Roadha Mihaaru
ހައްޖު ކޯޓާ 2،500 އަށް އިތުރުކޮށްދޭން އެދިއްޖެ

ހައްޖު ކޯޓާ 2،500 އަށް އިތުރު ކޮށްދޭން ސަރުކާރުން އެދިއްޖެ

02 މާޗް 2023

މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް ލިބޭ ކޯޓާގެ އަދަދު 2،500 އަށް އިތުރުކޮށްދޭން ސަރުކާރުން ސައުދީ އަރަބިއްޔާގައި އެދިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް ލިބޭ ކޯޓާގެ އަދަދު 2،500 އަށް އިތުރުކޮށްދޭން ސަރުކާރުން ސައުދީ އަރަބިއްޔާގައި އެދިއްޖެ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވުމުން އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު ވިދާޅުވީ ސައުދީ ސަރުކާރުން ރާއްޖެއަށް ދީފައިވާ ރަސްމީ ހައްޖު ކޯޓާގެ އަދަދު 2،500 އަށް އިތުރުކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ސައުދީ ސަރުކާރުގައި އެދިވަޑައިގެންފައިވާ ކަމަށެވެ.

ސައުދީން ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ރަސްމީ 1،000 ކޯޓާ ދޫކުރެ އެވެ. މި އަހަރު ވެސް ވަނީ އެ އަދަދަށް ކޯޓާ ދީފަ އެވެ.

"ރައީސް ވަރަށް ބޮޑަށް އެބަ މަސައްކަތްޕުޅު ކުރައްވާ ކޯޓާ އިތުރުކުރެއްވުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އިތުރު ކޯޓާ ލިބޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރެވެ އެވެ. މީގެ ކުރީގެ އަހަރުތަކުގައި ވެސް ކޯޓާތައް ޕޯޓަލްއަށް އަޅައި ނިމުމުން ސައުދީ ސަރުކާރުން އިތުރު ކޯޓާ ދެ އެވެ. އެހެން އަހަރުތަކާ ހިލާފަށް މިފަހަރު ރޯދައިގެ ކުރިން ކޯޓާ ލިބުމުން، އަންނަ ރޯދަމަހު އިތުރު ކޯޓާ ލިބުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ވެސް މިނިސްޓަރު ލަފާކުރައްވަ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ ޖޫން 27 އެވެ.

ރާއްޖެއިން މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލަށް ހުށަހަޅަން ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. މިނިސްޓްރީގެ އިއުލާނުގައި ބުނީ ހައްޖަށް މީހުން ގެންދިއުމަށް މިދިޔަ އަހަރުގެ މެއި މަހުގައި ގެޒެޓުކުރި، ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގައިވާ ޝަރުތު ހަމަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ކަންތައް ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ، ކޮވިޑް-19ގެ ބަލިމަޑުކަން ފެށުމުގެ ކުރިން އޮތް އާންމު އުސޫލުންނެވެ.

ހައްޖުގެ އަޅުކަމުގައި މިދިޔަ އަހަރު ޖުމްލަ 899،533 މީހުން ބައިވެރިވި އެވެ. ކޮވިޑްއާ ގުޅިގެން ރާއްޖެއަށް ލިބުނީ 453 ކޯޓާ އެވެ. އެ ހުރިހާ ޖާގައެއް ވެސް އެ ފަހަރު ދިނީ ހައްޖު ކޯޕަރޭޝަނަށެވެ.