Roadha Mihaaru
ރާއްޖޭން މިއަހަރު ހައްޖަށް ދެވޭނެކަމެއް އަދިވެސް ނޭނގޭ

ރާއްޖޭން މިއަހަރު ހައްޖަށް ދެވޭނެކަމެއް އަދިވެސް ނޭނގޭ

01 ޖޫން 2021

ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއިން މި ފަހަރު ހުޅުވާލާ 60،000 ޖާގައިން ރާއްޖެއަށް ފުރުސަތު ލިބޭކަމުގެ ޔަގީންކަން އަދިވެސް ނުލިބޭ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއިން މި ފަހަރު ހުޅުވާލާ 60،000 ޖާގައިން ރާއްޖެއަށް ފުރުސަތު ލިބޭކަމުގެ ޔަގީންކަން އަދިވެސް ނުލިބޭ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހު ވިދާޅުވީ ހައްޖަށް ދާން މިފަހަރު ހުޅުވާލަނީ 60،000 ފުރުސަތުކަން ނުރަސްމީކޮށް އެނގިފައި ވިޔަސް އެކަމާ ގުޅޭ ގޮތުން ސައުދީން އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ނުރަސްމީކޮށް އެނގިފައިވަނީ މި ފަހަރު މުޅި ދުނިޔެއަށް ހުޅުވާލަނީ 60،000 ޖާގަކަން. ރަސްމީކޮށް ނާންގާތީ ރާއްޖެއަށް އެ ކޯޓާ ލިބޭކަމެއް އަދި ނޭނގޭ،" އަފްރާހު ވިދާޅުވި އެވެ.

ކޮވިޑު-19 ގެ ބިރުވެރިކަން ބޮޑުވުމުން ސައުދީން މިދިޔަ އަހަރު ހައްޖުގެ އަޅުކަން ކުރިއަށްގެންދިޔައީ ހަމައެކަނި އެ ގައުމުގައި ތިބި މީހުންނަށް ބައިވެރިވެވޭ ގޮތަށް އުސޫލެއް ހަމަޖައްސައިގެންނެވެ. މިދިޔަ އަހަރުގެ އަޅުކަމުގައި ގާތްގަނޑަކަށް 10،000 މީހުން ބައިވެރިވި އެވެ. މި އަހަރު އަދި އެފަދަ އުސޫލެއް ހަމައެއް ނުޖައްސަ އެވެ.

ނަމަވެސް މައުލޫމާތު ހުރި މީހުންނާ ހަވާލާދީ ބޭރުގެ ނޫސްތަކުން ބުނީ، ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސައުދީގައި އުޅޭ އެހެން ގައުމުތަކުގެ މީހުން ވެސް ހިމެނޭ ގޮތަށް ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނާއި އެ ބަލިން ރަނގަޅުވިތާ ހަ މަސް ނުވާ މީހުންނަށެވެ.

އެކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު "މިހާރު" އަށް ކުރިން ވިދާޅުވީ ހައްޖުގެ އަޅުކަމަށް ސައުދީން މި އަހަރު އަމަލުކުރާނެ މިންގަނޑެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ. ކުރީގެ އަހަރުތަކުގައި އެ ގައުމުގެ ހައްޖު މިނިސްޓްރީން ގައިޑްލައިންތަކާއި އެއްބަސްވުންތައް ވެސް މި ހިސާބަށް އަންނައިރު ފޮނުވާ ކަމަށާއި އެކަމަކު މި ފަހަރު އަދި އެ ލިޔެކިޔުންތައް ނުލިބޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހައްޖުގެ އަޅުކަމަށް މިހާ ކުޑަތަންވެފައި ވިޔަސް ފުރުސަތު ލިބިއްޖެ ނަމަ ސަރުކާރުގެ ވިސްނުމަކީ މީހުން ފޮނުވުމެވެ.

ހައްޖަށް މީހުން ފޮނުވުމަށް އާންމުކޮށް ސައުދީން 1،000 ޖާގަ ދެ އެވެ. އޭގެ ތެރެއިން 50 ޕަސެންޓް މީހުން ހައްޖަށް ފޮނުވަނީ ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުންނެވެ. ބާކީ 50 ޕަސެންޓް ކޯޓާ ބަހާލަނީ ހައްޖަށް މީހުން ގެންދާ އަމިއްލަ ކުންފުނިތަކުގެ މެދުގަ އެވެ.