Roadha Mihaaru
ރޯދަ އުމްރާއަށް ނުދެވޭނެތީ ފައިސާ ދޭން ނިންމައިފި

ރޯދަ މަހު އުމްރާ އަށް ނުދެވޭނެތީ ފައިސާ އަނބުރާ ދެނީ

19 އެޕްރީލް 2020

ރޯދަ މަހު އުމްރާ އަށް ދާން ފައިސާ ދައްކާފައިވާ މީހުންނަށް ބައެއް ކުންފުނިތަކުން ފައިސާ އަނބުރާ ދޭން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރޯދަ މަހު އުމްރާ އަށް ދާން ފައިސާ ދައްކާފައިވާ މީހުންނަށް ބައެއް ކުންފުނިތަކުން ފައިސާ އަނބުރާ ދޭން ފަށައިފި އެވެ.

މިގޮތަށް ނިންމީ ކޮވިޑް-19 ފެތުރޭތީ މިއަހަރުގެ ރޯދަ މަހު އުމްރާ އަށް ދެވެން ނެތުމުންނެވެ.

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އެޅި ފިޔަވަޅެއްގެ ގޮތުން ސައުދީން މިދިޔަ މާޗް މަހު ކުރީކޮޅު ވަނީ އުމްރާގެ އަޅުކަން މެދުކަނޑާލައިފަ އެވެ.

ރޯދަ މަހު އުމްރާ އަށް ކޮންމެ އަހަރަކު ވެސް ރާއްޖޭން ގިނަ ބަޔަކު ސައުދީއަށް ދެ އެވެ. އެގޮތުން މި އަހަރު ވެސް ރޯދަ މަހުގެ އުމްރާ އަށް ދިއުމަށް ގިނަ ޖަމާއަތްތަކަށް މީހުން ވަނީ ފައިސާ ދައްކައިފަ އެވެ. އެގޮތުން މީހަކަށް 36،000 ރުފިޔާ އާއި 39،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ދެއްކި އެވެ.

އުމްރާ އާއި ހައްޖުގެ އަޅުކަމަށް މީހުން ގެންދާތާ ގިނަ ދުވަސްތަކެއް ވީ ޒަމްޒަމް ހައްޖު އެންޑް އުމްރާ ޓްރެވަލް އިން މިއަދު ބުނީ މި އަހަރުގެ ރޯދަ މަހުގެ އުމްރާ އަށް ދިއުމަށް އެޖަމާއަތަށް ފައިސާ ދައްކާފައިވާ މީހުންނަށް އަނބުރާ އެ ފައިސާ ދޭން ނިންމާފައިވާ ކަމަށެވެ. އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އެޖަމާއަތުގެ ނަމްބަރަށް މެސެޖް ކުރުމަށް ވަނީ އެދިފަ އެވެ.

ރޯދަ މަހުގެ އުމްރާ އަށް ދިއުމަށް 50 މީހުން ފައިސާ ދައްކާފައިވާ ގިބްލަ ހައްޖު އެންޑް އުމްރާ ގުރޫޕްގެ މެނޭޖިން ޑިރެކްޓާ ޔާމީން އިދުރީސް ވެސް ވިދާޅުވީ މިފަހަރުގެ އުމްރާއަށް ދެވެން ނެތުމުން ފައިސާ އަނބުރާ ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ސައުދީއަށް ދެއްކި އެޑްވާންސް ފައިސާ ލިބުމުން ރިފަންޑިންގެ ކަންކަން ހަމަޖައްސާނަން. މިމަސް ނިމުމުގެ ކުރިން ފައިސާ ދެއްކި ބޭފުޅުންނަށް ގުޅައި އެ މައުލޫމާތު ހިއްސާ ކުރާނަން،" ޔާމީން ވިދާޅުވި އެވެ.

ރޯދަ މަހުގެ އުމްރާއަށް ދެވެން ނެތުމުން އެދެ ޖަމާއަތުގެ އިތުރުން އެހެން ބައެއް ޖަމާއަތްތަކުން ވެސް ރިފަންޑިން ދޭން ވަނީ ނިންމާފަ އެވެ.

ކޮވިޑް-19ގެ ސަބަބުން މާޗް މަހުގެ އުމްރާތައް ވެސް ވަނީ ކެންސަލް ވެފަ އެވެ. އެ ދަތުރުތަކުގެ ރިފަންޑު ދިނުމުގެ ބަދަލުގައި ދިވެހި ޖަމާއަތްތަކުން ވަނީ އެ ދަތުރު އަހަރުގެ ފަހުކޮޅަށް ފަސްކޮށްދޭން ނިންމާފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ހައްޖުގެ އަޅުކަންވެސް މިފަހަރު ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ނެތުމުން އެކަމުގެ ތައްޔާރީތައްވެސް ސައޫދީން ވަނީ މެދުކަނޑާލާފަ އެވެ. ނުރައްކާތެރި ކޮރޯނާވައިރަސް ހަލުވި ކަމާއެކު ފެތުރޭ ގައުމުތަކުގެ ތެރޭގައި ސައޫދީ ވެސް ހިމެނެ އެވެ.