Roadha Mihaaru

މިދިޔަ އަހަރު 18.5 މިލިއަން މީހުން ހައްޖާއި އުމްރާގެ އަޅުކަން އަދާކުރި

މިދިޔަ އަހަރު ސައުދީން ބޭރުން 18.5 މިލިއަނަށް ވުރެ ގިނަ މީހުން ހައްޖާއި އުމްރާގެ އަޅުކަން އަދާކޮށްފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ތައުފީގު އަލް ރާބިއާ ވިދާޅުވެއްޖެ އެވެ.

މިދިޔައަހަރު 18.5 މިލިއަން މީހުން ހައްޖާއި އުމްރާވި

މިދިޔަ އަހަރު ސައުދީން ބޭރުން 18.5 މިލިއަނަށް ވުރެ ގިނަ މީހުން ހައްޖާއި އުމްރާގެ އަޅުކަން އަދާކޮށްފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ތައުފީގު އަލް ރާބިއާ ވިދާޅުވެއްޖެ އެވެ.

ޖިއްދާގައި ބޭއްވި ހައްޖު އެންޑް އުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަންގެ ހަތަރު ވަނަ އެޑިޝަންގައި އަލް ރާބިއާ ވިދާޅުވީ މިއީ ސަލްމާން ރަސްގެފާނުގެ އިރުޝާދާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ތާއީދާ އެކު އިންތިޒާމްތަކަށް ގެނައި ބަދަލުގެ ކާމިޔާބު ނަތީޖާ ކަމަށެވެ.

މި ގެނައި ބަދަލުތަކުގައި އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ކީރިތި ރަސޫލާގެ މިސްކިތުގެ ރައުދާ އައް ޝަރީފާއަށް ޒިޔާރަތް ކުރުމުގައި ހަމަޖައްސާފައިވާ ފަސޭހަތަކެވެ. އިންތިޒާމްތަކުގައި އުޅޭ މީހުން ގިނަކުރުމާ އެކު، އޮންލައިން ބުކިން ޕްރޮސެސް ސްޓްރީމްލައިންކޮށް، ޕްރޮފެޝަނަލް ކްރައުޑް މެނޭޖްމަންޓް ސިސްޓަމެއް ބޭނުންކުރަން ފެށުމުން، 2022 ވަނަ އަހަރު ޒިޔާރަތްކުރި މީހުންގެ އަދަދު 4 މިލިއަނުން 2024 ވަނަ އަހަރު ވަނީ 13 މިލިއަނަށް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"ނުސުކް" އެޕްލިކޭޝަންގެ އަޕްގްރޭޑް ވާޝަނަކާ އެކު، އިންޓަގްރޭޓެޑް ހައްޖުގެ ތަޖުރިބާއެއް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ އިތުރު 100 ހިދުމަތެއް މިހާރު ވަނީ އިފްތިތާހު ކޮށްދެއްވައިފަ އެވެ.

އަލް ރާބިއާ ވަނީ ހައްޖުވެރިންނަށް ދީނީ އަޅުކަން އަދާކުރުމުގައި ދިމާވާ ދަތިތައް ފާހަގަކުރައްވައިފަ އެވެ.

"ކުރިން ދަތިކަމާއި ވަރުބަލިކަމުން ފުރިގެންވާ ހައްޖު ދަތުރަކީ މިހާރު ހުރިހާ ހައްޖުވެރިންނަށް ވެސް ފުޅާ ދާއިރާއެއްގައި ހިދުމަތްތައް ލިބެން ހުރި، ފަސޭހަކަމާއި ޔަގީންކަމުގެ ދަތުރަކަށް ބަދަލުވެއްޖެ،" އޭނާ ވިދާޅުވި އެވެ.

މި ރޯދަ މަހުގެ ހަ ވަނަ ދުވަހު ވަނީ މިހާތަނަށް އެއް ދުވަހާ އެންމެ ގިނަ މީހުން އުމްރާވުމުގެ ރެކޯޑް ވެސް ހެދިފަ އެވެ. އެ ދުވަހު 500،000 މީހުން އުމްރާގެ އަޅުކަން އަދާކުރި އެވެ.