Roadha Mihaaru
ބޭންކް އޮފް ސިލޯނުން ހައުސިން ލޯނެއް ތައާރަފްކޮށްފި

ބޭންކް އޮފް ސިލޯނުން ހައުސިން ލޯނެއް ތައާރަފްކޮށްފި

07 ޖުލައި 2017

ބޭންކް އޮފް ސިލޯން (ބީއޯސީ) އިން ފުރަތަމަ ފަހަރަށް ހައުސިން ލޯނެއް މިރޭ ތައާރަފްކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ބޭންކް އޮފް ސިލޯން (ބީއޯސީ) އިން ފުރަތަމަ ފަހަރަށް ހައުސިން ލޯނެއް މިރޭ ތައާރަފްކޮށްފި އެވެ.

ގެދޮރު ގަތުމަށާއި އިމާރާތްކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ލޯނު އިފްތިތާހުކުރުން އޮތީ މިހާރު ދަރުބާރުގޭގައި ކުރިއަށް ގެންދާ ފައިނޭންޝަލް އެކްސްޕޯގަ އެވެ. ބީއޯސީގެ ހައުސިން ލޯނު އިފްތިތާހު ކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް އެވެ.

ބިއޯސީގެ އިސް އޮފިޝަލަކު މިރޭ ވިދާޅުވީ، އެޕާޓްމެންޓް ގަންނަ ފަރާތްތަކަށާއި ރިއަލް އެސްޓޭޓް ވިޔަފާރިކުރާ ކުންފުނިތަކަށް ވެސް އެ ބޭންކުގެ ހައުސިން ލޯނު ލިބޭނެ ކަމަށެވެ. އެގޮތުން 11 ޕަސެންޓާއި 12 ޕަސެންޓާ ދެމެދުގެ އިންޓަރެސްޓް ރޭޓެއްގައި ދޫކުރާ ލޯނުން އެޕާޓްމެންޓް ގަންނަ ނަމަ ފަސް މިލިއަން ރުފިޔާއާ ހަމައަށް ދޫކުރެ އެވެ. އަދި ގެދޮރު އިމާރާތްކޮށްގެން ވިއްކާ ނަމަ ގިނަވެގެން ދޫކުރާނީ 20 މިލިއަން ރުފިޔާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ބީއޯސީގެ ހައުސިން ލޯނު ދޫކުރަނީ ދެ އަހަރުގެ ގްރޭސް ޕީރިއަޑާ އެކު ގިނަވެގެން 15 އަހަރުގެ މުއްދަތަކަށެވެ. އެގޮތުން އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ ކޮންމެ ދިވެއްސަކަށް ވެސް ހައުސިން ލޯނު ލިބޭނެ ކަމަށް ބީއޯސީން ބުންޏެވެ.