އުމްރާ

އެހެން ޒުވާނަކު ބުނިގޮތުގައި އުމްރާއަށް ދިއުމަކީ އޭނާ ވަރަށް ކުރީއްސުރެ ވެސް ބޭނުންވެފައި ހުރި ކަމެކެވެ. ނަމަވެސް މާލީ ގޮތުން ހުރި ދަތިތަކާ ހުރެ ނުދެވިފައި ހުއްޓަސް، އެ އުންމީދު ފުރިހަމަވީ އެހެންމީހެއްގެ ދީލަތި އެހީއަކާއެކުގަ އެވެ.

"އެއީ މުޅި ހަޔާތުގައި ވެސް ކުރި އެންމެ ބެސްޓް އެކްސްޕީރިއެންސް. މައްކާ އާއި މަދީނާގެ އެ މާތް ބިމުން އަނބުރާ އަންނަން ބޭނުމެއް ވެސް ނުވި. ގްރޫޕުން ވަރަށް ބޮޑަށް އެހީތެރިކަން ލިބުނު. ރޯދަމަހަކަސް، ވަރަށް ބައިވަރު މީހުންނާ ބައްދަލުވެ އެއްވެސް އުނދަގުލަކާ ނުލައި ހުރިހާ ކަމެއްވެސް ކުރެވުނު،" 32 އަހަރުގެ ޒުވާން ފިރހެނަކު ބުންޏެވެ.

އުމްރާ އަށް ދާއިރު ތުއްތު ކުދިން ގޮވައިގެން ދިއުމަކީ ވެސް މިފަހުން ވަރަށް ގިނައިން ފެންނަ ކަމެކެވެ. މީހުން ބުނާ ގޮތުން މިއީ ކުއްޖާގެ ހިތުގައި ޅައިރުއްސުރެ އީމާންތެރިކަން ވަރުގަދަކޮށް، އިސްލާމީ އަގީދާ އާއި އިސްލާމީ ތާރީހަށް ޝައުގުވެރިކަން އުފެދިގެންދާ ކަމެކެވެ.

"ދެމަފަރިން ދާން ވެގެން ނިންމިއިރު އެންމެ ކުޑައަށް ހުރި ދަރިފުޅު ވެސް ގޮވައިގެން ދާން ނިންމީ. އެކަނި ބެހެއްޓުމަށް ވުރެ، ގޮވައިގެން ގޮސް، އުމްރާ ކުރުމާ އެކު، ވަރަށް ބޮޑަށް ދީނީ ކަންކަމަށް ދަރިފުޅު ލޯ ހުޅުވި ޝައުގުވެރިވި ކަމަކަށްވީ އުމްރާ އަށް ދިއުން. ވަރަށް ޝައުގުވެރިވި ރަތް ކަނޑު ބަލާލައި، މައްކާގެ މިޔުޒިއަމް ކަހަލަ މުހިންމު ބިނާތައް ބަލައިލަން ދެވުނީމަ،" އުމުރުން 11 އަހަރުގެ ދަރިފުޅު ގޮވައިގެން 2023 ވަނަ އަހަރު އުމްރާ އަށް ދިޔަ މަންމައަކު އޭނާގެ ތަޖުރިބާ ހިއްސާކުރި އެވެ.

ދިވެހިން އުމްރާ އަޅުކަމުގައި -- ފޮޓޯ:ގިބްލަ ހައްޖު އެންޑް އުމްރާ

ދިވެހިން އުމްރާ އަޅުކަމުގައި -- ފޮޓޯ:ގިބްލަ ހައްޖު އެންޑް އުމްރާ

ޗުއްޓީގައި އެކި ގައުމުތަކަށް ގޮސް ބާޒާރުކޮށް ފައިސާތައް އެގޮތް މިގޮތަށް ހުސްކޮށްލުމަށް ވުރެ މާތް އަޅުކަމަކާ އެކު ޗުއްޓީއެއް ހަދާލެވުމަކީ ވެސް އުމްރާ ދަތުރުތަކުގެ އެއް ބޭނުމަށް މިހާރު އޮންނަނީ ވެފަ އެވެ.

"މި ފަހަރު އަޅުގަނޑުމެންނާއެކު 462 އުމްރާވެރިން ބައިވެރިވޭ. ގާތްގަނޑަކަށް 70 ޕަސެންޓަކީ އުމުރުން 40 އަހަރުން ދަށުގެ ފަރާތްތައް،" ގިބްލަ ހައްޖު އެންޑް އުމްރަ ގްރޫޕުގެ މެނޭޖިން ޑިރެކްޓަ ޔާމީން އިދުރީސް ވިދާޅުވި އެވެ.

ދީނީ ހޭލުންތެރިކަމާ އެކު ރާއްޖެއިން ބޭރަށް ގޮސް ޗުއްޓީއެއް ހޭދަކޮށްލާއިރު ކުރަން ބޭނުންވާ ހުރިހާ ކަމެއް ވެސް ފަސޭހަކަމާ އެކު މިހާރު އުމްރާ ދަތުރެއްގައި ކުރެވެ އެވެ. އަރަފާތު ބިމާއި މިނާ އަދި މުޒްދަލިފާ ބަލައިލުމުގެ އިތުރަށް ދަތުރު ހަދައިގެން ޒުވާނުންގެ ގްރޫޕްތައް ހިރާ ފަރުބަދަ އަދި ޘައުރު ފަރުބަދަ އަށް ދާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ހިރާ ފަރުބަދައިގެ ތިރީގައި ދާރުލް އާސާރެެއްހެން ވިޝުއަލް އާޓްސްގެ ނޫނީ ވިޝުއަލް އިފެކްޓްސް ބޭނުންކޮށްގެން ވާހަކަތައް ކިޔައިދޭ ނޫނީ ފެނިގެންދާ ގޮތަށް ތައްޔާރު ކޮށްފައި ހުރޭ. އަނެއްކާ ހިރާ އަދި ޘައުރު ފަރުބަދައިގެ އެންމެ މައްޗަށް އަރަން ގަސްދު ކޮށްގެން ހަަމަ ދަތުރު ހަދައިގެން ވެސް ޒުވާނުން އެބަދޭ،" އޭނާ ވިދާޅުވި އެވެ.

ބޭރު ގައުމަކަށް ގޮސް ބާޒާރުކުރަން ބޭނުންވެފައި ތިބޭ މީހުންނަށް ޖިއްދާ ސިޓީގެ ޝޮޕިން މޯލްތަކުން މިހާރު ބޭނުންވާ ހުރިހާ އެއްޗެއް ވެސް ލިބެން ހުންނައިރު މިއީ ދިވެހި އުމްރާވެރިންގެ މެދުގައި މަގްބޫލު ތަނެކެވެ.

މިފަހަރު އަޅުގަނޑުމެންނާއެކު 462 އުމްރާވެރިން ބައިވެރިވޭ. ގާތްގަނޑަކަށް 70 ޕަސެންޓަކީ އުމުރުން 40 އަހަރުން ދަށުގެ ފަރާތްތައް

އުމްރާއަށް ދާ އުމުރުތަކަށް އަންނަ ބަދަލުތަކާ އެއްވަރަށް އުމްރާއަށް ދިއުމަށް މީހުންގެ މެދުގައި އޮތް ޝައުގުވެރިކަން ވެސް ރާއްޖޭއާ އަދި އެހެން ގައުމުތަކުގައި ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ދިވެހިން އުމްރާ އަޅުކަމުގައި-- ފޮޓޯ: ގިބްލަ ހައްޖު އެންޑް އުމްރާ

ދިވެހިން އުމްރާ އަޅުކަމުގައި-- ފޮޓޯ: ގިބްލަ ހައްޖު އެންޑް އުމްރާ

ސައުދީ އަރަބިއްޔާގެ ސަރުކާރުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 2023 ވަނަ އަހަރު 26 މިލިއަން މީހުންވަނީ އުމްރާގެ އަޅުކަން އަދާކޮށްފަ އެވެ. މީގެ ތެރެއިން 13 މިލިއަން މީހުންނަކީ ސައުދީން ބޭރުން އެކި ގައުމުތަކުން އުމްރާގެ އަޅުކަން އަދާކުރި މީހުންނެވެ. މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 8.7 ޕަސެންޓުގެ ކުރިއެރުމެކެވެ. ސައުދީ ނޫން ގައުމުތަކުގެ އުމްރާވެރިންގެ 52.3 ޕަސެންޓަކީ ފިރިހެނުންނެވެ. އަންހެނުންގެ ނިސްބަތަކީ 47.7 ޕަސެންޓެވެ. މިދިޔަ ރޯދަމަހު އެކަނިވެސް 30 މިލިއަން މީހުން އުމްރާގެ އަޅުކަން އަދާކުރި ކަމަށް ހިސާބުތަކުން ދައްކަ އެވެ.

ރާއްޖޭގައި މީހުން އުމްރާއަށް ގެންދާ ކުންފުނިތައް ވެސް އިތުރުވެފައި ވާއިރު ޑިސެމްބަރު މަހުގެ އުމްރާއާ ދިމާކޮށް ވެސް އިތުރު 14 ކުންފުންޏަކަށް ވަނީ މި ހުއްދަ އަލަށް އެކުލަވާލި އުސޫލުގެ ތެރެއިން ދީފައެވެ.

އުމްރާގެ އަޅުކަން އަދާކުރުމުގެ އިންތިޒާމުތައް ވެސް ކުރިއަށް ވުރެ ލުއިފަސޭހަވެފައި ވުމަކީ ވެސް ގިނަބަޔަކަށް އުމްރާގެ އަޅުކަން އަދާކުރެވޭނެ މަގު ތަނަވަސްވެފައިވާ ކަމެކެވެ.

"ކުރިން ނަމަ ގޮނޑީގައި އުމްރާ ކުރާ ނަމަ އަޅުގަނޑުމެން ޖެހޭނީ ހަރަމް ތެރެއިން އެ ކަންކަން ހަމަޖައްސައިދޭން. އެކަމަކު މިހާރު ސީދާ ހޮޓަލުން ފެށިގެން ގޮނޑީގައި ގެންގޮސްދެވޭ. މިހެން ވީމާ ވެސް ވަރަށް ބޮޑަށް ބަލި މީހުން ނޫނީ އުމުރުން ދުވަސްވީ މީހުންނަށް އެބަ ލުއި ފަސޭހަވޭ،" ފަރީދާ ވިދާޅުވި އެވެ.

އުމްރާއަށް ދިއުމުގައި ކުރިން ލަންކާ މަގުން ކުރަންޖެހޭ ދިގު ދަތުރުގެ ބަދަލުގައި މިހާރު ސީދާ ފްލައިޓްތަކުންނާއި އެ ނޫން ނަމަ ކުޑަ ވަގުތުކޮޅެއްގެ ޓްރާންސިޓަކުން މައްކާއަށް ދެވުމަކީ ވެސް އިތުރަށް ލިބިފައިވާ ލުޔެކެވެ. މައްކާ އާއި މަދީނާގެ ދެމެދުގައި ރޭލުގެ ހިދުމަތް ވެސް އުމްރާވެރިންނަށް ލިބުމަކީ މުޅި ދަތުރަށް ލިބޭ ލުއެކެވެ.

މި ހުރިހާ ކަމަކާ އެކު, ސައުދީ އަރަބިއާއަށް އަންނަމުންދާ ތަރައްގީއަކީ ވެސް އުމްރާއަށް ދިއުމަށް ހިތްވަރުދޭ އެއް ސަބަބެވެ. ސައުދީގެ 2030 ގެ ތަސައްވަރުގެ ދަށުން ޓޫރިޒަމް ކުރިއަރުވައި, އަޅުކަމަށް އަންނަ މީހުންނަށް ހާއްސަ އަދި ވީހާ ވެސް ލުއިފަސޭހަ މެހެމާންދާރީ އާއި އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

އުމްރާއަށް ދިއުމަކީ ދުރާލާ ތައްޔާރުވެ, މިކަމަށް ނިޔަތްގަނެފި ނަމަ އުނދަގޫ ކަމެއް ނޫނެވެ. ކުރިއާ ހިލާފަށް އުމްރާވެރިންނަށް ވީހާ ވެސް ރައްކާތެރިކަމާއި ލުއިފަސޭހަކަމާ އެކު، މި މާތް އަޅުކަން އަދާކުރެވޭނެ އިންތިޒާމްތައް ކުންފުނިތަކާއި ސައުދީން ވެސް އަންނަނީ ހަމަޖައްސައި ދެމުންނެވެ.