ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ލޯނު ދޫކުރާ "ހިޔާވެހި" ފައިނޭންސިން ސްކީމްގެ ދަށުން ލޯނު ދިނުމަށް ހައުސިން މިނިސްޓްރީން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
24 ޖޫން 2025
ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ލޯނު ދޫކުރާ "ހިޔާވެހި" ފައިނޭންސިން ސްކީމްގެ ދަށުން ލޯނު ދިނުމަށް ހައުސިން މިނިސްޓްރީން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ ހައުސިން މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ހައުސިން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ޝަރީފެވެ.
އެ ރަސްމިއްޔާތުގައި މުއްތަލިބް ވިދާޅުވީ މި ސްކީމަށް ފޯމު ހުށަހަޅާފައިވާ މީހުންގެ އަސާސީ ޝަރުތުތައް ހަމަވޭތޯ މިވަގުތު ބަލަމުން އަންނަ ކަމަށެވެ. އެއަށް ފަހު ފޯމުތައް އިވެލުއޭޓްކޮށް، ލޯނުގެ ކަންކަން ހަމަޖެއްސުމަށް ބީއެމްއެލަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފޯމުތައް އިވެލުއޭޓްކުރުމުގެ މަސައްކަތް އަންނަ މަހު ބޭންކުތަކުން ފަށާނެ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
"ހިޔާވެހި" ސްކީމްގެ ލޯނު ދޫކުރުމަށް ބީއެމްއެލްއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ބީއެމްއެލްގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަން (އެޗްޑީއެފްސީ) މެދުވެރިކޮށް ވެސް މި ލޯނު ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
މުއްތަލިބް ވިދާޅުވީ މި ލޯނު ދޫކުރުމުގެ ތަޖުރިބާއަށް ބަލައި، އަންނަ އަހަރުގެ ކުރީކޮޅުގައި ދެވަނަ ބުރަކަށް ހުޅުވާލުމުގެ ވިސްނުން ވެސް ސަރުކާރުން ގެންގުޅޭ ކަމަށެވެ.
މި މަރުހަލާގައި ދިމާވާ ދަތިތައް ހައްލުކޮށްފައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދެވަނަ ބުރެއް ވެސް ހުޅުވާލާނަން: މުއްތަލިބް، ހައުސިން މިނިސްޓަރު
"އެއްވެސް ސްކީމަކީ ޕާފެކްޓުކޮށް އެގްޒެކިއުޓް ކުރެވޭ ސްކީމަކަށް ނުވެދާނެ. އެހެންވީމަ، މި މަރުހަލާގައި ދިމާވާ ދަތިތައް ހައްލުކޮށްފައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދެވަނަ ބުރެއް ވެސް ހުޅުވާލާނަން، މި ބުރުގެ ތަޖުރިބާއަށް ބަލައިފައި، 2026 ވަަނަ އަހަރުގެ ކުރީކޮޅުގައި،" މުއްތަލިބް ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ "ހިޔާވެހި" ސްކީމްގެ ލޯނުތައް ބީއެމްއެލް އިން ދޫކުރާނީ އިސްލާމިކް ފައިނޭންސިންގެ އުސޫލުތަކުގެ ދަށުން ކަމަށެވެ. އަދި މި ލޯނު ދޫކުރަނީ އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި ލޯނު ދޫކުރާ އެންމެ ކުޑަ ރޭޓުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓްރީއާއެކު މިއަދު ހެދި އެއްބަސްވުމުގެ ދަށުން، ލޯނު އެޕްލިކޭޝަންތައް އެ ބޭންކަށް ލިބުމުން މަދުވެގެން ދެ ހަފުތާގެ ތެރޭގައި އިވެލުއޭޝަން ނިންމައި އަނބުރާ މިނިސްޓްރީއަށް ފޮނުވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ އުއްމީދަކީ ޖުލައި މަހުގެ ތެރޭގައި ލޯނު ދޫކުރެވޭ ވަރު ކުރުން: ޝަރީފް، ބީއެމްއެލްގެ ސީއީއޯ
"އަޅުގަނޑުމެންގެ އުއްމީދަކީ ޖުލައި މަހުގެ ތެރޭގައި ލޯނު ދޫކުރެވޭ ވަރު ކުރުން،" ޝަރީފް ވިދާޅުވި އެވެ.
"ހިޔާވެހި" ފައިނޭންސިން ސްކީމްގެ ދަށުން ލޯނަށް އެދި 2،256 މީހަކު ހައުސިން މިނިސްޓްރީއަށް ފޯމު ހުށަހަޅާފައިވެ އެވެ. އެއީ ތިން ކެޓަރީއަކުން ދޭ ލޯނަށެވެ.
• ރަށްވެހި: ހުރިހާ ރަށަކަށް ދޫކުރާ އެއް މިލިއަން ރުފިޔާގެ މި ލޯނަށް 1،329 މީހަކު ފޯމު ހުށަހެޅި.
• ސަހަރު: އާބަން ސަރަހައްދުތަކަށް ދޫކުރާ ތިން މިލިއަން ރުފިޔާގެ މި ލޯނަށް 586 މީހަކު ފޯމު ހުށަހެޅި.
• ފަހިމާލެ: މާލެ ސަރަހައްދަށް ދޫކުރާ ހަ މިލިއަން ރުފިޔާގެ މި ލޯނަށް 341 މީހަކު ފޯމު ހުށަހެޅި.
މިނިސްޓަރު މުއްތަލިބް ވިދާޅުވި ގޮތުގައި، މިހާރު ފޯމު ހުށަހަޅާފައި ތިބި ހުރިހާ މީހުންގެ ޝަރުތު ހަމަވެއްޖެ ނަމަ، މި ސްކީމްގެ ދަށުން މި ބުރުގައި ޖުމްލަ 4-5 ބިލިއަން ރުފިޔާގެ ލޯނު ދޫކުރަން ޖެހޭނެ އެވެ.
"ހިޔާވެހި" ސްކީމްގެ ދަށުން ލޯނު ދޫކުރަނީ 5-10 ޕަސެންޓުގެ އިކުއިޓީ ރޭޓުގަ އެވެ. އެ ސްކީމުގެ ދަށުން ލޯނު ނަގާ މީހުންނަށް ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެ އެވެ. އަދި އެއް މިލިއަން ރުފިޔާގެ ސްކީމުގައި ބައިވެރިވާ މީހުން އިކުއިޓީގެ ގޮތުގައި އެއްވެސް އަދަދެއް ދައްކަން ނުޖެހޭނެ އެވެ.
ނަމަވެސް، އާބަން ސަރަހައްދުތަކުގެ ލޯނު ނަގާ މީހުން އިކުއިޓީއަށް ފަސް ޕަސެންޓް އަދި މާލެއިން ގެދޮރު އަޅަން ލޯނު ނަގާ މީހުން އިކުއިޓީގެ ގޮތުގައި 10 ޕަސެންޓު ބަހައްޓަން ޖެހޭނެ އެވެ.
ގެދޮރު އަލަށް އިމާރާތްކުރުމާއިި މަރާމާތުކުރުމާއި އަދި ހަދަން ފަށައި، ނުނިމި ހުރި މަސައްކަތްތައް ކުރަން ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެ ވައުދު ފުއްދުވުމަށް ދަށުން "ހިޔާވެހި ފައިނޭންސިން ސްކީމް" ތައާރަފުކުރީ މިދިޔަ އަހަރު ފަހުކޮޅު އެވެ. އަދި މި އަހަރު މި ލޯނު ދިނުމަށް އެއް ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.
4،000 ފްލެޓުގެ އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި
ގިރާވަރާއި ހުޅުމާލެ3 ހިއްކާ އެގްރިމެންޓު ބާތިލްކުރަނީ
ގޯތިތަކުގެ އެއްބަސްވުމަށް ބަދަލުގެނައީ ގާނޫނާ ފުށުއަރާތީ
ހިޔާވެހި ސްކީމްގެ ލޯނުތައް އަންނަ މަހު ދޫކުރަން ފަށަނީ
ފްލެޓުތައް އަންނަ މަހު ހަވާލުކުރަން ފަށަނީ
ހިޔާވެހި ސްކީމް: 2،200 މީހުން ލޯނަށް އެދެފި
ބައިވެރިޔާގެ ގޯއްޗެއް އޮތްނަމަ ފްލެޓް ނުލިބޭނެ
ސެޕްޓެމްބަރުގެ ނިޔަލަށް 4،000 ފްލެޓް ހަވާލުކުރަނީ
ނޮވެމްބަރު 2023 ގެ ލިސްޓަށް ފްލެޓް ހަވާލުކުރަނީ
ހިޔާވަހި ސްކީމަށް ފަހުން ކުރެހުން ހުށަހެޅޭ ގޮތް ހަދަނީ