Roadha Mihaaru

ޒުވާން ޝައިހު އާޒިމް ޚާލިދު އުމްރާ ގުރޫޕެއް ހައްދަވައިފި

ރާއްޖޭގައި ފަހަކަށް އައިސް ގިނަ ބައެއްގެ ސަމާލުކަން ލިބުނު ޝައިހް އާޒިމް ޚާލިދު އުމްރާ ގުރޫޕެއް ހައްދަވައި، އުމްރާގެ އަޅުކަމަށް މީހުން ގެންދިއުމުގެ މަސައްކަތްތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވާން ފައްޓަވައިފި އެވެ.

ޒުވާން ޝައިހު އާޒިމް އުމްރާ ގުރޫޕެއް ހައްދަވައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

10 އޯގަސްޓް 2025

ރާއްޖޭގައި ފަހަކަށް އައިސް ގިނަ ބައެއްގެ ސަމާލުކަން ލިބުނު ޝައިހް އާޒިމް ޚާލިދު އުމްރާ ގުރޫޕެއް ހައްދަވައި، އުމްރާގެ އަޅުކަމަށް މީހުން ގެންދިއުމުގެ މަސައްކަތްތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވާން ފައްޓަވައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން މާލެ އާއި އެހެނިހެން ރަށްރަށުގައި ދީނީ ދަރުސްތައް ދެއްވަމުން ގެންދަވާ އުމުރުން 32 އަހަރުގެ ޒުވާން ޝައިހުގެ އުމްރާ ގުރޫޕް "އަލްވާދީ" އަށް ސަރުކާރުން ހުއްދަ ދިނީ މިދިޔަ ޖޫން މަހު އެވެ.

ބ. ހިތާދު އަށް އުފަން އާޒިމްގެ އަލްވާދީ ހައްޖު އެންޑް އުމްރާ ގުރޫޕުގެ ފުރަތަމަ ދަތުރު ރާވާފައި ވަނީ ސްކޫލްތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް މި އަހަރުގެ ޑިސެމްބަރު 24 ގަ އެވެ. ދަތުރު ކުރާނީ އެމިރޭޓްސް ފްލައިޓުންނެވެ.

އަލްވާދީ ގުރޫޕުން ބުނީ، އުމްރާގެ އަޅުކަމަށް ދާން ބޭނުންވާ މީހުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

ސީއީއޯ އަބްދުލް ހާފިޒް ވިދާޅުވީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ލިބުނު ތަރުހީބުން ވަރަށް ބޮޑު އުފަލެއް ލިބުނު ކަމަށެވެ. އަދި މައްކާ އާއި މަދީނާގެ އެންމެހައި އިންތިޒާމުތައް ވެސް އެ ގްރޫޕުން ވަރަށް އިސްކަމެއް ދީގެން މިހާރު ހަމަޖައްސަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިރާދުކުރެއްވިޔާ މި ދަތުރުވެގެން ދާނީ ހުރިހާ ގޮތަކުން ވެސް ވަރަށް ކާމިޔާބު ދަތުރަކަށް،" ހަފީޒް ވިދާޅުވި އެވެ.

އުމްރާ ގްރޫޕުން ބުނީ، މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ގުރޫޕަށް މި ލިބުނު ތަރުހީބުން ދައްކުވައިދެނީ ރައްޔިތުން، އެ ގްރޫޕަށް ކުރާ އިތުބާރު ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ވާނީ އިތުބާރު ހިފަހައްޓައި، ހިތްހަމަޖެހިގެން އުމްރާގެ އަޅުކަން އަދާކުރުމުގެ މަގުފަހިވާނެ ކަމެއް ކަމަށް އެ ގުރޫޕުން ނެރުނު ބަޔާނުގައި ބުންޏެވެ.

ޑިސެމްބަރުގައި އެ ގްރޫޕުން ކުރާ ފުރަތަމަ ދަތުރުގެ ޝައިހެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ އާޒިމް އެވެ.

މަދީނާ ޔުނިވާސިޓީން ގްރެޖުއޭޓު ވެފައިވާ އާޒިމް ގެންދަވަނީ ދީނީ ކަންކަމަށް ޒުވާނުން ވެއްދުމަށްޓަކައި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ހާއްސަކޮށް މިދިޔަ ރޯދަމަހު ވަރަށް ގިނަ ރަށްރަށަށް ވަޑައިގެން ދަރުސްތައް ދެއްވި އެވެ.