Roadha Mihaaru
އާ އިންތިޒާމުތަކާއެކު އުމްރާ ދަތުރުތަކުގެ އަގުބޮޑުވެއްޖެ

އާ އިންތިޒާމުތަކާ އެކު އުމްރާ ދަތުރުތަކުގެ އަގުބޮޑުވެއްޖެ

26 ސެޕްޓެމްބަރ 2021

ކޮވިޑު-19 އިން ރައްކާތެރިވުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ ހެދި، އުމްރާއަށް މީހުން ގެންދާ އަގުތައް މި އަހަރު ބޮޑުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑު-19 އިން ރައްކާތެރިވުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ ހެދި، އުމްރާއަށް މީހުން ގެންދާ އަގުތައް މި އަހަރު ބޮޑުވެއްޖެ އެވެ.

އެ ބަލިން ދިފާއުވުމަށް ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ މީހުންނަށް ސައުދީ ވަނީ ހުޅުވާލައިފަ އެވެ. އެއާއެކު، އުމްރާއަށް މީހުން ގެންދިއުމަށް ކުންފުނިތަކުން ވަނީ ތައްޔާރުވަން ފަށައިފަ އެވެ.

އުމްރާއަށް މީހުން ގެންދިއުމުގައި އެތައް އަހަރެއް ހޭދަކޮށްފައިވާ ޒަމްޒަމް ހައްޖު އެންޑް އުމްރާ ގްރޫޕުގެ ވެރިޔާ އަބްދުލް އަޒީޒް ހުސެއިން (އަޒީބެ) މިއަދު ވިދާޅުވީ ސައުދީން ހަމަޖައްސާފައިވާ އުސޫލުތަކުގެ ސަބަބުން މި ފަހަރު އުމްރާއަށް ގެންދެވޭ އަގުބޮޑު ކަމަށެވެ. ނަމަވެސް އެ އަގަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އަޒީބެ ވިދާޅުވި އެވެ.

ކޮވިޑުގެ ހާލަތުގެ ކުރިން ޒަމްޒަމް ގްރޫޕުން މާޗު އަދި ޑިސެމްބަރު މަހު އުމްރާއަށް ގެންގޮސްދިނީ ގާތްގަނޑަކަށް 22،000-23،000ރ. އަށެވެ. މި ފަހަރު އުމްރާ ޕެކޭޖު ހުރީ 25،000ރ. ގަ އެވެ.

އެ ގްރޫޕުން މިހާރު އަންނަނީ އަންނަ ނޮވެމްބަރު އަދި ޑިސެމްބަރު މަހު އުމްރާއަށް މީހުން ގެންދިއުމަށް ތައްޔާރުވަމުންނެވެ. އަޒީބެ ވިދާޅުވި ގޮތުގައި، އެ ދެ މަހު 150 މީހުން އުމްރާއަށް ގެންދެވޭނެ ކަމަށެވެ.

މައްކާގައި 50 މީހުންގެ ޖާގައިގެ ބަހެއް ފުރެންދެން މީހުންނަށް ދަތުރު ކުރެވުނަސް މިހާރު ހަމަޖައްސާފައިވާ ގޮތުން އެ ވަރުގެ ބަހެއްގައި ތިބެވޭނީ 25 މީހުންނަށެވެ. ހޮޓަލުގެ ކޮޓަރިއެއްގައި ވެސް މީގެ ކުރިން ގިނަ ވެގެން ފަސް މީހުންނަށް ތިބެވުނަސް މިހާރު ކޮޓަރިއެއްގައި އެންމެ ގިނަ ވެގެން ތިބެވޭނީ ދެ މީހުންނަށެވެ.

ގިބްލަ ހައްޖު އެންޑް އުމްރާ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވި ގޮތުގައި މެދުއިރުމައްޗަށް ކުރާ ދަތުރުތަކުގެ ޑިމާންޑާއެކު ސައުދީގެ ޓިކެޓުގެ އަގުބޮޑުވެފައިވާ ކަމަށެވެ. އޭގެ އިތުރުން، މައްކާގައި އޮޕަރޭޓްކުރަން ހުއްދަ ދީފައިވާ ހޮޓާތަކުގެ އަދަދު މަދުވުމުން ވެސް އެ ތަންތަނުގެ އަގުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން އާދައިގެ ހޮޓާތަކުގައި ތިބެވުނަސް ސައުދީން މި ވަގުތު ހުއްދަދީފައި ވަނީ 3-5 ތަރީގެ މަދު ހޮޓާތަކަށެވެ.

"ވިސާ ދޫކުރާ އެޖެންޓުން، އެއާލައިން ޓިކެޓު ފިޔަވައި އެހެން ހުރިހާ އެއްޗެއް ހަމަޖައްސަން ޖެހޭނީ. ދަތުރުތަކުގެ ހަރަދާ އެ ހުރިހާ ކަމެއް ބަލާލިއިރު އެހެން އަހަރުތަކަށް ވުރެ އަގުބޮޑު މި ފަހަރު. އަންނަ މަހު އުމްރާއަށް މީހުން ގެންދާނެތޯ ނުވަތަ ނޫންތޯ އަދި ނުނިންމަން،" ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރިން ކުރެއްވި ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ހުއްދަ ދީފައިވާ ތިން ތަރީގެ ހޮޓާތައް ހަރަމްފުޅާ ދުރު ކަމަށެވެ. އެހެންވެ، އެ ތަންތަނުގައި ތިބުން ފަސޭހައެއް ނުވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

އުމްރާގެ އަޅުކަމުގައި ހުއްޓައި ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ މެޑިކަލް އިންޝުއަރެންސް އިން ފަރުވާގެ ހުރިހާ ކަމެއް ހަމަޖައްސައިދޭނެ އެވެ.

ރަމަޟާންގެ މަހުގެ އުމްރާގެ އިތުރުން ސްކޫލުގެ ޗުއްޓީތަކާ ދިމާކޮށް މާޗު އަދި ޑިސެމްބަރު މަހު ވެސް ދިވެހިން އުމްރާއަށް ދެ އެވެ. ރަމަޟާން މަހު އުމްރާގެ ޕެކޭޖެއް 36،000ރ. އަށް، ޑިސެމްބަރު މަހުގެ 15-20 ދުވަހުގެ އުމްރާ ދަތުރެއް 24،000ރ. އަށް ކޮށްދެ އެވެ.