Roadha Mihaaru

ހިޔާވެހި ސްކީމްގެ ލޯނުތައް އަންނަ މަހު ދޫކުރަން ފަށަނީ

ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ލޯނު ދޫކުރާ "ހިޔާވެހި" ފައިނޭންސިން ސްކީމަށް ޝަރުތު ހަމަވާ މީހުންނަށް ލޯނު ދޫކުރުމުގެ މަސައްކަތް ލަސްވެގެން އަންނަ މަހު ފަށަައިގަނެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ހިޔާވެހި ސްކީމްގެ ލޯނުތައް އަންނަ މަހު ދޫކުރަން ފަށަނީ

ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ލޯނު ދޫކުރާ "ހިޔާވެހި" ފައިނޭންސިން ސްކީމަށް ޝަރުތު ހަމަވާ މީހުންނަށް ލޯނު ދޫކުރުމުގެ މަސައްކަތް ލަސްވެގެން އަންނަ މަހު ފަށަައިގަނެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ފަސް ޕަސެންޓުގެ އިންޓްރެސްޓުގައި ދޫކުރާ އެ ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު 2،256 ފޯމު ހުށަހެޅި ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި އެ ސްކީމުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަލީ މޫސާ ކުރެއްވި ސުވާލެއްގެ ޖަވާބުގައި ހައުސިން މިނިސްޓަރު ވިދާޅުވީ، އެއީ ސަރުކާރުން ފަސް ޕަސެންޓަށް ސަބްސިޑައިޒް ކޮށްގެން ކުރިއަށް ގެންދާ ސްކީމަކަށް ވާތީ، މިހާރު ކުރިއަށް ގެންދަނީ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާ އެކު، އެއްބަސްވުންތަކުގައި ސޮއިކުރުން ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާ އެކު، ސޮއިކުރެވުނުހާ އަވަހަކަށް އެ ތަންތަން މެދުވެރިކޮށް އިވެލުއޭޝަން ހަދައ،ި ޝަރުތު ހަމަވާ މީހުންނަށް ލޯނު ދޫކުރުން ކުރިަށް ގެންދާނެ އެވެ.

"ދެން އިރާދަކުރެއްވިއްޔާ މި މަސް ތެރޭގައި، އެންމެ ލަސްވެގެން ޖުލައި ކުރީކޮޅު، އަޅުގަނޑުމެންނަށް ލިބިފައި ހުރި އެޕްލިކޭޝަންތައް އެ ބޭންކުތަކަށް ފޮނުވައިގެން މަސައްކަތް ފަށައިގަނެވޭނެ ވާހަކަ ދަންނަވައިލަން،" މިނިސްޓަރު ވިދާޅުވި އެވެ.

ހިޔާވެހި ސްކީމުގެ ދަށުން ތިން ކެޓަގަރީއަކުން ލޯނު ދޫކުރެ އެވެ. އެއީ؛

• ރަށްވެހި / ހުރިހާ ރަށަކަށް ދޫކުރާ އެއް މިލިއަން ރުފިޔާގެ ސްކީމް

• ސަހަރު / އާބަން ސަރަހައްދުތަކަށް ދޫކުރާ ތިން މިލިއަން ރުފިޔާގެ ސްކީމް

• ފަހިމާލެ / މާލެ ސަރަހައްދަށް ދޫކުރާ ހަ މިލިއަން ރުފިޔާގެ ސްކީމް

ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެންމެ ގިނަ ފޯމު ލިބިފައި ވަނީ ރަށްވެހި ކެޓަގަރީންނެވެ. އެ ކެޓަގަރީގެ ދަށުން 1،329 މީހަކު ފޯމު ހުށަހަޅާފައިވެ އެވެ. ސަހަރު ކެޓަގަރީން 586 މީހަކު އަދި ފަހިމާލެ ކެޓަގަރީން 341 މީހަކު ފޯމު ހުށަހަޅާފައިވެ އެވެ.

ބީއެމްއެލް އާއި އެޗްޑީއެފްސީ އަދި އެމްއައިބީއާ އެކު ކުރިއަށް ގެންދާ މި ފައިނޭންސިން ޕްރޮގްރާމުން ލޯނު ދޫކުރަނީ 5-10 ޕަސެންޓުގެ އިކުއިޓީ ރޭޓުގަ އެވެ. އެ ސްކީމުގެ ދަށުން ލޯނު ނަގާ މީހުންނަށް ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ދޭނެ އެވެ. އަދި އެއް މިލިއަން ރުފިޔާގެ ސްކީމުގައި ބައިވެރިވާ މީހުން އިކުއިޓީގެ ގޮތުގައި އެއްވެސް އަދަދެއް ދައްކަން ނުޖެހޭނެ އެވެ.

ގެދޮރު އަލަށް އިމާރާތް ކުރުމާއިި މަރާމާތު ކުރުމާއި އަދި ހަދަން ފަށައި، ނުނިމި ހުރި މަސައްކަތްތައް ކުރަން ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދަކަށް ވާތީ، އެ ވައުދު ފުއްދުމަށް "ހިޔާވެހި ފައިނޭންސިން ސްކީމް" ތައާރަފުކުރީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. މި އަހަރު މި ލޯނު ދިނުމަށް އެއް ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައި ވެ އެވެ.